މަޝްހޫރު ކޭޕޮޕް ބޭންޑު ކަމަށްވާ ބްލެކްޕިންކްގެ މެމްބަރުން، ކުޑަ ޕެންޑާއެއްގައި އަތްލައި އެ އުފުލާ ހެދުމުގެ ސަބަބުން ޗައިނާގެ އެތައް ބައެއްގެ ފަރާތުން ނުރުހުން ރައްދުވެ ބޭންޑް ހޫނު ފެނަށް ވެއްޓިއްޖެ އެވެ.
ދާދިފަހުން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެނިގެންދަނީ ދެކުނު ކޮރެއާގެ ޒޫގައި، ތިން މަހުގެ ޕެންޑާއެއް ކަމަށްވާ "ފޫ ބައު" އުފުލައިގެން ބްލެކްޕިންކްގެ މެމްބަރުން އުޅޭ މަންޒަރެވެ. އާންމުކޮށް މަންޒަރު ބަލާ މީހުންނަށް އެއީ ބޮޑު ކަމަކަށް ނުވެދާނެ އެވެ. އެހެންނަމަވެސް ޗައިނާގެ ފަރާތްތަކަށް އެ މައްސަލަ ވެގެން ދިޔައީ ބޮޑު މައްސަލައަކަށެވެ.
ޗައިނާއިން ބޭރުގައި ޕެންޑާ ގެންގުޅެ އަދި ބަލަހައްޓާ ގޮތްތަކާ މެދު ޗައިނާގެ ރައްޔިތުން އަބަދު ވެސް ކަންބޮޑުވެ އެވެ.
އަސްލު މައްސަލައަކީ ކޮބާ؟
ޕެންޑާއަކީ ޗައިނާގެ ގިނަ ބަޔަކު ދެކޭގޮތުގައި އެގައުމުގެ ބޮޑު ފަހުރެކެވެ. ސަބަބަކީ ދުނިޔޭގެ ކަންކޮޅުތަކުގެ ތެރެއިން އެއްވެސް ތަނެއްގައި ބަންދުކުރުމެއް ނެތި މިނިވަންކަމާއި ރައްކާތެރިކަމާ އެކު ޕެންޑާއަށް އުޅެވޭ ހަމައެކަނި ތަނަކީ ޗައިނާއަށް ވާތީ އެވެ. ޗައިނާއިން އެހެން ގައުމުތަކާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުން ވަރުގަދަ ކުރުމަށްޓަކައި ޗައިނާއިން ގައުމުތަކަށް ޕެންޑާ ލޯނުކޮށް ހަދަ އެވެ.
ފޫ ބައު މުހިއްމު ރޯލެއް ކުޅެނީ އެހެންވެގެންނެވެ. ފޫބައު އަކީ ޗައިނާއާއި ކޮރެއާއާ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަށް ލޯނުކޮށްފައިވާ ދެ ޕެންޑާއަށް ލިބުނު ފުރަތަމަ ދަރިއެވެ. ޗައިނާގެ ޝިޒުއާން ޕްރޮވިންސުން އެ ދެ ޕެންޑާ، ކޮރެއާއަށް ލޯނުކުރީ 2016 ވަނަ އަހަރުގަ އެވެ.
މިއަހަރުގެ ޖުލައި މަހުގައި ވިހި ފޫބައު އަކީ ކޮރެއާގައި ވިހި ފުރަތަމަ ޕެންޑާއެވެ. މިދިޔަ ހަފްތާގައި ފޫ ބައު ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާގެ އާންމުންނަށް ދައްކާލި އެެވެ.
އެހެންނަމަވެސް ޗައިނާއިން ވަނީ ޕެންޑާ ބަލަހައްޓައި ދެއްކުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކާއި ގަވާއިދުތަކެއް އެކުލަވާލާފަ އެވެ. އެގޮތުން އެ ފަރާތްތަކުން ބުނެފައިވާގޮތުގައި ޕެންޑާގައި އަތްލައި އެ އުފުލައި ހެދޭނީ ހަމައެކި އެކަމަށް ޓްރެއިންވެފައި ތިބޭ ޕްރޮފެޝަނަލުންނެވެ.
އެހެންކަމުން ބްލެކްޕިންކްގެ މެމްބަރުން އެ ޕެންޑާ އުފުލައި އޭގައި އަތްލައި ހެދުމުން ޗައިނާގެ މީހުންގެ ރުޅިގަނޑު އެރީ ރަތަށެވެ. އަދި ޕެންޑާގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ބުނެ ޗައިނާގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
ބައެއް ފަރާތްތަކުން ބުނެފައި ވަނީ ބޭންޑު މެމްބަރުން މާ ގިނައިން މޭކަޕް ހާކައިގެން އެ ޕެންޑާ ގައިގައި އަތްލުމުން އޭގެ ސަބަބުން ޕެންޑާއަށް ނުރައްކާ ވާނެ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޕްރޮޑަކްޝަނުން ވީޑިއޯ ނަގާފައި ވީނަމަވެސް ބްލެކްޕިންކް އިން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.