ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި 9 ނަމަށް ހިޔާލުހޯދަނީ

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބަލަން ހުޅުވާލައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލީ ނުވަ މީހުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވީ މިއަދުއެވެ. އަދި އެ ފަރާތްތަކުގެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ރައީސް ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މެމްބަރުކަމަށް ހުޅުވާލުމުން ކުރިމަތިލީ ނުވަ މީހުން ކަމަށެވެ.

ރައީސް ފޮނުއްވި ނަންތައް ތަރުތީބުން:

ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު
ނަސްރުﷲ ޖަމީލް، ނަލަމަލަ/ ލ. މާވަށް
މުހައްމަދު މުނައްވަރު އަލީ، ވެސްޓްބީޗް/ އއ. މަތިވެރި
ފާތިމަތު މިންހަތު އިއްޒަތު/ ގ. ގޮފި
އައިމިނަތު ފަރީޝާ، ވައިލެޓް ފެހި/ ގދ. ހޯނޑެއްދޫ
އިސްމާއިލް ސާޖިދު، މއ. ވިލާރޮދި
ހުސައިން ޒައިދާން ޖަލީލް، މ. ފާމުދޭރިގެ
އަހްމަދު ސަލާހު، އިރުވާކޮޅުގެ/ ތ.އޮމަދޫ
އަހްމަދު އަޝްރަފް/ ދަފްތަރު ރސ 4883

އެ ފަރާތްތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާއެއް ވާނަމަ، 15 ނޮވެންބަރު ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ކޮމިޓީގެ އީ-މެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

ޓެކްސް އެޕީލްގެ މެމްބަރުކަމަށް ހުޅުވާލީ މިމަހު 28 ވަނަ ދުވަހު އެ އިދާރާގެ ފަސް މެމްބަރުންގެ ދައުރު ހަމަވާތީއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރައިބިއުނަލްއަށް މެމްބަރުން އައްޔަނުކުރަނީ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން މަދުވެގެން ދެ މެމްބަރުންނަކީ ރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތްކޮށް، މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މެމްބަރުން ކަމުގައިވާން ޖެހެއެވެ.

comment ކޮމެންޓް