އެމިރޭޓްސްގެ ބައެއް ޕައިލެޓުން އެއް އަހަރަށް ޗުއްޓީއަށް ފޮނުވާލަނީ

އެމިރޭޓްސްގެ ފްލައިޓެއް --

އެމިރޭޓްސްގެ ބައެއް ޕައިލޮޓުން މުސާރަ ނުލިބޭ ގޮތަށް އެއް އަހަރުގެ ޗުއްޓީއެއް ނަގަން އަންގައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އެއާލައިނުތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސް އިން މީގެ ކުރިންވެސް ވަނީ ކޮވިޑް19 އާއި ގުޅިގެން މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދީފަ އެވެ. ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިވެސް ކޮށްފައިވާއިރު ކޮވިޑުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ދާއިރާ އަކީ ކޮމާޝަލް އޭވިއޭޝަންގެ ދާއިރާ އެވެ.

އެމިރޭޓްސްގެ ބައެއް ޕައިލޮޓުން މުސާރަ ނުހިނގާ ގޮތަށް ޗުއްޓީ އަށް ދާން އެންގި ނަމަވެސް، އެ ފަރާތްތަކަށް އެކޮމޮޑޭޝަން އާއި މެޑިކަލް އަދި އެހެން އެލަވެންސްތައް ދޭނެ ކަމަށް އެ އެއާލައިނުގެ އޮފިޝަލަކާ ހަވާލާދީ ގަލްފް ނިއުސްގައި ބުނެފައިވެ އެވެ.

އެއް އަހަރުގެ ޗުއްޓީއެއް ނަގަން އެންގި ނަމަވެސް، ފަސިންޖަރުންގެ ޑިމާންޑު އިތުރުވެ، ފްލައިޓުތައް އިތުރު ކުރަން ޖެހިއްޖެ ނަމަ، އެއަށްވުރެ އަވަހަށް ވެސް މި މުވައްޒަފުން އެނބުރި ޑިޔުޓީ އަށް ނެރޭނެ ކަމަށް އެމިރޭޓްސް އިން ބުނެފައިވެ އެވެ.

ކޮވިޑާއެކު ލިބުނު މާލީ ގެއްލުން ފޫބެއްދުމަށް ޔޫއޭއީގެ ސަރުކާރުން ވަނީ އެމިރޭޓްސް އަށް ދެ ބިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ. މިއީ ބަލިމަޑުކަމުގެ ސަބަބުން ދަތުރުތައް ހުއްޓި، ފަސިންޖަރުންނަށް ބަދަލުގެ ގޮތުގައި ދޭން ޖެހުނު 1.4 ބިލިއަން ޑޮލަރުގެ މާލީ ގެއްލުމުން އަރައިގަތުމަށް ދިން އެހީއެކެވެ.

comment ކޮމެންޓް