އަންހެނުން ހިތާނުކުރުން ގާނޫނީ ކުށަކަށް ހަދަން މަސައްކަތް ފަށައިފި

ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

ރާއްޖޭގައި އަންހެނުން ހިތާނުކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތް ފަށާފައިވާކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެއެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ ތަގުރީރު ކުރައްވަމުން އޭޖީ ރިފްއަތު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންހެނުން ހިތާނުކުރުމަށް އެއްވެސް ވަރަކަށް ތާއީދު ނުކުރާ ކަމަށާއި، އަދި އެކަމަށް ހިތްވަރުވެސް ނުދޭނެ ކަމަށެވެ.

އަދި އެއީ ގާނޫނީ ކުށަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޖީ ވިދާޅުވިއެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން ރާއްޖޭގައި ވެސް ފުޅާދާއިރާއެއްގައި އެކަން ކުރަމުންދަނިކޮށް އެކަން ނައްތާލެވުނީ 1970ގެ އަހަރުތަކުގެ ތެރޭގަ އެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ފުރާނައަށް ނުރައްކާތެރި، އަދި މުޅި އުމުރަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކާތީ، އެކަން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގައުމުތައް ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް، ގިނަ ގައުމުތަކުން ވަނީ އެކަން ނައްތާލައިފަ އެވެ.

ނަމަވެސް އިސްލާމްދީނުގައި އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން މި ފަހުން ވަނީ އެދިފައެވެ.

އިސްލާމިކް މިނިސްޓްރީން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގައި އެދިފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކަން ސާފުކޮށްދިނުމަށް މިނިސްޓްރީގައި އެދުމުންނެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އަންހެން ކުދީން ހިތާނުކުރުމޭ ކިޔައިގެން އެ ކުރަނީ ޖިންސީ އަނިޔާ ކަމަށާއި އެކަމަށް ހިތްވަރުދޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

ރާއްޖޭގައި 2016-2017 އާ ދެމެދު ކުރިއަށް ގެންދިޔަ ޑިމޮގްރެފިކް އެންޑް ހެލްތު ސާވޭއާ ހަވާލައިދީ، ޔުނިސެފުން ބުނީ ރާއްޖޭގެ އެންމެ ގިނައިން ހިތާނުކޮށްފައިތިބީ މިހާރު އުމުރުން 45 - 49 އަހަރުވެފައި ތިބި އަންހެނުން ކަމަށެވެެ.

އެ އުމުރުގެ 38 ޕަސެންޓް އަންހެނުން ހިތާނުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ފަހުގެ ޖީލްތަކުގައި ހިތާނުކުރުން އެއްކޮށްކަހަލަ ގޮތަކަށް ހުއްޓިފައިވާކަމަށްވެސް ބުނެފައިވެއެވެެ.

އެންމެ ގިނައިން ހިތާނުކޮށްފައިވަނީ މާލެ ސަރަހައްދާއި ދެކުނުގެ އަތޮޅުތަކުގައި ކަމަށް ދިރާސާއިން ދައްކައެވެ.

އެ ދިރާސާގައި ބައިވެރިވި އުމުރުން 15 އަހަރާއި 49 އަހަރުގެ މީހުންގެ ތެރެއިން އަންހެނުން ހިތާނުކުރުމަކީ ދީނީކަމެކަމަށް ދެކެނީ އެންމެ 10 ޕަސެންޓް މީހުންކަމަށް ބުނެފައިވެއެެވެ.

comment ކޮމެންޓް