ޑިއޭގޯ މަރަޑޯނާ ސިކުނޑީގެ ސާޖަރީއެއް ކޮށްފި

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ -- ފޮޓޯ/ އޭޕީ

އާޖެންޓީނާގެ ފުޓުބޯޅަ ރަމްޒުދާރު ޑިއޭގޯ މަރަޑޯނާ ކުރި ސިކުނޑީގެ އޮޕަރޭޝަން ކާމިޔާބު ކަމަށް އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓްތަކުން ބުނެފި އެވެ.

އާޖެންޓީނާގެ ޖިމްނާސިއާ އެސްގްރިމާ ލަ ޕަލްޓާއަށް ކޯޗުކަން ކޮށްދެމުން އަންނަ 60 އަހަރުގެ މަރަޑޯނާގެ ހާލު ދަށްވެ، ކުއްލިއަކަށް ހޮސްޕިޓަލުގައި އެޑްމިޓްކުރި ކަމުގެ ރިޕޯޓްތައް މީޑިއާގައި ދައުރުވާން ފެށީ މީގެ ދެ ދުވަސް ކުރިންނެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި މަރަޑޯނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށާއި އޭނާ ސަލާމަތް ކުރުމަށް ސާޖަރީ ހެދުމަށް އެހެން ހޮސްޕިޓަލަކަށް ގެންދިވެފައިވެ އެވެ.

ސިއްހަތަށް ނުރައްކާތެރި ހާލަތެއްގައި އޮތް މަރަޑޯނާގެ އޮޕަރޭޝަން ކާމިޔާބުކޮށްފައިވާކަން އޭނާ ބެލި ޑޮކްޓަރުން ހާމަކޮށްފައިވާ އިރު، ސިކުނޑިއަށް އެޅިފައިވާ ފްލުއިޑްތައް އެއްކޮށް ބޭރު ކުރުމަށް އަދި އިތުރު ސާޖަރީއެއް ކުރަން ޖެހޭ ކަމަށް ވަނީ ޑޮކްޓަރުން ބުނެފަ އެވެ.

"ޑިއޭގޯގެ ސާޖަރީ ވަރަށް ކާމިޔާބު، އަދި ސާޖަރީއަށްފަހު އޭނާ ކަންތައްތައް ހުރީ އުންމީދީ ގޮތަކަށް." މަރަޑޯނާގެ ސާޖަރީއާ ހަވާލުވި ޑޮކްޓަރު ލޫކް ބުނެފައިވެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ މަރެޑޯނާ ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ފެށި ކޯޗިންގް ކެރިއަރުގައި މިހާތަނަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެ އެވެ. އޭނާ ފުރަތަމަ ބޮޑު ޓީމަކަށް 2008 ވަނަ އަހަރު އާޖެންޓީނާގެ ގައުމީ ޓީމާއި ހަވާލުވުމަށްފަހު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެ ޓީމު ވެސް ވަނީ ހިތްދަތި ގޮތަކަށް މުބާރާތުން ކަޓައިފަ އެވެ.

އޭގެ ފަހުން ވެސް މެކްސިކޯއާއި އާޖެންޓީނާގެ އެކި ކުލަބުތަކަށް އޭނާ ކޯޗުކަން ކޮށްދިން އިރު މާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއްނުވެ އެވެ.

މަރަޑޯނާ، 58، މިދިޔަ އަހަރުގެ ކުރީކޮޅު ކޯޗުކަން ކޮށްދިން މެކްސިކޯގެ ޑޮރަޑޯސް ވެސް އޭނާގެ ކޯޗުކަމުގައި ވަނީ ރެލިގޭޓް ވެފަ އެވެ. މަރަޑޯނާ އެ ޓީމުގެ ކޯޗު ކަމާ ހަވާލުވެ ހުރި ނަމަވެސް ސިއްހީ ހާލަތު ގޯސްވުމުން އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ.

އެއަށްފަހު އާޖެންޓީނާގެ ޖިމްނާސިއާގެ ކޯޗު ކަމާއި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަރަޑޯނާ ހަވާލުވީ އެކުލަބު ނަގައި ކޮޅަށް ޖަހާނެ ކަމަށް ވައުދު ވަމުންނެވެ. އޭގެ ދެ މަސްފަހު މަރަޑޯނާ ވަނީ އެ ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދީފަ އެވެ. އެކަމަކު ދެދުވަސް ފަހުން އޭނާ ވަނީ އަނެއްކާވެސް އެ ޓީމުގެ ކޯޗުިކަމާ ހަވާލުވެފަ އެވެ.

comment ކޮމެންޓް