ޑަބްލިޔުއެޗްއޯއިން ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން އިންޝުއަރެންސް ސްކީމްއެއް

ޑަބްލިޔުއެޗްއޯއިން ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން އިންޝުއަރެންސް ސްކީމެއް ތައާރަފް ކުރަނީ ފޮޓޯ: އޭއެފްޕީ

ބްރަސެލްސް (އޮކްޓޯބަރު 30): ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި ބައިނަލްއަގުވާމީ ވެކްސިން އެލަޔަންސަކުން ގުޅިގެން ހިންގާ ކޯވެކްސް ވެކްސިން ސްކީމުގެ ދަށުން ގައުމުތަކަށް ފޯރުކޮށްދޭ ކޮވިޑް ވެކްސިންއިން މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އޭގެ ބަދަލު ދިނުމަށް ހާއްސަ އިންޝުއަރެންސް ސްކީމެއް ގާއިމު ކުރަން ކޯވެކްސްއިން ނިންމައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކޮވިޑް-19އިން ރައްކާތެރިވުމަށް ބޭނުން ކުރެވިދާނެ ގިނަ އަދަދެއްގެ ވެކްސިން މިހާރު ޓެސްޓު ކުރަމުން ދިޔަ ނަމަވެސް އެއްވެސް ވެކްސިންއަކަށް އަދި ބައިނަލްއަގުވާމީ ހުއްދައެއް ލިބިފައި ނުވެ އެވެ. ނަމަވެސް ޑަބްލިޔުއެޗްއޯއިން ލަފާ ކުރާ ގޮތުގައި މިއަހަރުގެ ފަހުކޮޅު އެފަދަ ވެކްސިންއެއް ލިބުން އެކަށީގެންވެ އެވެ. އަދި ކޯވެކްސް މަގުސަދަކީ އެ ވެކްސިންއެއްގެ ދެ ބިލިއަން ޑޯޒް އަންނަ އަހަރު ނިމުމުގެ ކުރިން ގައުމުތަކަށް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، ވެކްސިން ލިބޭ ގައުމުތަކުގެ ތެރެއިން ފަގީރު ގައުމުތަކުގައި ވެކްސިންގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އެ މީހަކަށް ބަދަލު ދޭން އިންޝުއަރެންސް ސްކީމެއް ތައާރަފް ކުރާނެ ކަން ކޯވެކްސްއިން އިއްޔެ އިއުލާން ކުރި އެވެ.

"ވެކްސިން ދިނުމާ ގުޅިގެން ސީރިއަސް އެޑްވާޒް އިވެންޓްއެއް ހިނގައިފި ނަމަ [ގެއްލުން ލިބޭ] މީހަކަށް އޭގެ ބަދަލު ދޭން ކޯވެކްސް ފެސިލިޓީން ދަނީ ނިޒާމެއް ތައްޔާރު ކުރަމުންް،" ކޯވެކްސް އިން ބުންޏެވެ.

ކޯވެކްސްއިން އެ އިންޝުއަރެންސް ސްކީމުގައި ހިމަނަން ހަމަޖެހިފައި ވަނީ ތަނަވަސްކަން ކުޑަ 92 ގައުމެކެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެފްރިކާއާއި އިރު ދެކުނު އޭޝިއާގެ ގައުމުތައް ކަމަށް ރޮއިޓާސް އިން ރިޕޯޓު ކުރި އެވެ. ނަމަވެސް އެ ގައުމުތައް ޑަބްލިޔުއެޗްއޯއިން ހިޔާރު ކުރި ގޮތެއް ބުނެ ނުދޭ ކަމަށްވެސް އެ ނޫހުން ރިޕޯޓު ކުރި އެވެ.

އެ އިންޝުއަރެންސް ސްކީމަށް ފައިސާ ހޯދާނެ ގޮތްތަކުގެ ތެރޭގައި ވެކްސިން ފޯރުކޮށްދޭ އިރު ނަގާ ޓެކްސްއަކާއި ވެކްސިން އުފައްދާ ކުންފުނިތަކުން ދޭ ފައިސާ ހިމެނޭ ކަމަށް ކޯވެކްސްއިން ބުންޏެވެ. ނަމަވެސް އެ ޓެކްސް ދައްކަން ޖެހޭނީ ކޮން ބަޔަކު ކަމެއް ކޯވެކްސްއިން ހާމަ ނުކުރެ އެވެ.

comment ކޮމެންޓް