ޒިކުރާ މިސްކިތް މައްސަލާގައި ޒިޔާދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް މާދަމާ

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޖޭ ކޮންސްޓްރަކްސަންއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ

އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ނިންމައި، އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒިޔާދު ބާގިރަށާއި އެ މިނިސްޓްރީގެ ކުރީގެ އިސްވެރިއެއްގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް މާދަމާ ފަށަން ތާވަލު ކޮށްފި އެވެ.

އެ ޝަރީއަތް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައި ވަނީ މާދަމާގެ ތިނެއް ޖަހާއިރަށެވެ. އިސްލާމިކް މިނިސްޓްރީގެ ކުރީގެ އިސްވެރިއަކަށް ހުރި އިބްރާހިމް އަބްދުﷲ ސައީދު އާއި ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަރު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

ކުރީގެ މިނިސްޓަރު ޒިޔާދުގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ޒިކުރާ މިސްކިތް ހުރި ތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާތީ އާއި، އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު، އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި، އެސްޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ލިބިފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަދި އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މައުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދު ހޯދައިދީފައިވާ ކަމަށް ތުހުމަތުވާ ކަމަށް އޭސީސީން ބުންޏެވެ.

އެ ދެ ބޭފުޅުންގެ މައްޗަށްވެސް ކުރީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޒިކުރާ މިސްކިތުގެ މައްސަލަ އޭސީސީން ބެލުމަށްފަހު ބުނެފައި ވަނީ 1439 ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެ ފަހަރެއްގެ މަތިން ރައީސް އޮފީހަށް އިސްލާމިކް މިނިސްޓްރީން ސިޓީ ފޮނުވި ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލެއްގެ މައުލޫމާތު ހިމަނާ އެ ތިން ފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، އެ ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސް އޮފީހަށް ފޮނުވާފައި ކަމަށްވެސް އޭސީސީއިން ބުނެފައިވެ އެވެ.

އެ ޕްރޮޕޯސަލްތަކަކީ ކިހިނެތް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތް ކަމަށް ވެސް އޭސީސީން ބުންޏެވެ. އަދި އިސްލާމިކް މިނިސްޓްރީން އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުސޫލުން ނޫން ކަމަށާއި، އަދި އިސްލާމިކް މިނިސްޓްރީއިން އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދު، އެސްޖޭ ކޮންސްޓްރަކްޝަންއަށް މަޝްރޫއު ހަވާލުކުރުމަށް މަސައްކަތްކޮށް، ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް، އިބްރާހީމް އަބްދުﷲ ސައީދު ބިން ހަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށްވެސް އޭސީސީން ބުނެފައިވެ އެވެ.

އޭސީސީއިން ބުނީ، އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހިމް އަބްދުﷲ ސައީދު ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސްޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އިބްރާހިމް އަބްދުﷲ ސައީދު އާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު މަސްލަހަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށްވެސް އޭސީސީއިން ބުންޏެވެ.

comment ކޮމެންޓް