ކޮވިޑް ވެކްސިން ކާމިޔާބުތޯ ނޫނީ ނޫންތޯ ޑިސެމްބަރުގައި އެނގޭނެ: ފައުޗީ

އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސާސް އެންތަނީ ފައުޗީ--

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް -19 އިން ރައްކާތެރިވުމަށް އުފައްދަމުންދާ ވެކްސިންތަކުގެ ތެރެއިން ވެކްސިނެއް ކާމިޔާބުތޯ ނޫންތޯ މިއަހަރު ޑިސެމްބަރު މަހު އެނގޭނެ ކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސާސް އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ވެކްސިނެއް ކާމިޔާބުވިޔަސް އެ ވެކްސިން އާންމުންނަށް ދެވޭވަރުވާނީ އަންނަ އަހަރު ފަހުކޮޅުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެކްސިނެއް ކާމިޔާބުތޯ ނޫންތޯ އަންނަ މަހު ފަހުކޮޅު ނުވަތަ ޑިސެމްބަރު މަހު އެނގޭނެ،" ފައުޗީ ވިދާޅުވި އެވެ.

ކޮރޯނާއަށް ގިނަ އަދަދެއްގެ ކުންފުނިތަކުން ވެކްސިނެއް އުފެއްދުމަށް މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އޮކްސްފޯޑުން އުފައްދާ ވެކްސިނާއި މޮޑާނާއިން އުފައްދާ ވެކްސިން ހިމެނެ އެވެ.

ކޮރޯނާ ވައިރަސް މިހާތަނަށް މުޅި ދުނިޔެއިން 42.8 މިލއަން މީހުނަށް ޖެހިފައިވާއިރު ބަލީގައި 1.15 މިލިއަން މީހުން ވަނީ މަރުވެފަ އެވެ.

ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރަން ޔޫރަޕްގައި މީގެ ކުރިން އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވި އެވެ. ނަމަވެސް ލުއިދިނުމާ އެކު މިފަހުން ޔޫރަޕްގައި ބަލި ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް ވަނީ ރެކޯޑް އަދަަދަކަށް މައްޗަށް އަރައިފަ އެވެ.

އެކަމާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުން އަނެއްކާ ވެސް ވަނީ ބަލި ކޮންޓްރޯލްކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.-- ރޮއިޓާސް----

comment ކޮމެންޓް