ބީއެމްއެލްގެ ކާޑުތަކުގެ ޕިން އޮންލައިންކޮށް ބަދަލުކުރެވޭ ގޮތް ހަދައިފި

މީހަކު ބީއެމްއެލްގެ ވިސާ ކާޑެއް އޭޓިއެމްއަކަށް ލައްވަނީ: މިހާރު ބޭންކަށް ނުގޮސް އިންޓަނެޓް ބޭންކިން ޕްލެޓްފޯމުން އަމިއްލައަށް ކާޑުގެ ޕިން ބަދަލުކޮށްލެވޭނެ--

ބީއެމްއެލް ކާޑުތަކުގެ ޕިން، އިންޓަނެޓް ބޭންކިން މެދުވެރިކޮށް އަމިއްލައަށް ބަދަލުކޮށްލެވޭ ޑިޖިޓަލް ޕިންގެ ހިދުމަތް އެ ބޭންކުން ތައާރަފުކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ މި ހިދުމަތާއެކު ކަސްޓަމަރުންނަށް ބީއެމްއެލް ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުގެ ޕިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އަމިއްލައަށް ވަގުތުން ބަދަލުކޮށްލެވޭނެ ކަމަށެވެ.

ހަމައެއާއެކު މި ހިދުމަތް ތައާރަފުކުރުމުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ޕޯސްޓް މެދުވެރިކޮށް ޕިން ހޯދުމަށް މަޑު ކުރަންނުޖެހި ވަގުތުން ކާޑުގެ ޕިން ބަދަލުކުރެވޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ޑިޖިޓަލް ޕިންގެ ހިދުމަތަކީ އެ ބޭންކުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓާ އެއްގޮތްވާ ގޮތުގެ މަތީން ތައާރަފް ކުރި ހިދުމަތެއް ކަމަށެވެ.

"ބޭންކުން މިހާރު މިވަނީ ވަރަށް ގިނަ ހިދުމަތްތަކެއް އޮންލައިން ކުރެވިފައި. މީގެ ތެރޭގައި އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީވުމާއި ބޭންކުން އަލަށް ތައާރަފްކުރި އޮންލައިން ކިއުގެ ހިދުމަތްވެސް ފާހަގަކޮށްލަން. ޑިޖިޓަލް ޕިންގެ ހިދުމަތާއެކު މިހާރު ދޫކުރާ ގޮތަށް ކަރުދާހުގައި ދޫކުރެވޭ ޕިން ލިބުމަށް ނަގާ ވަގުތު ސަލާމަތްވެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެހެން ދާނެ." އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް