އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އިން ދަރިވަރުން ވަކިކުރި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލައިފިއެވެ.
ފްލައިން ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުދަންމާލަމުންދާތީ އެ ސްކޫލްގެ ދަރިވަރުންތަކެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހެޅި މައްސަލައިގައި ފަސް ދަރިވަރަކު އިއްޔެ ވަނީ ވަކިކޮށްފައެވެ.
ކޯހުން ވަކިކުރި ދަރިވަރަަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ އެ ދަރިވަރު ކޯހުން ވަކިކުރީ ކޯހުގެ މުއްދަަތު ފަހަނަ އަޅާ ދިޔައިރުވެސް ކޯސް ނިމިފައިނުވުމާއި ކިޔެވުމަށް ފަރުވާކުޑަވުމުގެ ސަބަބުން ކަމަށެވެ. ނަަމަވެސް ދަރިވަރު އެކަން ވަނީ ދޮގުކޮށްފައެވެ.
އޭއޭއީން މިއަދު ދަރިވަރަކަށް ފޮނުވާފައިވާ ސިޓީގައި ބުނީ ފްލައިން ސްކޫލުން ވަކިކުރި މައްސަލައިގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލައިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރިވިއު ކޮމެޓީއިން މިހާރު ބަަލަމުންދާ ކަމަށްވެސް އޭއޭއީން ބުނެފައި ވެއެވެ. ދަރިވަރު ކިޔެވުމަށް ފަރުވާކުޑަކަމަށްވެސް ހަމަ އެ ސިޓީގައި އަނެއްކާވެސް ބުނެފައިވެއެވެ.
ދަރިވަރުން ވަކިކުރި ނިންމުން ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިންވެސް ވަނީ އެ ސްކޫލަށްވެސް އަންގައިފައެވެ.
ފްލައިން ސްކޫލްގެ ޕައިލެޓްކަން ކިޔަވަން އާންމުކޮށް ހޭދަވަނީ އެއް އަހަރާއި 18 މަސް ދުވަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ނިމުމުން ދަރިވަރުން ހަ މަސްތެރޭގައި ލޯން ދައްކަން ބަޔާންކޮށްފައި އޮތް ނަމަވެސް ކޯސް ދިގުލައިގެން ގޮސް ދެތިން އަހަރުވެސް ހޭދަވެ އެވެ.
ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެ އެކެޑެމީގައި ކިޔަވާ ދަރިވަރުންގެ ލޯންތައް ދެއްކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ކޯސް ނިންމާތާ ހަ މަސް ދުވަހަށް ފަސްވެސް ކޮށްދީފައެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަންކަން ފާހަގަކޮށްފައިވާ ކަމަށެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ ޒިންމާދާރުކަމާއިއެކު ދަރިވަރުންގެ ޕްރޮގްރާމް ފުރިހަމަކޮށްދިނުމާއި، ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމަށް އޭއޭއޭ އަށް އަންގާފައިވާނެ ކަމަށެވެ.