ގަތަރުގެ ލުއި ލިސްޓަށް ރާއްޖެ އަރައިފި

ގަތަރު އެއާވޭސްގެ ފްލައިޓެއް ވީއައިއޭގައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގަތަރުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައި ރާއްޖެއިން ގަތަރަށް ދާ މީހުންނަށް ކަރަންޓީނުގައި ލުއި ދިނުމަށް ގަތަރު ސަރުކާރުން ނިންމައިފިއެވެ.

ގަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން އެކުލަވާލާފައިވާ ކޮވިޑް19 ގްރީން ލިސްޓުގައި ރާއްޖެ ހިމެނުމާއެކު ރާއްޖެ އައުމަށްފަހު ގަތަރަށް ދާ މީހުން ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނީ ގޭގައި ތިބެގެންނެވެ. ހަދި ހަ ދުވަހުގެ ކަރަންޓީނަށްފަހު ކޮވިޑު 19 އަށް ޓެސްޓު ކުރަން ޖެހޭނެއެވެ.

މީގެ ކުރިން ރާއްޖެ އައިސް ގަތަރަށްދާ މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެނީ އެކަމަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަރުކަޒުތަކުގައެވެ.

ގަތަރުގެ ޕަބްލިކް ހެލްތު މިނިސްޓްރީ އިން ބުނީ ގްރީން ލިސްޓުގައި ގައުމުތައް ހިމަނަނީ އެ ގައުމެއްގައި ކޮވިޑު 19 ފެތުރޭ މިންވަރު ބެލުމަށްފަހު ކަމަށެވެ. ފާއިތުވި ދެތިން ހަފްތާ ތެރޭ ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު ހުރީ އެެވްރެޖު ގޮތެއްގައި އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެވްރެޖުކޮށް ރާއްޖެއިން މިހާރު ދުވާލަކު 30 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގަތަރުގެ ލުއި ލިސްޓަށް ރާއްޖެ އެރުމާއެކު އެގައުމުން ރާއްޖެ އަންނަ މީހުންގެ އަދަދު އިތުރުވާނެއެވެ. ގަތަރުގެ ފްލެގް ކެރިއާ، ގަތަރު އެއާވޭސް އަކީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެންމެ ފުރަތަމަ ރާއްޖެ އަށް ދަތުރު ފެށި އެއާލައިނެވެ.

ޖުލައި 15 އިން ފެށިގެން މިހާތަނަށް ގަތަރު އެއާވޭސް އިން 13،000 އަށް ވުރެ ގިނަ ފަސިންޖަރުން އުފުލާފައިވެއެވެ.

ރާއްޖޭގައި ކޮވިޑް19ގެ ހާލަތު ރަނގަޅުވާން ފެށުމާއެކު އިނގިރޭސިވިލާތުންވެސް ވަނީ އެގައުމުގެ ލުއި ލިސްޓުގައި ރާއްޖެ ހިމަނައިފައެވެ.

comment ކޮމެންޓް