ވެންޓިލޭޓަރު ޑީލް އިން ފައިދާވި މީހުން ފަޅާ އަރުވާލަން ނިޝާމާ ތައްޔާރު

ނިޝާމާ: ކޮރަޕްޝަން ފަޅާއަރުވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަނުން ފައިދާ ހޯދާ މީހުން ފަޅާއަރުވަން ތައްޔާރަށް ހުންންވި ކަމަށް، ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަން ފާޅާއަރުވަން ހުންނެވިކަން ނިޝާމާ ހާމަ ކުރެއްވީ، މިދިޔަ އޮގަސްޓް މަހު 19 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައެވެ. އެއީ އެ ކޮރަޕްޝަންގެ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް ނިޝާމާ މަޖިލީހަށް ހާޒިރުކުރުމުގެ އެއްދުވަސް ކުރިއެވެ.

އެ ސީޓީގައި ނިޝާމާ އެދިފައި ވަނީ، ވިސިލްބްލޯކުރާ ނުވަތަ ހިޔާނަތްތައް ފަޅާއަރުވާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އޭނާއަށް ރައްޔާކެރިކަން ފޯރުކޮށްދިނުމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން މިނިސްޓްރީކޮށްފައިވާ ހަރަދުތަކުގެ ތެރެއިން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަކުގައި އޭނާ މަސައްކަތްކޮށްފައި ވަނީ އެއްވެސް ނުބައި ނިޔަތެއް ނުވަތަ ގާނޫނާ ހިލާފު އެއްވެސް އަލަމެއް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެހެން ނަމަވެސް، އެ ޑީލުން ބަޔަކަށް ފައިދާވިކަން ނިޝާމާއަށް އެނގޭކަން އެ ސިޓީން ހާމަވެއެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ސަސްޕެންޝަންގައި ހުރި ނިޝާމާ ވިދާޅުވީ، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކިޔައިދެއްވައި ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"ހެލްތުން ހަރަދުކުރުމުގައި އެހެން ފަރާތްތަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް، މައްސަލައިގެ ކަންހިނގާފައިވާ ގޮތް ހާމަކޮށް، ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާލުނުން ދިނުމަށް އަޅުގަނޑު ބޭނުންވާކަމުގައި ދަންނަވަމެވެ،" ނިޝާމާ ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެ ސީޓީގައި ނީޝާމާ ރައީސްގެ ކިބައިން އެދިވަޑައިގެންނެވީ، އެ މައުލޫމާތު ތަހުގީގީ އިދާރާތަކަށް ދިނުމައްޓަކައި ވިސިލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އޭނާއަށް ރައްކާތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށެވެ.

ކޮވިޑާ ގުޅިގެން ހެލްތުން ކުރި ހަރަދުތަކުގައި ގިނަ މަކަރާއި ހީލަތް ހަދައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދުތައްކޮށްފައިވާކަން އޮޑިޓް އޮފީހުން އެކުލަވާލި އޮޑިޓް ރިޕޯޓުން ފެންމަތި ކުރުވިއެވެ. އަދި ވަކި ބަޔަކަށް ފައިދާވާ ގޮތަށް މަސައްކަތް ހަވާލު ކުރުން ފަދަ ކަންކަން ފާހަގަކޮށްފައިވެ އެވެ. އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގަށް ފަހު ނިޝާމާގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވިއެވެ. އެހެން ނަމަވެސް ޖިނާއީ މިންގަނޑު އެ މައްސަލައިގައި ހެކި ނެތުމުން ޕީޖީން ނިންމީ ދައުވާ ނުކުރުމަށެވެ.

އޮޑިޓް ރިޕޯޓުން ފެންމަތި ކުރުވި އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުރުމެވެ. އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯ އިން ލަފާ ދީގެން ހޮވި ކުންފުންޏެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް އެއީ ޑަބްލިއުއެޗްއޯ އިން ރިކޮމެންޑް ކުރި ކުންފުންޏެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ. ޖުމްލަ 34.50 މިލިއަން ރުފިޔާއަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި އިރު އެޑްވާންސްގެ ގޮތުގައި، ގެރެންޓީއަކާ ނުލާ މަސައްކަތުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ވަނީ އެ ކުންފުންޏަށް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ. އޭގެ ތެރެއިން 10 ވެންޓިލޭޓަރު ފިޔަވާ އެހެން ވެންޓިލޭޓަރުތައް އަދިވެސް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް