އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސްގައި ކިޔަވާ ދަރިވަރުންގެ ލޯންތައް ދެއްކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފަސްކޮށްދީފި އެވެ.
ފްލައިން ސްކޫލްގައި މިހާރުވެސް ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުންދާއިރު ދަރިވަރުންގެ ކިޔެވުން ދިގުލައިގެންގޮސް ކޯސް ނުނިމުމުގެ ޝަކުވާ ދަރިވަރުންދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.
އެ ސްކޫލްގައި ގިނަ ކުދިން ކިޔަވަނީ ސްޓޫޑަންޓް ލޯނާއި އެހެނިހެން ލޯންތައް ނަގައިގެންނެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ފްލައިން ސްކޫލްގެ ދަރިވަރުންގެ ޔޫނިއަންއަށް ފޮނުވާފައިވާ ސިޓީގައި ބުނީ ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން އެކަން ހައްލުކުރަން ކެނޑި ނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިނިސްޓްރީން ބުނީ ފްލައިން ސްކޫލްގެ ހުރިހާ ކަމަކީވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ރެގިއުލޭޓް ކުރާކަމަށްވާތީ އެކަމާ ގުޅޭ މައުލޫމާތުތައް ސާފުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައުލޫމާތުތައް ސާފުވަންދެންވެސް ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް އުސޫލުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތަކެއް ކުރާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"މިގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އެކެޑަމީގައި ކިޔަވާ 96 ދަރިވަރުންނަށްވެސް ލޯން އަނބުރާ ދެއްކުމުގެ މުއްދަތު ކޯސް ނިމޭ ތާރީހަކުން ފެށިގެން ހަ މަސް ދުވަހަށް އިތުރުކުރުމަށް މިނިސްޓްރީން ނިންމިކަން ދަރިވަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ." ހަޔާ އެޑިއުކޭޝަންގެ ސިޓީގައިވެ އެވެ.
ފްލައިން ސްކޫލްގެ ޕައިލެޓްކަން ކިޔަވަން އާންމުކޮށް ހޭދަވަނީ އެއް އަހަރާއި 18 މަސް ދުވަހުގެ މުއްދަތެކެވެ. އަދި އެ މުއްދަތު ނިމުމުން ދަރިވަރުން ހަ މަސްތެރޭގައި ލޯން ދައްކަން ބަޔާންކޮށްފައި އޮތް ނަމަވެސް ކޯސް ދިގުލައިގެން ގޮސް ދެތިން އަހަރުވެސް ހޭދަވެ އެވެ.
" ކޯސް ނިމޭނެ ވަކި ތާރީހެއް އޭޝިއަން އެކެޑެމީ އޮފް އެރޯނެޓިކްސްއިން ޔަގީންކޮށް ވިދާޅުނުވާތީ މިއީ ދަރިވަރުންނަށް އަދި މާލީ އަދި ނަފްސާނީ ގޮތުންވެސް ގެއްލުންތަކެއް ދިމާވެދާނެކަމަށް ރިއާޔަތްކޮށް ކޯސް ނިމޭނެ މުއްދަތެއްގެ ފަހުން އިތުރު ހަ މަސް ދަރިވަރުންނަށް އަނބުރާ ލޯނު ދައްކަން ފެށުމަށް ލިބޭނެ ވާހަަކަވެސް ދަންނަވަމެވެ." ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސިޓީގައިވެ އެވެ.