ރިލްވާން މައްސަލައިގެ ހެކިތައް މޭޑޭގައި ފުލުހުން އަތުލި، މިހާރު ވީތަނެއް ނޭނގެ: އިމްރާން

މޭޑޭގެ މުޒާހަރާގައި އިމްރާން ވާހަކަ ދައްކަވަނީ: ލްވާން މައްސަލައިގައި އޭރު ހުރިކަމަށް ބުނި ހެއްކާއި ގަރީނާ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ފުލުހުން އަތުލި ކަމަށް މިއަދު ވަނީ ވިދާޅުވެފައި --ސަން ފައިލް ފޮޓޯ/އަލީ ނަސީރު

ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައިގައި އޭރު ހުރިކަމަށް ބުނި ހެއްކާއި ގަރީނާ 2015 ވަނަ އަހަރުގެ މޭޑޭ މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ފުލުހުން އަތުލި ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މޭޑޭގައި ކުރި ބޮޑު މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް ގަނޑުތަކެއް ދެއްކުމަށްފަހު ވިދާޅުވެފައިވަނީ، ރިލްވާން ގެއްލުވާލި މައްސަލައާ ގުޅޭ މުހިންމު ހެއްކާއި ގަރީނާތަކެއް އޭނާ އަތުގައި ހުރި ކަމަށެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން އޭރުގެ ސަރުކާރަށް ނިސްބަތްވާ އަދި މިހާރު އިދިކޮޅުގައި ހުންނެވި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވަނީ އެ ހެކިތަކަށް މިހާރު ވީ ގޮތަކާއި މެދު ސުވާލު ކުރައްވާފަ އެވެ.

"މޭޑޭގެ މައްސަލައިގައި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު ބަންދުކުރި އަދި ތިބޭފުޅުންގެ ސަރުކާރުން އަޅުގަނޑު އަތުގައި ހުރި ކަރުދާސްތައް ވަނީ ގެންގޮސްފައި. އެހެންވީމަ އޭރުގެ ފުލުހުންގެ ތެރެއިން އެގެންދިޔަ ބަޔަކު އަތުގައި އެއެއްޗެހި ވާންވާނެ. ދެން އަޅުގަނޑު އަނެއްކާ ވެސް ޖެހޭނީ ތަހުގީގެއް ފަށަން އޭރުގައި ކޮން ފުލުހުނެއް ތޯ އަޅުގަނޑު ހައްޔަރުކުރަން އައީ ކޮންބޭފުޅެއްތޯ އެ ގެންދިޔައީ." ޝިޔާމްގެ ސުވާލަށް އިމްރާން ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.

ނަމަވެސް އެ ލިޔުންތައް ގެންދިޔަ ފަރާތްތައް ހޯދުމަށް މިހާތަނަށް އަދި ތަހުގީގެއް ކޮށްފައި ނުވާކަން ފާހަގަކޮށް ފުލުހުންގެ އެންމެ އިސްވެރިއަކަށް ވެސް މިވަގުތު ހުންނެވި އިމްރާން ވިދާޅުވީ، އެ އަށް ވުރެން ގިނަ ތަހުގީގުތަކެއް މިހާރު ކުރަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީއާ ގުޅޭ ބައިވަރު ތަހުގީގުތައް ހުރިކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ކޮމިޝަނުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރިލްވާން ގެއްލުވައިލުމާއި ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކޮމިޝަނަށް ގަބޫލުކުރެވޭތީ، އެ މައުލޫމާތު ކޮމިޝަނަށް ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަމަށް ވަނީ ބުނެފަ އެވެ.

ރިލްވާން ގެއްލުވާލީ 2014 ވަނަ އަހަރުގެ އޮގަސްޓް އަށް ވަނަ ދުވަހު އެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓަ އެވެ.

ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ.

އެ ކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައިވަނީ ރިލްވާނު ހުޅުމާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރުމަށްފަހު ޑިންގީއަކަށް އަރުވައިގެން އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާފައި ކަނޑުފެއްތީ ކަމަށެވެ.

ރިލްވާނުގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ދައުވާކޮށްފައި ނުވި ނަމަވެސް މަރު ކޮމިޝަނުން އަދިވެސް ދަނީ އޭނާގެ މަރާ ގުޅޭ ތަހުގީގު ހިންގަމުންނެވެ.

comment ކޮމެންޓް