އަމީން މިނިސްޓަރުކަމުން އިސްތިއުފާދެއްވައިފި

އަބްދުﷲ އަމީން: އޭނާ ވަނީ ހެލްތް މިނިސްޓަރުކަމުން އިސްތިއުފާދެއްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތް މިނިސްޓަރުކަމުން އަބްދުﷲ އަމީން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އަމީން މިރޭގެ ވަގުތެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފަ އެވެ.

އަމީން އިސްތިއުފާ ދެއްވި އިރު، އޭނާ މިނިސްޓަރުކަމުން ވަކި ކުރަން އެމްޑީޕީގެ 24 މެންބަރަކު ސޮއިކުރައްވައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު މަޖިލީހަށް ވައްދައިފަ އެވެ.

އެ މައްސަލަ މަޖިލީހަށް ވެއްދީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ޕާލިމަންޓްރީ ގުރޫޕްގައި ވޯޓު ނެގި ނަމަވެސް، އެގޮތަށް ފާސްނުވުމާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި އަމީން މިރޭ ރައީސްއަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ސޯލިހާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައި ވާތީ އެވެ.

އަމީންގެ މައްޗަށް އޭސީސީން ތުހުމަތު ކުރަނީ ޑަބްލިއުއެޗްއޯއިން ލަފާ ހޯދައިގެން ކަމަށް ބުނެ އޮޅުވާލުމާއި ހީލަތުގެ ތެރެއިން 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒިކިއުޓާޒް ޓްރޭޑިންއަށް ދިނުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ނުލިބެނީސް އެތަކެތީގެ އަގުގެ 90 ޕަސެންޓަށްވާ ފައިސާ ކަމަށްވާ 30 މިލިއަނެއްހާ ރުފިޔާ ގެރެންޓީއެއް ނެގުމަކާ ނުލާ އެ ކުންފުންޏަށް ދީ ދައުލަތަށް ގެއްލުމެއް ވެދާނެ ގޮތަށް ވަނީ އަމަލުކޮށްފައި ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުންނާއި އޭސީސީގެ ތަހުގީގުން ވަނީ ހާމަވެފަ އެވެ. ނަމަވެސް، އަދި ލިބިފައި ވަނީ 10 ވެންޓިލޭޓަރެވެ. އަދި ބާކީ ހުރި ވެންޓިލޭޓަރުތައް ލިބޭނޭ ތާރީހެއް ވެސް އެ ކުންފުނިން ދީފައެއް ނުވެ އެވެ.

އެ މައްސަލައިގައި އަމީންގެ އިތުރުން ހެލްތުގެ ބިޑް ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތުން ހެލްތުގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީއިން ޕީޖީއަށް މައްސަލަ ފޮނުވި އެވެ. އެހެން ނަމަވެސް، ކޯޓެއްގައި ޖިނާއީ ދައުވާއެއް ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އެ މައްސަލައިގައި ދައުވާނުކޮށް ޕީޖީން ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.

އެ މައްސަލަ ތަހުގީގުކޮށް އޭސީސީއިން ބުނެފައި ވަނީ ހެލްތުގެ ބިޑް ކޮމިޓީއިން ވެންޓިލޭޓަރުތައް ދޭނެ ފަރާތެއް ސިންގަލް ސޯސްކޮށް ހޮވާފައި ވަނީ ޑަބްލިއުއެޗްއޯއިން ދިން ލަފާ ކަމަށް ބުނެ އަމީން ކޮމިޓީއަށް ދިން "ސައްހަ ނޫން" މައުލޫމާތުގެ މައްޗަށް ބުރަވެ ކަމަށެވެ. އަދި އެ މަސައްކަތް ބިޑް ކޮމިޓީން ކުރިއިރު އެ ކޮމިޓީގެ ދެ މެންބަރަކު އެ ބައްދަލުވުންތަކުގައި ބައިވެރިވާން އަމީން ބާރުއަޅުއްވާފައިވާ ކަމަށް ވެސް އޭސީސީއިން ބުންޏެވެ. މީގެ އިތުރަށް، އެޑްވާންސްކޮށް އެ ކުންފުންޏަށް ފައިސާ ދެއްކުމަށް ބާރުއަޅައި ބިޑް ކޮމިޓީއިން އެ މަސައްކަތް ހިނގާ ގޮތުގެ އަޕްޑޭޓްތައް އަމީން ވަރަށް ގިނައިން ހޯއްދަވަމުން ގެންދެވި ކަމަށް އޭސީސީގެ ތަހުގީގަށް ވަނީ ފާހަގަވެފަ އެވެ.

އެ ކަންތައްތަކާ ގުޅިގެން އޭސީސީން އެދުނީ ގާނޫނުލް އުގޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި އެ ގާނޫނުގެ 512ވަނަ މާއްދާގެ (ހ) އާއި ހަމަ އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) އަދި އެ ގާނޫނުގެ 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުން އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށެވެ. އެއީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ސައްހަ ނޫން މައުލޫމާތެއް ދިނުމުގެ ކުށް ބަޔާންކުރާ މާއްދާތަކެވެ.

މައްސަލަ އަނބުރާ ޕީޖީއިން ފޮނުވާލުމުން އޭސީސީއިން މިއަދު ބުނެފައި ވަނީ ޕީޖީއިން ފާހަގަކޮށްފައި ހުރި ކަންކަމަށް ރިއާޔަތްކޮށް ފުލުހުންނާ އެކު އަލުން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

comment ކޮމެންޓް