އޭސީސީގެ ތަހުގީގުން ގޯސްތަކެއް ފާހަގަވި، އެކަމަކު ކޮރަޕްޝަނެއް ފާހަގަ ނުކުރެވޭ: ޕީޖީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިމް ޝަމީމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މުސާ

ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހިންގި ތަހުގީގުން ހެލްތު މިނިސްޓްރީއިން ގޯސްކޮށް ކޮށްފައި ހުރި ކަންތައްތަކެއް ފާހަގަވި ކަމަށާއި، ނަމަވެސް އެއީ ކޮރަޕްޝަންގެ އަމަލުތަކެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރުގެ ގަތުމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގު ނިންމައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 މީހަކަށް ދައުވާ ކުރަން މީގެ ކުރިން އޭސީސީއިން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ. ނަމަވެސް، ޕީޖީ އޮފީހުން މިއަދު ބުނެފައި ވަނީ އެ މީހުންނަށް ދައުވާ ނުކުރަން ޕީޖީއިން ނިންމާފައިވާ ކަމަށެވެ.

ޕީޖީގެ އެ ނިންމުމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ، މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ކޮރަޕްޝަންގެ އަމަލެއް ކުރި ކަމުގެ ހެކި ލިބިފައި ނެތުމުން ކަމަށެވެ. ޕީޖީ ވިދާޅުވި ގޮތުގައި ކޮރަޕްޝަނަށް ވާނީ މީހަކު ކުރާ ގާނޫނާ ހިލާފު ކަމެއްގެ ސަބަބުން، ނާޖާއިޒު ފައިދާއެއް ލިބުން ނުވަތަ ލިބުމަށް މަގުފަހިވުމުންނެވެ. ތުހުމަތު ކުރެވޭ މީހުން ކުރި ގާނޫނާ ހިލާފު ކަމެއްގެ ސަބަބުން ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ލިބުނު ކަމެއް ނުވަތަ ލިބެން މަގުފަހިވި ކަމަށް ބުނެވޭނެ ހެއްކެއް އޭސީސީގެ ތަހުގީގުން ހޯދިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރުުމުގަ އާއި، އިދާރީ ގޮތުން ހަދާފައި ހުރި ގޯސްތައް އެބަ ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއީ ދައުވާ ކުރެވޭނެ ފަދަ ކަންކަން ނޫން ކަމަށް ވިދާޅުވި އެވެ.

"ތެދެއްމެ، ވަރަށް ދަށް ފެންވަރުގެ މަސައްކަތެއް ކުރެވިފައި އޮވެދާނެ. ވަރަށް އިދާރީ ގޮތުންވެސް ރަނގަޅު ނޫން މަސައްކަތް ކުރެވިފައި އޮވެދާނެ. މި މުޅި ހަރަކާތް މި ކަންތައް ހިނގާ ދިޔަ ގޮތަށް ބަލާއިރު އިދާރީ ގޮތުން އެއަށް ވުރެ މާ ރަނގަޅަށް ހިންގެން ޖެހޭ ކަމަށް ގަބޫލު ސަބަބުތައްވެސް އެބަ ހުރި،" ޝަމީމް ވިދާޅުވި އެވެ.

"މިކަމުގައި ޖިނާއީ ގޮތުން ފިޔަވަޅެއް އަޅަން ޖެހޭ ކަމެއް ހިމެނޭތޯ އަޅުގަނޑު ބަލަނީ. އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި، ވަޒިފާގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި މި ފައިސާ ހޯދުމަށް ޓަކައި ދެން ހަދަން ޖެހޭ ގޮތްތަކާއި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާ އެއީ ދެން ބަންޑާރަނައިބު އެ ބައި ކުރިއަށްގެންދަވާނެ،"

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިމް ޝަމީމް ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މުސާ

ވަކިވަކި މީހުންނަށް ކުރެވުނު ތުހުމަތުތަކާއި އޭގައި ދައުވާ ނުކުރަން ނިންމި ސަބަބުތައް ޕީޖީ ހުލާސާ ކުރެއްވި އެވެ. އޭގެ ތެރޭގައި މިނިސްޓަރު އަމީންއަށް ކުރެވޭ ތުހުމަތުތައްވެސް ހިމެނެ އެވެ. ދުބާއީގެ ކުންފުންޏަށް ކޮންޓްރެކްޓު ހަވާލު ކުރީ މިނިސްޓަރު އަމީނު ދަންނަވައިގެން ކަމަށް ތުހުމަތު ކުރެވެ އެވެ.

މިއަދު ޕީޖީ ވިދާޅުވީ، މިނިސްޓަރު ކުންފުންޏެއްގެ މައުލޫމާތު ގެނެސްދިނަސް އެކަމުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. ވަކި ބަޔަކަށް ކޮންޓުރެކްޓެއް ދޭން މިނިސްޓަރު ވިދާޅުވިޔަސް ވަކި ބަޔަކަށް ދިނުމަކީ ބިޑް ކޮމިޓީއިން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ބިޑް ހަވާލު ކުރީކީ މިނިސްޓަރު ސަޖެސްޓުކުރައްވައިގެންކަން އަޅުގަނޑުމެންނަށް ސާބުތުކޮށްދެވިދާނެ ގޮތެއް ފެންނަން ނެތީ،" ޕީޖީ ޝަމީމް ވިދާޅުވި އެވެ.

ބިޑް ކޮމިޓީގައި ހިމެނޭ ބޭފުޅުން ބިޑް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާތީ އެ ބޭފުޅުން ބައްދަލުވުމަށް ވަޑައިގަންވަން އެންގެވި ކަމަށްވެސް އަމީންއަށް ތުހުމަތު ކުރެވެ އެވެ. އަދި އަމީން އެކަމުގައި ވަރަށް ގިނައިން އަޕްޑޭޓު ހޯއްދަވަން ގުޅުއްވި ކަމަށްވެ އެވެ. އެއީ ވަކި މީހަކަށް ފައިދާއެއް ހޯދައިދޭން ކުރި ކަމަކަށް ތުހުމަތު ކުރެވެ އެވެ.

އެކަމާ ގުޅިގެން ޕީޖީ ވިދާޅުވީ، އެ ދެ ކަމަކީވެސް މިނިސްޓަރުގެ ހައިސިއްޔަތުން އެ ބޭފުޅާ ކުރައްވަން ޖެހޭ ކަމެއް ކަމަށެވެ. ބިޑް ކޮމިޓީގައި ނުހިމެނޭ މެމްބަރަކު ވަގުތީ ގޮތުން ކޮމިޓީއަށް ލައިގެން އެކަން ކުރިއަށްގެންދިޔަ ނަމަ އެއީ މައްސައެއް ކަމަށް ބެލިދާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ތުހުމަތު ކުރެވޭ ފަރާތްތަކަށް މާލީ މަންފާއެއް ލިބިފައިވޭތޯ ބެލުމަށް ބޭންކް ސްޓޭޓެމެންޓުތަކަށް ބެލި އިރު، އެ އެކައުންޓުތަކަށް ވެންޓިލޭޓަރު ސަޕްލައި ކުރުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކުން ނުވަތަ އެ ކުންފުނިތަކާ ގުޅުންހުރި ފަރާތަކުން ތުހުމަތު ކުރެވޭ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައިވާކަން އޭސީސީއިން ފާހަގަ ކުރާކަން ޕީޖީ މިއަދު ވިދާޅިުވި އެވެ. ފައިސާ ޖަމާވެފައި ހުރި ނަމަ އެއީ ކޮރަޕްޝަންގެ މައްސަލައެއް ސާބިތު ކުރަން މުހިންމު ހެއްކަކަށް ވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

އޭސީސީގެ ތަހުގީގު ފުރިހަމަ ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރުމުން ޕީޖީ އެކަމަށް ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އޭނާއަށް ވަކި އެއްޗެއް ބުނެވޭނެ ކަމެއް ނޫނެވެ. އޭސީސީއިން މައްސަލަ ހުށަހަޅުއްވާނީ ފުރިހަމައަށް ތަހުގީގު ނިންމުނު ކަމަށް އޭސީސީއަށް ގަބޫލުކުރެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޖީ އިތުރަށް ވިދާޅުވީ، ދައުވާ ނުކުރަން ނިންމީ އެއްވެސް ސިޔާސީ ނުފޫޒެއް އޮވެގެން ނޫން ކަމަށެވެ. ދައުވާ ކުރަން އޭސީސީއިން އެދުނު ބޭފުޅުންނަކީ އޭނާއާ ގުޅުމެއް އޮންނަ ބައެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އޭސީސީއިން މިއަދު ބުނެފައި ވަނީ ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމި ސަބަބުތައް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށެވެ. ޕީޖީ އޮފީހުން ފާހަގަ ކުރި ނުކުތާތަކަށް ބަލައިގެން، ފުލުހުންނާ ގުޅިގެން އަލުން މައްސަލަ ދިރާސާ ކުރާ ކަމަށް އޭސީސީއިން ބުނެފައިވެ އެވެ. ދެން ވަކި ގޮތެއް ނިންމާނީ އެކަންކަން ބެލުމަށް ފަހު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ވިދާޅުވީ، ފުލުހުންނާއި އޭސީސީ ގުޅިގެން އެ މައްސަލަ ބަލަމުންދާއިރު އާ ހެކިތަކެއް ފާހަގަ ކުރެވިގެން މައްސަލަ ހުށަހަޅައި، އެއީ ދައުވާ ކުރެވޭ ވަރުގެ ހެކިތަކެއް ނަމަ ދައުވާ ނުކުރަން ނިންމެވި ނިންމެވުން ބަދަލުކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް