ކަފާލާތުގެ ދަށުން ރިއާ ދޫކޮށްލައިފި

ރިއާ ޗަކްރޮބޯތީ އިއްޔެ ކޯޓަށް ހާޒިރުކުރަނީ --- ފޮޓޯ : އިންޑިއަން އެކްސްޕްރެސް

އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ ތަހުގީގުން ފެންމަތިވި ޑުރަގު މައްސަލާގައި ހައްޔަރުކޮށްފައިވާ ބޮލީވުޑް އެކްޓަރު އަދި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީ ކަފާލާތުގެ ދަށުން މިއަދު ދޫކޮށްލައިފި އެވެ.

ނާކޮޓީކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ރިއާ އާ ދެކޮޅަށް ހުށަހެޅި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ރިއާ މިއަދު ކަފާލާތުގެ ދަށުން ދޫކުރުމަށް ވަނީ ބޮމްބޭ ހައި ކޯޓުންނެވެ.

މިދިޔަ މަހުގެ އަށް ވަނަ ދުވަހު ރިއާ ހައްޔަރުކުރި އިރު ބަންދުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ. އެއާއެކު އޭނާ މިއަދު ދޫކޮށްފައިވަނީ އޭނާގެ ބަންދުގެ މުއްދަތަށް އިއްޔެ އިތުރު 14 ދުވަސް ޖަހާފައިވަނިކޮށެވެ.

ޑްރަގު މައްސަލައިގައި ރިއާ އާއެކު އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބޯތީ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތަށްވެސް އިއްޔެ 14 ދުވަސް އިތުރުކުރިއިރު ކަފާލާތުން ދޫކުރުމަށް އެދި އޭނާވެސް ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް ކަފާލާތުން ދޫކޮށްފައިވަނީ ރިއާ އެކަންޏެވެ.

ކޯޓުން އޭނާ ދޫކޮށްލާފައިވަނީ އެއް ލައްކަ ރުޕީސް އަށެވެ. އޭގެއިތުރުން ބޮމްބޭ ހައި ކޯޓުން އަމުރުކޮށްފައިވަނީ ރިއާ ދޫކޮށްލާފައިވާ މުއްދަތުން ފެށިގެން އޭނާ ދިރިއުޅޭ ހިސާބެއްގެ އެންމެ ގާތުގައި ހުންނަ ފުލުހުންގެ އޮފީހަކަށް 10 ދުވަސް ވަންދެން ކޮންމެ ދުވަހަކު ހާޒިރުވެ މާކު ކުރަން ޖެހޭނެ ކަމަށެވެ. އަދި ރިއާގެ ޕާސްޕޯޓު ފުލުހަށް ހަވާލު ކުރުމަށާއި ގައުމުން ބޭރަށް ދިޔުން މަނާ ވާނެ ކަމަށް ކޯޓުން ވަނީ އަންގާފައެވެ.

ކޯޓުން އިތުރަށް އަންގާފައިވަނީ ރިއާ މުމްބާއި އިން ބޭރަށް ދާން ބޭނުންވާނަމަ އިންވެސްޓިގޭޝަން އޮފިސަރަކަށް އެކަން އަންގައި ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް