ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

ގަމު ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން މެޝިން ބަހައްޓައި ޓެސްޓުކުުރުން -- ފޮޓޯ/ ހޮސްޕިޓަލް

ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީ.ޓީ ސްކޭންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެ، މެޝިން ޓެސްޓުކޮށްފިއެވެ.

އެ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ އެ ހދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ބޮޑެތި މަސައްކަތްތައްނިމި، މެޝިން އިންސްޓޯލް ކޮށް އަދި މިއަދު މެޝިން ޓެސްޓް ކޮށްފައިވާ ކަމަށެވެ.

ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު މަސައްކަތެއް ނިންމާލެވިފައި ވަނީ ހޮސްޕިޓަލުގެ މުވައްޒަފުންގެ އެއްބާރުލުން މިކަމުގައި ވަރަށް ފުރިހަމައަށް ލިބި އަދި ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން ހޮސްޕިޓަލްގެ ތަރައްގީ އާއި ކުރިއެރުމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ކުރައްވަމުން ގެންދަވާ މަސައްކަތް ވެސް ފާހަގަކޮށް، މަސައްކަތުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ހޮސްޕިޓަލްގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.

ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމާ ގުޅިގެން މެމްބަރު ވިސާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނަވަމުން އަންނަ ކަމަށެވެ.

"ލާމު ގަމު ހޮސްޕިޓަލުން ސީޓީ ސްކޭން ހިދުމަތް ފެށުމަކީ އެކަމުގެ ހެއްކެއް. ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތަކުގެ ވައުދު ރަނުން ރަނަށް މި ސަރުކާރުން ފުއްދަވާނެ،" ވިސާމް ވިދާޅުވިއެވެ.

ތ. އަދި އދ. އަތޮޅުގެ ރަށްރަށުން ވެސް ގިނަ ބަޔަކު ހިދުމަތް ހޯދާ ގަމު ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިމާރާތް ކުރަމުންދާ ބަލިމީހުންބަލާ ހަ ކޮޓަރި އަދި ވެއިޓިންގް އޭރިއާގެ މަސައްކަތް ވެސް ވަރަށް ބޮޑަށް ވަނީ ނިމިފައެވެ.

މިހާރު ކުރިއަށް ދަނީ އެ އިމާރާތުގައި ކުރަންހުރި އެންމެ ފަހުގެ މަސައްކަތްތަކެވެ.

comment ކޮމެންޓް