ލޯނު ނަގައިގެން ކްރިކެޓް ސްޓޭޑިއަމް އަޅާތީ ކަންބޮޑުވުން

އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރެއިން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ކްރިކެޓް ސްޓޭޑިއަމުގެ ޑިޒައިނެއް --- ފޮޓޯ// އިންޑިއަން ހައި ކޮމިޝަން

އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރޭގައި ހިމެނިގެން ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ ދުނިޔޭގެ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމްގެ ކުރެހުން ދައްކާލުމުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާއިން ރާއްޖެއަށް ދޭން އިއުލާންކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރޭގައި ހިމެނިގެން އައި ކަންތައްތަކުގެ ތެރެއިން ކުޅިވަރުގެ ރޮނގުން އެންމެ ބޮޑު އުފަލެއް ލިބުނީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމެއް ރާއްޖޭގައި އަޅާނެކަމުގެ ޔަގީންކަން ލިބުމުންނެވެ.

އެއަށްފަހު 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް ހަދައި، ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް އެހީތެރިވެދޭނެކަން ރަސްމީކޮށް ވަނީ އިއުލާން ކޮށްފަ އެވެ.

އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރެއިން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ކްރިކެޓް ސްޓޭޑިއަމުގެ ޑިޒައިނެއް --- ފޮޓޯ// އިންޑިއަން ހައި ކޮމިޝަން

އަދި މި ސްޓޭޑިއަމާ ބެހޭ ގޮތުން ދެގައުމުގައި މަޝްވަރާ ކުރުމަށް ހުރި ކަންކަން މަޝްވަރާ ކުރުމަށްފަހު މިހާރު ވަނީ މުޅި ރާއްޖޭގައި ވެސް މިހާތަނަށް އެޅިގެންދާނެ އެންމެ ބޮޑު، އަދި އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމުގެ ކުރެހުންތައް ދައްކާލައިފަ އެވެ. ގާތްގަނޑަކަށް 22 ހާސް މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ހުޅުމާލޭ ފޭސް-2 ގައި އަޅަން ކޮށްފައިވާ ޕްލޭންތައް ސަރުކާރުން ވެސް މިހާރު ވަނީ ހިއްސާ ކުރަން ފަށައިފަ އެވެ.

އެހެން ނަމަވެސް، ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ލިބިފައިވާ މި ދަނޑިވަޅުގައި، ލޯން ނަގައިގެން ކްރިކެޓް ސްޓޭޑިއަމަށް އަޅާތީ ގިނަބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔައި، މިވަގުތަށް ރާއްޖެއަށް އެއަށްވުރެން މުހިއްމު އެތައް ކަމެއް ކުރަންޖެހިފައި ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ، ރާއްޖޭގައި ކްރިކެޓަކީ މާ މަގުބޫލު ކުޅިވަރަކަށް ނުވެފައި ފުޓުބޯޅަ، ވޮލީ އަދި އެހެން ބައެއް މަގުބޫލު ކުޅިވަރުތައް ކުޅޭނެ ފެންވަރު ރަނގަޅު ސްޓޭޑިއަމެއް ނެތީސް ކްރިކެޓް ސްޓޭޑިއަމެއް މުހިއްމުވީމަ އެވެ.

"ކްރިޑިޓް ލައިންއަކީ ފަހުން ދައްކަން ޖެހޭ އެއްޗެއް. މިކަހަލަ ސްޓޭޑިއަމްތައް އެޅުމަށްވުރެން ޒުވާނުންނަށް ވަޒީފާ އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދުން މާ ރަނގަޅު ވާނެ. މިފަދަ ބޮޑެތި ކަންކަން ނިންމަވާ އިރު ޒުވާނުންގެ މަޝްވަރާއާއި، ހިޔާލު ހޯދަން ޖެހޭ،" ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރި ޒުވާނަކު ބުންޏެވެ.

އިތުރު ޒުވާނަކު ބުނީ، ހުޅުމާލޭގައި މިހާރުވެސް ބިމުގެ ދަތިކަން އޮތް އިރު ބޮޑު ޖާގައެއް މި ސްޓޭޑިއަމް އަޅަން ދޫކޮށްލައިގެން ތިބެވޭކަށް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ހޮސްޕިޓަލުތަކާއި، ސްކޫލް އަދި އެހެނިގެން އިންފްރާސްޓްރަކްޗާތަކާއި، ދައުލަތުގެ ވެހިކަލްތަކަށް ބަލާލިޔަސް ރަނގަޅު ކުރަން ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. އެހެން ކަމުން ސްޓޭޑިއަމެއް އެޅުމުގެ ކުރިން ޒަރޫރީ އެހެން ބޭނުންތައް ފުދޭނެ ކަންކަން ކުރުން ބުއްދިވެރިކަމަށް ޒުވާނާ ވަނީ ބުނެފަ އެވެ.

"ފުޓުބޯޅަ މެޗެއް ބަލަން 100 މީހުން ވެސް މިހާރު ދަނޑަށް ނުވަދޭ. ފުޓުބޯޅަ އަކީ 90 އިންސައްތަ ދިވެހިން ޝައުގުވެރިކަން ހުންނަ ކުޅިވަރެއް. 5 އިންސައްތަ ދިވެހިން ވެސް ކްރިކެޓަށް ޝައުގު ނެތް. ތިއީ ބޭކާރު ކަމެއް." ޒުވާނަކު ކުރި ޓްވިޓާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ފަހަކަށް އައިސް އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށް އިދިކޮޅުން ފަށާފައިވާ އިންޑިއާ އައުޓް ކެމްޕޭނާ ގުޅުވާލައިގެން ވެސް ބައެއް މީހުން އަންނަނީ މި ސްޓޭޑިއަމްގެ މައްސަލައިގައި ފާޑު ކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ބުނާ ގޮތުގައި މި ސްޓޭޑިއަމުގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނީ ރާއްޖެއަށްވުރެން ރާއްޖޭގައި އުޅޭ ބިދޭސީންނަށް ކަމަށާއި، މިއީ އިންޑިއާއިން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖެއްސުމަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ކްރިކެޓް ސްޓޭޑިއަމުގެ މައްސަލައިގައި އާއްމުންގެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައި އޮތް ނަމަވެސް ކުޅިވަރު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އެކަން ދިފާއުކޮށްފަ އެވެ. އަދި މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ކުޅިވަރުން ފައިތިލަ ސާބިތު ކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވާ އިރު، ސްޓޭޑިއަމުގެ ސަބަބުން ދުރު ރާސްތާ މުސްތަގުބަލެއްގައި ބޮޑު މަންްފާއެއް ވެސް ރާއްޖެއަށް ކުރާނެ ކަމަށް ދެކޭ ގިނަބަޔަކު އެބައުޅެ އެވެ.

އެ ސްޓޭޑިއަމަކީ ހަމައެކަނި ކްރިކެޓަށް ހާއްސަ ސްޓޭޑިއަމެއްގެ ބަދަލުގައި އެތަން ވެގެންދާނީ މަލްޓި ޓާސްކިންގް ސްޓޭޑިއަމަކަށް ކަމަށް ކުރީގެ ކްރިކެޓް އެސޯސިއޭޝަނުގެ ރައީސް އަފްލާހް ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމުން އެތަނުގައި އިތުރު ކުޅިވަރުތަކާއި، ޝޯތައް ވެސް ބޭއްވިގެންދިއުމާ އެކު ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓޭޑިއަމެއް އޮވެގެން ރާއްޖެގައި އިންޓަނޭޝަނަލް މުބާރާތްތަކެއް ހޯސްޓް ކުރެވިއްޖެޔާ އެއީ ސީދާ ސްޕޯޓްސް ޓުއަރިޒަމް. އެ މުބާރާތަށް މީހުން އައުމާއެކު އިންކަމްއަށް ބަލާއިރު ވަރަށް ބޮޑެތި ފައިދާތަކެއް ރާއްޖެއަށާއި، ކްރިކެޓަށް ކުރާނެ. އެހެން ކަމުން އެ ސްޓޭޑިއަމްގެ ސަބަބުން ކްރިކެޓް އެހެން ބަޔަކަށް ބަރޯސާ ނުވެ ހިނގޭނެ. އެހިސާބުން އަސްލު ސަސްޓޭން ކުރެވޭނީ،" އަފްލާހު ވިދާޅުވި އެވެ.

ގަތަރުގައި މީގެ އަހަރުތަކެއް ކުރިން ހަދާފައިވާ އެފް ވަން ރޭސިންގް ކާރު ޓްރެކަށް މިސާލު ޖައްސަމުން މީހަކު ކުރި ޓްވީޓެއްގައި ބުނީ މުޅި އޭޝިއާ ބައްރުގައި ވެސް ވަރަށް މަދުން ނޫނީ ނެތް ފެންވަރުގެ ޓްރެކުގެ ސަބަބުން މިހާރު ގަތަރަށް އެކަމުން ބޮޑު މަންފާއެއް ލިބި، ދުނިޔޭގެ އެންމެ ބޮޑެތި މުބާރާތްތައް ވެސް އެގައުމުގައި ހޯސްޓް ކުރެވިގެންދާ ކަމަށެވެ.

މީގެ އިތުރުން ކްރިކެޓަކީ ސަރަހައްދީ އެންމެ މަގުބޫލު ކުޅިވަރަށް ވެފައި، މުސްތަގުބަލުގައި އަވަށްޓެރި ގައުމުތަކުގެ މެދުގައި ކުޅެވޭ ބޮޑެތި އަދި އެކުވެރިކަމުގެ މެޗުތައް ކުޅުމަށް "ނިއުޓްރަލް ސްޓޭޑިއަމެއް" ހޯދާ ނަމަ އެ ސްޓޭޑިއަމް ވެގެންދާނީ ދިވެހި ރާއްޖޭގެ ސްޓޭޑިއަމަށް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް