އިޖުރާތުން ބޭރުން އެއްވެސް ކަމެއް ނުކުރަން، ގަވައިދު އުވާލީ އޭޖީގެ ލަފައާއެކު: ނަހުލާ

މިނިސްޓަރު ނަހުލާ: ގަވައިދު އުވާލީ އޭޖީގެ ލަފައަކަށް ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އިޖުރާރުން ބޭރުން އެއްވެސް ކަމެއް ނުކުރާ ކަމަށާއި ޝިޕިން އޭޖެންޓުން ރެގިޔުލޭޓު ކުރުމާ ގުޅޭ ގަވައިދު އުވާލީ ބަންޑާރަނައިބު އޮފީހުން ދިން ލަފަޔާ އެކު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމިއްލަފުޅަށް ގަވައިދު އުވާލައްވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖައިޒުފައިދާއެއް ހޯދައިދިނުމަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިހާރު އެ މައްސަލަ ވަނީ ހުށަހަޅައިފަ އެވެ.

އެކަމާ ގޫޅޭ ގޮތުން ނަހުލާ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖްގައި ވިދާޅުވީ، ގަވައިދުގައި މައްސަލަތަކެއް ހުރިކަމަށާއި ގަވާއިދު ހެދުމުގައި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދާފައިނުވާތީ، އެ ބޭފުޅުންގެ މަޝަވަރާގެ މަތިން ގަވައިދު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

"ގަވާއިދުގައި ގާނޫނީ މައްސަލަތަކެއް ހުރުމުން އެކަން ބޯޑުގެ ސަމާލުކަމަށް ގެނެސް ގަވާއިދު އިސްލާހުކޮށް އެކުލަވާލަން ދެތިން ފަހަރެއްގެ މަތިން ވާނީ އަންގާފައި. އަދި ބޯޑުން ބޭނުންވީ ގަވައިދު އިސްލާހު ކުރުން ތަންފީޒުނުކޮށް މަޑުޖައްސާލާފައި ބޭއްވުމަށް ނަމަވެސް ބަންޑާރަ ނައިބުގެ ލަފަޔަކަށްވީ ގެޒެޓްކޮށްފައިވާ ގަވައިދެއް މަޑުޖައްސާލާފައި ނުބޭއްވޭނެ ކަމަށް،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ، ގަވައިދު އިސްލާހު ކުރުމަށް އޮތް ހައްލަކީ ގަވައިދު އުވާލުން ކަމަށް ބަންޑާރައިބު އޮފީހުން ލަފާ ދީފައިވާ ކަމަށެވެ.

"ގާނޫނާއި ގަވައިދާއި އިޖުރާއަތުން ބޭރުން އަޅުގަނޑު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ، ސުވާލު އުފެއްދޭނެ ކަމެއް ވެސް ނޯންނާނެ، އަދި ގަވާއިދު އުވާލުމުގެ ހަމައެކަނި ބޭނުމަކީ އެ ގަވާއިދުގައި ހުރި މައްސަލަތަކެއް ހައްލުކޮށް އަލުން އެ ގަވާއިދު އެކުލަވާލުން،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ 70 މީހުންގެ ސޮޔާއެކު އެވެ. އެމައްސަލަ ހުށަހަޅާ ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ޝިޕިން އެޖެންސީތައް ރެގިޔުލޭޓު ކުުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ގެޒެޓުކުރި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދު ތަންފީޒު ކުރުމަށް މިނިސްޓްރީ އިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އަދި އެ ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އެ ގަވައިދު ހިންގާނީ ޓްރާންސްޕޯޓު އޮތޯރިޓީ އިން ނުވަތަ ކަނޑު ދަތުރުފަތުރުގެ ކަންތައް ބެލެހެއްޓުމުގެ ކަންތައް ބަލަހައްޓާ މިނިސްޓްރީ އިން ކަން އެނގެން އޮންނަ ކަމަށާއި އެ ގަވައިދު އުވާލާ ޝިޕިިން އެޖެންސީތަކަށް އަލުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމަށް އިންޓާނަލް މެމޯއަކުން މިނިސްޓަރު ޓްރަންސްޕޯޓު އޮތޯރިޓީގެ ބޯޑަށް އަންގާފައިވާ ކަމަށެވެ.

އެ ގަވައިދަކީ، މިދިޔަ ޖުލައި މަހު 16 ވަނަ ދުވަހު ގެޒެޓް ކުރި ގަވައިދެކެވެ. ސިޓީގައި ބުނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނުގެ 14 ވަނަ މާއްދާގައި އެ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކަނޑައަޅަން ޖެހޭ އުސޫލުތައް ކަނޑައެޅުމާއި ގަވައިދުތައް ހެދުމަކީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެއް ނަމަވެސް ޓްރާންސްޕޯޓު އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީ އިން ހަދަން ޖެހޭ ގާނޫނުތަކާއި ގަވައިދުތައް ހެދުމާއި އެ ގާނޫނުތަކާއި ގަވައިދުތައް ބާތިލު ކުރުމަކީ އެ އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ނަމަވެސް ގަވައިދު ބާތިލުކޮށްފައި ވަނީ އެ އޮތޯރިޓީގެ ބޯޑުން ފާސް ކުރުމެއް ނެތި ކަމަށާއި އެ އޮތޯރިޓީގެ ބަހެއް ނެތި މިނިސްޓަރު އަމިއްލަފުޅަށް ގަވައިދު އުވާލައްވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖައިޒުފައިދާއެއް ހޯދުމަށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

https://sun.mv/143633

comment ކޮމެންޓް