ޑަބްލިޔޫއެޗްއޯ އިން ފަގީރު ގައުމުތަކަށް ކޮވިޑް ޓެސްޓްކުރާ ރެޕިޑް ކިޓު ފޯރުކޮށްދެނީ

ޑަބްލިޔޫ އެޗް އޯ ގެ ވެރިޔާ ޑރ. ޓެޑްރޮސް

ޖެނީވާ (ސެޕްޓެމްބަރު 29) : ފަނަރަ މިނެޓާއި ތިރީސް މިނިޓާ ދެމެދުގެ ކުރު މުއްދަތެއްގައި ޓެސްޓް ކުރެވޭ ކޮވިޑް- 19 ކިޓް ގިނަ އަދަދަކަށް ފަގީރު ގައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރަޔޭސުސް ވިދާޅުވީ ކޮވިޑް- 19 ގެ ޓެސްޓް އަވަހަށް ހެދޭ ރެޕިޑް ޓެސްޓް ކިޓްތަކަކީ މަތީފެންވަރުގެ މެޝިންތައް ބޭނުންނުކޮށް އިތުބާރުހުރި ނަތީޖާ ލިބިދޭ ކިޓްތަކެއް ކަމަށެވެ. އެ ބާވަތުގެ ކިޓްތަށް އުފައްދާ ކުންފުނިތަކުން އެކިޓްތަކުގެ އަގުގެ ފަސްބައިކުޅަ އެއްބައި ހެޔޮކޮށް ފަގީރު ގައުމުތަކަށް ފޯރުކޮށް ދޭނެކަމުގެ ޔަގީންކަން ޑަބްލިޔުއެޗްއޯ އަށް ދީފައިވާ ކަމަށް ޓެޑްރޮސް ވަނީ ބުނެފަ އެވެ.

މިހާރު ކޮވިޑް-19 ގެ ޓެސްޓުތަށް ފަގީރު ގައުމުތަކުގައި އާންމުގޮތެއްގައި ހަދަނީ 15 ވަރަކަށް ގަޑިއިރު ނުވަތަ އެއްދުވަހުގެ މުއްދަތު ބޭނުންވާ ކިޓްތަކުންނެވެ. މިބާވަތުގެ ކިޓްތަކުން ޓެސްޓްތައް ހެދުމަށް މަތީފެންވަރުގެ މެޝިންތައްވެސް ބޭނުންވެއެވެ. އެހެންކަމުން ފަގީރު ގައުމުތަކަށާ މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކަށް ވަނީ ކޮވިޑް- 19 ގެ ޓެސްޓްތައް ކުރިޔަށް ގެންދިޔުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

ކޮވިޑްގެ ޓެސްޓް ކިޓެއް

ފަނަރަ މިނިޓާއި ތިރީސް މިނިޓާ ދެމެދު ކޮވިޑް ޓެސްޓް ހެދޭ ކިޓްތަކަކީ އެންޓިޖެންއިން ވައިރަސް ދެނެގަންނަ ބާވަތުގެ ހައިކޮލިޓީ ކިޓްތަކެކެވެ. މިބާވަތުގެ ކިޓެއްގެ އަގަކީ އެމެރިކާ ޑޮލަރުގެ ފަސްޑޮލަރެވެ. މިލިޔަނުން ކޮވިޑް ޓެސްޓް ހަދަންޖެހޭ ފަގީރު ގައުމުތަކަށް މިއީ ތަހަންމަލް ކުރެވޭވަރުގެ އަގެއްނޫނެވެ.

އެހެންކަމުން ޑަބްލިޔުއެޗްއޯއިން މަސައްކަތްކުރަނީ ރެޕިޑް ޓެސްޓް ކިޓްތައް އުފައްދާ ކުންފުނިތަކާ ވާހަކަދައްކައިގެން ތަންކޮޅެއް ހެޔޮއަގެއްގައި ރެޕިޑް ޓެސްޓް ކިޓްތައް ފަގީރު ގައުމުތަކަށް ފޯރުކޮށްދިނުމަށްކަމަށް ޑރ. ޓެޑްރޮސް ވިދާޅުވިއެވެ. އެކަމަށްޓަކައި 600 މިލިޔަން ޑޮލަރު ހޯދުމުގެ މަސައްކަތް އެޖަމިއްޔާއިން މިހާރު ކުރަމުން ގެންދާކަންވެސް ޑރ. ޓެޑްރޮސް ފާހަގަ ކުރެއްވިއެވެ.

އެފައިސާ ލިބުމުން ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ފަގީރު ގައުމުތަކަށް ރެޕިޑް ޓެސްޓް ކިޓްތައް ހިލޭ ފޯރުކޮށްދޭނެއެވެ. މަހެއްހާދުވަހުގެ ތެރޭގައި މިކަންކުރެވި ފަގީރު ގައުމުތަކަށް ކިޓްތައް ލިބޭވަރުވާނެ ކަމަށް ޑަބްލިޔުއެޗްއޯ އުންމީދު ކުރެއެވެ.

މުއްސަނދި ގައުމުތަކުން ކޮވިޑް އަށް ޓެސްޓް ކުރުމަށް ބޭނުންކުރަނީ މަތީ ފެންވަރުގެ ޖެނެޓިކް ޓެސްޓެއް ކަމުގައިވާ ޕީސީއާރު ޓެސްޓެވެ. މިއީ ވަރަށް އިތުބާރުބޮޑު ޓެސްޓް ކިޓްތަކެކެވެ. ފަނަރަ މިނިޓާއި ތިރީސް މިނިޓާ ދެމެދު ކޮވިޑް ޓެސްޓް ހެދޭ ގޮތަށް މިހާރު ހައިކޮލިޓީގައި އުފައްދާ ރެޕިޑް ކިޓްތަކަކީވެސް މިފެންވަރުގެ އިތުބާރު ނަތީޖާ ލިބޭ ޓެސްޓް ކިޓްތަކެއްކަމަށް ޑަބްލިޔުއެޗްއޯ ގެ ތަޖްރިބާކާރުން ވިދާޅުވެއެވެ.

ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ފަގީރު ގައުމުތަކަށް ހިލޭ ފޯރުކޮށްދިނުމަށް މަސައްކަތްކުރަނީ މިބާވަތުގެ އިތުބާރުހުރި ހައިކޮލިޓީގެ ރެޕިޑް ކިޓްތަކެވެ. ކޮވިޑް ފެނުނުތާ ކުރީކޮޅު އުފެއްދި ބާވަތުގެ ދަށްކޮލިޓީގެ ކިޓްތަކެއްނޫނެވެ. ޑަބްލިޔުއެޗްއޯ އިން މަސައްކަތް ކުރަމުން ގެންދަނީ ފަގީރުގައުމުތަކަށާ އަދި އަދި މެދު މިނުގެ އާމްދަނީ ލިބޭ ގައުމުތަކަށް ހައިކޮލިޓީގެ ރެޕިޑް ކިޓް ގެ 120 މިލިއަން ކިޓް ފުރަތަމަ ބުރުގައި ފޯރުކޮށްދިނުމަށް ކަމަށް އެޖަމްއިއްޔާއިން ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް