ޖީޖީ އާއި ޒޭންއަށް އަންހެން ކުއްޖަކު ލިބިއްޖެ

ޖީޖީ ހަދީދު އާއި ޒޭން މަލިކް މެޓް ގާލާގެ ހަފްލާއެއްގެ ތެރެއިން ---

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް،27، އާއި އެމެރިކާގެ މޮޑެލް ޖީޖީ ހަދީދް،25، ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔައިފި އެވެ.

ޒޭން މިއަދު ހެނދުނު ސޯޝަލް މީޑިއާއަށް އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ދެމީހުންގެ އާއިލާއަށް އަންހެން ކުއްޖެއް ލިބިފައިވާ ކަމަށެވެ.

"އަހަރެމެންގެ އަންހެން ދަރިފުޅު އަތުވެއްޖެ. އެ ކުއްޖާގެ ހާލު ރަނގަޅު އަދި ވަރަށް ލޯބި،" ޒޭން ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.

ޒޭން އިތުރަށް ބުނެފައި ވަނީ މިވަގުތު ކުރެވެމުންދާ އިހުސާސްތައް ލިޔެގެން ބަޔާންކޮށްދޭން އުނދަގޫ ކަމަށެވެ. އެ ކުޑަ ކުއްޖާއަށް އޮތް ލޯބި ބުނެދޭން ނޭނގޭ ކަމަށާއި އަމިއްލަ ދަރިއެއް ލިބިފައިވާތީ އެކަމާ ވަރަށްބޮޑަށް ފަހުރުވެރިވާ ކަމަށް ވެސް ޒޭން ބުންޏެވެ.

ޖީޖީގެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާގެ ފަރާތްތަކުން މައުލޫމާތު ދެ އެވެ.

ޖީޖީ މިދިޔަ ހަފްތާ ބަންދުގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މިއަދު ދެމީހުންނަށް ފުރަތަމަ ދަރިފުޅު ލިބިފައިވާ އިރު ޖީޖީގެ ބައްޕަ ވަނީ މީގެ ހަފްތާއެއް ކުރީން ކާފަ ދަރިފުޅަށް އަތުން ސިޓީއެއް ލިޔެ ޖީޖީއަށް ދީފަ އެވެ.

މުހައްމަދު ހަދީދު ލިޔުނު ސިޓީގައި ބުނެފައި ވަނީ ކާފަ ދަރިފުޅު އަންނާތީ ވަރަށްބޮޑަށް އުފާކުރާ ކަމަށާއި އެ ދުވަހަށް ވަރަށް ތައްޔާރުވެގެން ތިބި ކަމަށެވެ. އަދި ކާފަ ދަރިފުޅު ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް މުހައްމަދު ހަދީދު ބުންޏެވެ.

ޖީޖީ އޭނާގެ ފުރަތަމަ ދަރިފުޅަށް ބަނޑުބޮޑުވެ އިން ކަމަށް އާންމުކޮށްފައި ވަނީ މި އަހަރުގެ މެއި މަހުގަ އެވެ.

comment ކޮމެންޓް