ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުން ބޮޑު ކުށަކަށް ހަދާ އިސްލާހު ތަސްދީގުކޮށްފި

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ޖެންޑާ މިނިސްޓްރީ ކައިރިން ފެށި މުޒާހަރާ އަކީ، މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލުމާ ގުޅިގެން ކުރި މުޒާހަރާއެށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭޕް ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ބޮޑު ކުށަކަށް ހަދައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ޖިނާއީ އިޖުރާއަތު ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ބޮޑު ކުށުގެ ތެރޭގައި މިހާރު 12 ކުށެެއް ހިމެނޭނެއެވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ހިމެނޭ ކުށްތަކުގެ ތެރޭގައި މީހުން މެރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށްތައް އަދި މަނީ ލޯންޑްރިންގެ ކުށްތަކުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ކުށްތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށްތަކާއި އިތުރު ކުށްތައްވެސް ހިމެނެ އެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ ޒާތީ މުއާމަލާތު ކޯޓު އަމުރެއްގެ ދަށުން އަޑުއެހުމުގެ އިހުތިޔާރު ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ދޭންވެސް އިސްލާހުގައިވެއެވެ،

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅި މައިގަނޑު މަގުސަދަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އެ ގާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށާއި، އެ ގާނޫނުގައި އިތުރަށް ކަނޑައަޅަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމެވެ.

ޖިނާޢީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރެއްވުމާއިއެކު، އެ ގާނޫނު މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ވަނީ ފަށައިފައެވެ.

comment ކޮމެންޓް