ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަދީބުގެ ހަތް ދައުވާ އަލުން ބެލުމަށް ހައި ކޯޓުން އަމުރުކޮށްފި

ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދީބު ---

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އަލުން އެ މައްސަލަތައް ބެލުމަށް ހައި ކޯޓުން އަމަރު ކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި، އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީއާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

ދައުލަތުން އަދީބުގެ މައްސަލަތައް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.

ތިން އަޑުއެހުމަށްފަހު މިއަދު އެ މައްސަލައިގެ ހުކުމް ހައި ކޯޓުގައި އިއްވާފައިވާއިރު، ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުން ބޭރުކޮށްލި އެ ހަތް ދައުވާ އަލުން ބެލުމަށް އަމަރު ކުރުމަށެވެ.

ހަތް ދައުވާ ބޭރުކޮށްލުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން ފާހަގަކޮށްފައިވަނީ ޕީޖީ އޮފީހާއި އަދީބުއާ ދެމެދު ހަދާފައިވާ އިއުތިރާފު އެއްބަސްވުން ސައްހަ ކަން ކަށަވަރުވެފައި ނުވާތީކަން ފާހަގަކޮށް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެ އެއްބަސްވުމަށް ޕީޖީ އިން ވެސް އަދީބު ވެސް އިންކާރު ކޮށްފައި ނުވާ ކަމަށެވެ.

"އިބްތިދާއީ އަޑުއެހުމެއްގައި އެ ފަދަ އެއްބަސްވުމާކާއި ބެހޭގޮތުން ފަނޑިޔާރުންގެ ދައުރަކީ އެފަދަ އެއްބަސްވުމެއް ހެދިފައިވާނެ ތޯ ބެލުން. އެފަދަ އެއްބަސްވުމެއް ވެފައިވާކަމަށް ބުނެފިނަމަ އެއްބަސްވުމުގައި ވެފައިވާ އިޢުތިރާފުން ރުޖޫއަވެ ދައުވާއަށް އިންކާރުކުމުގެ ހައްގު މުއްތަހަމަށް ލިބިގެންވާކަން ބަޔާން ކޮށްދިނުން. އަދި އެފަދަ އެއްބަސްވުމެއް އޮތްނަމަ، ކޯޓުން އެއެއްބަސްވުމެއް ބަލައިގަތުމާއި ނުގަތުމުގެ މައްޗަށް ގޮތެއް ނިންމުން،" މިއަދުގެ ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވި އެވެ.

އެފަދަ އެއްބަސްވުމެއްގެ ސައްހަކަން ކަށަވަރުކުރުމަށް ނުވަތަ އެފަދަ އެއްބަސްވުމެއް ބިނާކުރި އަސާސް ދެނެގަތުމަށް ހެއްކާއި ދަލީލުތައް ހުށަހަޅައި ދެފަރާތަށް ބަހުސްކުރުމަށް ފުރުސަތުދީ، އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންދިޔަ ގާޒީ އެކަމަށް ވަގުތުތަކެއް ހޭދަކުރުމަކީ ފޫނެތް ފަޔަކަށް ފެންފުރުން ކަހަލަ ކަމެއް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި އެއީ ގާނޫނީ ގޮތުން ބަހުސެއް ކުރުމުގެ ބޭނުމެއް ނެތް ކަމެއްގައި ކުރެވޭ ބޭކާރު ބަހުސެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"ވީމާ، ޕްރޮސެކިއުޓާ ޖެނެރަލް އާއި އިސްތިއުނާފު ރައްދުވާ އަހްމަދު އަދީބު އަބްދުލްޣަފޫރާއި ދެމެދު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުން ވެފައިވާ ގޮތް ސައްހަ ނޫންކަމަށް ކަނޑައަޅައި ހުށަހެޅިފައިވާ ހަތް ދައުވާ ދަށުކޯޓުން ބާތިލު ކުރިކުރުމަކީ ރަނގަޅު އިޖުރާއަތެއްގެ މައްޗަށް ބިނާ ކުރި ނިންމުމެއް ނޫން،" ފަނޑިޔާރު ވިދާޅުވި އެވެ.

ދައުވާއެއް ހުށަހެޅުމުން އެދައުވާއަށް އިއުތިރާފުވޭތޯ ނުވަތަ އިންކާރު ކުރޭތޯ ބެލުމަށްފަހުގައި މެނުވީ އިތުރު ހުށަހެޅުންތައް ހުށަހެޅުމެއް ނޯންނާނެ ކަން ފާހަގަކޮށް ފަނޑިޔާރުންގެ ހުކުމުގައި ބުނެފައިވަނީ އިސްތިއުނާފް ކުރެވިފައިވާ މައްސަލައިގައި، ރައްދުވާ ފަރާތުންވެސް ހައިކޯޓުގައި ބުނެފައިވަނީ، ދައުވާތަކަކީ، މައުޟޫއީ ގޮތުން ބަލަންޖެހޭ ދަޢުވާތަކެއްކަމަށް ގަބޫލުކުރާ ކަމަށެވެ.

މައުޟޫޢީ ގޮތުން ދަޢުވާ ބަލަންޖެހޭނީ، ދަޢުވާއަށް އިންކާރު ކުރުމުންނެވެ. ދަޢުވާއަށް އިޢުތިރާފްވާނަމަ، އެމައްސަލައެއް ބަލަންޖެހޭނީ އަވަސްނިޔާގެ ގޮތުގައެވެ.

"އިސްތިއުނާފް ކުރެވިފައިވާ ދައުވާތަކާއި ގުޅިގެން ދަށުކޯޓުން ނިންމި ނިންމުންތައް ނިންމާފައިވަނީ ހުށަހެޅި ދައުވާތަކަށް ދަޢުވާލިބޭ ފަރާތް އިއުތިރާފްވޭތޯ ނުވަތަ އިންކާރު ކުރޭތޯ ބެލުމަކާއި ނުލައިކަމަށްވާތީ އެއީ ބާތިލު އިޖުރާއަތެއްގެ މައްޗަށް ކުރިއަށް ގެންގޮސްފައިވާ ނިންމުންތަކެއްކަން ނުހަނު ސާފުކޮށް އެނގެން އޮވޭ،" ހުކުމުގައި ބުނެފއިވެ އެވެ.

ކްރިމިނަލް ކޯޓުން އެ ހަތް ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށްފަހު އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު ވަނީ އެ ދައުވާތައް އެ ކޯޓުން ބޭރުކޮށްލާފައެވެ.

އެ މައްސަލާގައި އިސްމާއިލް ރަޝީދު އަމަލު ކުރެއްވި ގޮތުން ޖޭއެސްސީއަށް ޕީޖީ އޮފީހުން ޝަކުވާ ހުށަހެޅި އެވެ. އަދި އެ މައްސަލަ ބެލުމަށް ގާޒީ އިސްމާއިލް ރަޝީދު ދެ މަސް ދުވަހަށް ސަސްޕެންޑް ކުރި އެވެ. ނަމަވެސް މައްސަލަ ބަލައި ނުނިމެނީސް މިއަދު ވަނީ އޭނާގެ ސަސްޕެންޝަން ނިމި މަސައްކަތަށް ނިކުމެވަޑައިގެންފަ އެވެ.

comment ކޮމެންޓް