ކްރިމިނަލް ކޯޓުން ބޭރުކޮށްލި އަދީބުގެ މައްސަލަތަކާ ގުޅޭ ގޮތުން ހައި ކޯޓުން މާދަމާ ގޮތެއް ނިންމަނީ

ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފް އަޑުއެހުމުގައި އަދީބް: އެ މައްސަލައިގައި މާދަމާ ގޮތެއް ނިންމާނެ ---

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތަކެއް ކުރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލާގައި ހައިކޯޓުން މާދަމާ ގޮތެއް ކަނޑައެޅުމަށް ތާވަލްކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލައިގައި އެންމެ ފަހުން އިސްތިއުނާފް އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން ޝަރީއަތުން ވަނީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް ކުރުންކަން އިއުލާންކޮށްފައެވެ.

މާދަމާ މެންދުރުފަހު 2:00 ގައި އެ މައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލްކޮށްފަ އެވެ. އެ އަޑުއެހުން ހައިކޯޓުގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ލައިވް ކުރާނެއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް އަޑުއެހުންތަކުގައި ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ ވަކީލަކާ ނުލައި ކަން އަދީބު ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި ދައުލަތުން ފާހަގަކުރި ނުކުތާތަކަށް ދޭނެ ރައްދެއް ނެތް ކަން ފާހަގަކުރައްވައި އަދީބު ވިދާޅުވީ، މިހާރު ކުރިއަށްދާ މައްސަލައަކީ މައުޟޫއީ ގޮތުން ބަލައި ނިންމަންޖެހޭ މައްސަލައެއް ކަމަށާއި އެހެން ކަމުން އެކަމާ ގުޅޭ ގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. ބޭނުންފުޅުވަނީ އަވަހަށް މައްސަލަ ބަލައި ނިންމަން ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް