މައުސޫމް: ރާއްޖޭގެ ކާމިޔާބުގެ ވާހަކަ ލިޔުއްވުމުގެ އަޒުމުގައި!

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ އެކު ރާއްޖޭގެ ޓޫރިޒަމް މި އޮތީ ހެލުންގަނޑެއްގެ ތެރޭގަ އެވެ. ރާއްޖޭގެ އެއް ނަމްބަރު ސިނާއަތް، ރާއްޖޭގެ ޓޫރިޒަމް ވެއްޓިފައި މި ވަނީ، މިއިން ޒަމާނަކު ކުރިމަތިނުވާ ވަރުގެ ގޮތް ނޭނގޭ ހާލަތެއްގެ ތެރެއަށެވެ. ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގަތް ޑރ. އަބްދުﷲ މައުސޫމްއަށް އޮތް އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ޓޫރިޒަމް "ސުމަކުން" ކަހަލަ ގޮތަކަށް އަލުން ފަށައިގަތުމުގެ މަސައްކަތެވެ. ކުރު މުއްދަތެއްގައި ރާއްޖެ އަލުން ތިޔާގިވާން އޮތް ހަމައެކަނި މަގު ދެއްކުމުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގެންފައިވާ ބޭފުޅަކަށް ވެފައި ވަނީ އާ ޓޫރިޒަމް މިނިސްޓަރު މައުސޫމް އެވެ. ޓޫރިޒަމަކީ މައުސޫމްއަށް އާ ދާއިރާއެއް ނޫން ނަމަވެސް، އޭނާއަށް ވެސް މިއީ ކުރިމަތިވާ އާ ގޮންޖެހުމެކެވެ. މިއީ، އުނދަގޫ މުޅިން އާ ތަޖުރިބާއެކެވެ.

"ސުނާމީގެ ދުވަސްވަރާ މިއަދުގެ ހާލަތާ ވަރަށް ތަފާތު. އަޅުގަނޑުމެންގެ ޓޫރިޒަމް ވަރަށް މަދު ކުޑަ ބަޔަކަށް އޭގެ އަސަރު އޭރު ކުރީ. ދަތުރުފަތުރާއި ޓްރެވަލް ރޫޓްތަކަށް އޭރު އަސަރެއް ނުކުރޭ. އެހެން ނަމަވެސް މިފަހަރުގެ ޗެލެންޖަކީ ސީދާ އަޅުގަނޑުމެންގެ މާކެޓްތަކަށް އަސަރުކުރުން. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ގެންނަ މާކެޓްތަކުން އަދި ދަތުރެއް ރާއްޖެއަށް ނުފަށާ. މިވަގުތަށް ޓްރެވަލް ބަބުލްއެއް އަދި ހެދިފަިއ އޮތީ އިންޑިއާއިން އެހެން ނަމަވެސް އެ ގައުމުގެ ވެސް އެންމެ ރާއްޖެ ޓޫރިސްޓުން އަންނަ ސިޓީތަކާ އަދި ދަތުރެއް ނުފެށޭ. ޗައިނާއަކުން ނުފެށޭ، އެހެން ނަމަވެސް ޔޫރަޕްގެ އެހެން ގައުމުތަކާ ވާހަކަ ދެކެވުނު ނަމަވެސް އެ ގައުމުތަކުން ސީދާ ދަތުރެއް [ރާއްޖެއަށް] އަދި ނުފެށޭ،" ޓޫރިޒަމް މިނިސްޓަރުކަމާ މިފަހުން ހަވާލުވެ ވަޑައިގެންނެވި، މައުސޫމް "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުގައި ރާއްޖޭގެ ޓޫރިޒަމަށް މިވަގުތު އޮތް ގޮންޖެހުންތައް ސިފަކޮށްދެއްވަމުން ވިދާޅުވި އެވެ.

"ހަގީގަތުގައި ގައުމުތަކުން އަދި ބޯޑަރުތަކެއް އަދި ނުހުޅުވާ. އެ ގައުމުތަކުގެ ރައްޔިތުން ތިބިތާ ތިބެން އެ ގައުމުތަކުން އެ އަންނަނީ އެންކަރޭޖް ކުރަމުން. އަނެއްކާ، ކޮންމެ ދުވަހަކު ބަދަލުވަމުން އަންނަ ހާލަތެއް މި އޮތީ. ކޮންމެ ވަގުތަކު އެބަ ކަންކަން ބަދަލުވޭ،"

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް "ސަން" އަށް އިންޓަވިއު ދެއްވަނީ: ވިދާޅުވީ 2021 ވަނަ އަހަރު ވަރަށް އުޖާލާކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ވާހަކަތަކާ އެކު، މިނިސްޓަރު މައުސޫމް ދެން ވިދާޅުވީ "އުންމީދު"ގެ ހުޅުކޮޅު އަދި ނިވުމާ ގާތްވެސް ނުވާ ކަމަށެވެ. މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި ރާއްޖެއަށް އޮތީ ކަށިން ހިތްވަރު ނެރެ މަސައްކަތް ކުރުމެވެ. މައުސޫމްގެ އަޒުމު ހުރީ ވަރަށް ގަދަކޮށެވެ. ރާއްޖޭގެ ޓޫރިޒަމް އަލުން ދިރުވުމަށް ކިތަންމެ ބޮޑެތި ގޮންޖެހުންތަކެއް ގިރާކުރައްވަން ޖެހުނަސް އާ މިނިސްޓަރު ހުންނެވީ މަޑުޖެހިގެން ހުންނަވާ ގޮތަކަށް ނޫނެވެ. ވިދާޅުވީ، "ރާއްޖެއަށް މަޑުޖެހިގެން ތިބެވެން ނެތް" ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް އޮތް ހަމައެކަނި ގޮތަކީ ކޮވިޑާ އެކު ޓޫރިޒަމް ކުރިއެރުވޭނެ މޮޑެލްއެއްގެ ތެރެއިން މަސައްކަތް ކުރުން ކަމަށެވެ. މިނިސްޓަރުގެ އޮތް ޔަގީންކަމަކީ ކޮވިޑާ އެކު ޓޫރިޒަމް އަލުން ކޮޅަށް ޖަހާ ގައުމުތަކުގެ ލިސްޓުގައި ކުރީގައި ރާއްޖެ ހިމެނޭނެ ކަމެވެ. އަޒުމަކީ، މިއީ އެހެން ގައުމުތަކަށް ނަމޫނާ ކާމިޔާބު ވާހަކައެއް ލިޔާނޭ ގައުމަކަށް ރާއްޖެ ހެދުމެވެ.

"މިހާރުވެސް ޓޫރިސްޓުން ރާއްޖެ އަންނަން އެބަ ބޭނުންވޭ. އެކަމަކު އެބޭފުޅުނަށް ނާދެވިގެން މި އުޅެނީ ފްލައިޓް ފްރެކިއެންސީ އާއި ދަތުރުކުރުމަށް ފަހު ކަރަންޓީނުވާން ޖެހޭ މައްސަލަތައް ހުރީމާ... އެކަމަކު ދުވަހެއް ދުވަހަކަށް މި ރާއްޖޭގެ ސަކްސެސް ސްޓޯރީ [ކާމިޔާބުގެ ވާހަކަ] ހެޑްލައިންތައް މޭކް ކުރަމުން އަންނާނެ ދުނިޔޭގެ ކަންކޮޅުތަކުގައި. އޭރުން އެންމެންނަށް އިނގޭނެ ރާއްޖޭގެ މޮޑެލް އަކީ އެންމެ ސޭފް [އެންމެ ރައކްާތެރި] ޑެސްޓިނޭޝަން މޮޑެލްކަން. ރާއްޖެއިން އެ މެސެޖް ދުނިޔެއަަށް ފޯރުކޮށްދޭނެ. އެކަން ޓޫރިޒަމް ސިނާއަތުގެ އެންމެންނާ އަޅުގަނޑުމެން ގުޅިގެން މި ރާއްޖެއަށް ކުރެވޭނ. އެ ޔަގީންކަން އަޅުގަނޑުގެ އެބަ އޮތް،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ގިނަ ޓޫރިސްޓުން ގެނެސް އެ މީހުންގެ ފުށުން ރާއްޖޭގެ ރައްކާތެރި ކަމުގެ ވާހަކަ ދުނިޔެއަށް ބުނެދިނުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އަމާޒެކެވެ. ރާއްޖެ އަންނަ ޓޫރިސްޓުން އެ މީހުންގެ ތަޖުރިބާގެ ވާހަކަ ދުނިޔެއަށް ގެނެސްދިނުމުން، ރާއްޖެ އަންނަން ތިބި މީހުންނަށް އުންމީދު އާވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، މިނިސްޓަރު ކުރެއްސެވީ ޓޫރިޒަމްގެ އުޖާލާ މަންޒަރެކެވެ. އެ މަންޒަރަށް ކުރައްސަވާފައިވާ މަގު ޗާޓް ކިޔައި ދެއްވި އެވެ.

"ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ފޮނުވި އެއާލައިންތަކުން ރާއްޖެއަށް މަޑުމަޑުން ދަތުރުތައް މިހާރު ފަށައިގަންނަން ހުރިހާ ކަމެއް ކަހަލަ ގޮތަކަށް އެވަނީ ނިމިފައި. ސިންގަޕޯ އެއާލައިންސް ދެން ގެސްޓްހައުސްތަކަށް އެންމެ ގިނަ ޓޫރިސްޓުން ގެނައި އެއާއޭޝިޔާ މިތަންތަނުން އެތިބީ މިހާރު ދަތުރުތައް ފަށަން. އެހެން ވީމާ، އަޅުގަނޑުމެންނަކަށް އުންމީދު ގެއްލިގެނެއް ނުދޭ. އުންމީދު އާވާ މަންޒަރުތަކެއް ނިޝާންތަކެއް ފެންނަނީ. 2021އަށް މަރުހަބާ ކިޔާއިރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭނީ ސެލަބަރޭޓް ކުރެވޭ ހިސާބެއްގައި،" ޓޫރިޒަމް ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހުންނެވި މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ދޭ ޔަގީންކަން، އެންމެ ރައްކާތެރި މަންޒިލް!

ކޮވިޑާ އެކު ޓޫރިސްޓުންނަށް އޮތް އެންމެ ބޮޑު ބިރަކީ އެ މީހުން ދަތުރުކުރުމުގެ ތެރެއިން، ބަލިވެދާނެ ކަމުގެ ބިރެވެ. ޓޫރިސްޓުންނަށް ބިރެއް ނެތި ޗުއްޓީ ދަތުރުތައް ދިޔުމުގައި އޮތް ހުރަހަކީވެސް އެއީ އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ މިވަގުތު އެންމެ ބޮޑު އަމާޒަކީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ މެސެޖް ދުނިޔެއަށް ދިނުން ކަމަށެވެ. އެ މެސެޖް ދިނުމުގެ ތެރެއިން ރާއްޖެ އަކީ ޓޫރިޒަމްގެ ކާމިޔާބު ގައުމަކަށް ހެދޭނެ ކަމުގެ ތަސައްވަރު މިނިސްޓަރު ދެއްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަހުން ރާއްޖެއަށް ލިބުނު ސޭފް ޓޫރިޒަމް ސްޓޭމްޕާ އެކު ރާއްޖެއަށް އޮންނަ އެ ޔަގީންކަން ބޮޑުވެފައިވާ ކަމަށެވެ.

"ރާއްޖެ އަލުން ޓޫރިޒަމަށް ހުޅުވާލިއިރުވެސް، ރައީސް ސޯލިހުގެ އެންމެ ބޮޑު އިސްކަމެއް ދެއްވާފައި އޮތީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ހުޅުވާލަން. އެ މަގުސަދު އެބަ ހާސިލްވޭ. ރާއްޖެއަށް މީގެ ކުރިން އައިސްފައި ތިބި ޓޫރިސްޓުން ގަބޫލު ކުރޭ ރާއްޖެއަކީ ސޭފްތަނެއްކަން. އަލަށް އަންނަން ތިބި ބޭފުޅުންނަށް މިކޮޅުގައި ކަންކަން ނޭނގެނީ. އަޅުގަނޑު ދައުވަތު ދެން މިކޮޅަށް ވަޑައިގެން އެ ޔަގީންކަން ހޯއްދަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ހަމަ ޔަގީނަށް ވެސް ރާއްޖެ އައިސްފައި ރައްކާތެރި ކަމާ އެކު، ރިސޯޓްތަކަށް ސަފާރީތަކަށް ގޮސް ޗުއްޓީ ހޭދަކޮށްލެވޭނެ. އެކަމުގައި އެއްވެސް ބިރެއް ނޯންނާނެ،"

ގަތަރު އެއާވޭސްގެ ފްލައިޓުން މިއަދު ރާއްޖެ އައި ޓޫރިސްޓުން ފްލައިޓުން ފައިބަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު މައުސޫމް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ވެސް ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ރަނގަޅު ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ރާއްޖެއާ އެކު ލެއިޝުއާ ޓްރެވަލް ބަބުލްތައް ގާއިމްކުރުމަށް މަޝްވަރާކުރަމުން އަންނަ ގައުމުތަކަށް ދޭން ޔަގީންކަމަކީ ވެސް ރާއްޖެ ރައްކާތެރި މަންޒިލަކަށް ވެފައިވާ ކަމުގެ ޔަގީންކަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އިނގިރޭސިވިލާތާއި ސިންގަޕޫރާ އެކު ޓްރެވަލް ބަބުލްއެއް ގާއިމްކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ ގައުމުތަކަށް ވެސް ދޭ އެންމެ ބޮޑު ޔަގީންކަމަކީ އެ ގައުމުތަކުން ބޭނުންވާ ފެންވަރަށް އަދިވެސް އިތުރަށް ރާއްޖޭގެ ސަލާމަތީ ކަންކަން ރަނގަޅު ކުރުން ކަމަށެވެ.

"ސިންގަޕޫރުގެ ސޭފްޓީ އަދި ވަރަށް މަތި. އެބޭފުޅުންނާއި ޔޫކޭއާ އެކު އަޅުގަނޑުމެން މަޝްވަރާ ކުރަމުން މިދަނީ އެބޭފުޅުންގެ ސްޓޭންޑަޑަށް ސަލާމަތީ މިންގަނޑުތައް މަތިކޮށްގެން ޓްރެވަލް ބަބުލް ގާއިމްކުރަން. އެ މަޝްވަރާތައް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މޮޑެލްގެ ތެރެއިން، ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިން އިލްކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ޓްރޭސްކުރުމާއި ތަންތަނުގައި ވީހާވެސް ބޮޑަށް އަތްލާން ނުޖެހޭ ގޮތަށް ދަތުރުކުރުމުގެ އިންތިޒާމްތައް ހަމަޖައްސަން ރާވަމުން އަންނަކަމަށް ވިދާޅުވި އެވެ. އަދި އެ ޓްރެވަލް ބަބުލްގެ ތެރެއިން އަންނަ ޓޫރިސްޓުންނަށް ރާއްޖެ އައިސް ތިބެވޭނީ ވަކި މިންގަނޑަކަށް ފެތޭގޮތަށް ކަންކަން ކުރުމަށް އެއްބަސްވާ ރިސޯޓްތަކުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑުމެން ހުޅުވާލާނަން އެ މިންގަނޑަށް ރިސޯޓްތައް ފައްތައިގެން ހިދުމަތް ދޭން ބޭނުންވާ ރިސޯޓްތަކަށް އެކަން ކުރަން. އޭރުން އެ ޓްރެވަލް ބަބުލްގެ ތެރެއިން އަންނާނީ އެ ރިސޯޓްތަކަށް ޓޫރިސްޓުން. އޭރުން ސިންގަޕޫރަށް ޔޫކޭއަށް އަދި ރާއްޖެއަށް ޔަގީންކަން އޮންނާނެ މިކޮޅުން ދަނީ އެ ސޭފް މީހުންކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ އިންތިޒާމްތަކުގެ ތެރެއިން އަނބުރާ ގައުމަށް ގޮސް ކަރަންޓީނުވުން ފަދަ ކަންކަން ޓޫރިސްޓުން ކުރަން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖެ އަންނަ އިރު، ނެގެޓިވް ކޮވިޑް ޓެސްޓެއް އޮތުން ލާޒިމް ކުރީވެސް އެ މަގުސަދުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަހަލަ ކަންކަން ސްޓްރިކްޓް ވީމާ ރާއްޖެ އަންނަން ބައެއް މީހުން ފަސް ޖެހިދާނެ. އެހެން ނަމަވެސް ރާއްޖެ އަންނަން ތިބި މީހުންނާއި ދިވެހި ރައްޔިތުންނާއި މި އެންމެންނަށް މިތަނަކީ ސޭފް ތަނެއްކަމުގެ ޔަގީންކަން އެބަ ދޭން ޖެހޭ. މިބަލިމަޑުކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ޓޫރިޒަމެއް ބޭއްވޭނީ ރައްކާތެރިކަމުގެ ޔަގީންކަން ދީގެން،" މިނިސްޓަރު ވިދާޅުވި އެވެ.

"ދިވެހިރާއްޖެއިން ދޭ ޔަގީންކަމަކީ ރާއްޖެ އުފެދިފައި މި އޮންނަ ގޮތުން ލިބޭ ރައްކާތެރިކަން. އެ ޔަގީންކަން އަޅުގަނޑުމެންނަށް އެބަދެވޭ. އެ މެސެޖް މީހުންގެ ސަމާލުކަމަށް އަންނާނެ. އެއީ އަޅުގަނޑަށް ޔަގީންކަމެއް،"

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ކޮވިޑްގައި ބޭސްފަރުވާ ކުރެވޭނެ އިންޝްއަރެންސް ސްކީމްތަކެއް ރާއްޖެއަށް ހާއްސަކޮށް ތައާރަފްކުރަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެ ސްކީމްތަކާ އެކު ރާއްޖެއަށް ޓޫރިސްޓުންގެ އިތުބާރު ބޮޑު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް "ސަން" އަށް އިންޓަވިއު ދެއްވަނީ. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމާޒު، ޓޫރިޒަމް ސީދާ ދިވެހީންގެ ސިނާއަތަކަށް!

ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް 50 އަހަރު ފުރުމާ ގާތްވެފައިވާއިރު އެންމެ ބޮޑު ޝަކުވާއަކީ މުއްސަނދި ދިވެހި ޓޫރިޒަމްގެ ފައިދާ އާންމު ދިވެހި މީހާއާ ހަމައަށް ނުފޯރުމެވެ. ވާރުތަވެފައިވާ އެ މައްސަލައިގެ ފަރުވާއަކަށް ޓޫރިޒަމް މިނިސްޓަރު މައުސޫމް ދެއްވީ ވަރަށް އުންމީދީ ޖަވާބެކެވެ. މިނިސްޓަރު މައުސޫމް ވިދާޅުވި ގޮތުގައި، މި ދުވަސްވަރު ކޮވިޑްގެ ބިރު މުޅި ދުނިޔޭގައި އޮތް ނަމަވެސް އަދި އެ މައްސަލަ އެޑްރެސް ކުރުމުގައި އަވަދިނެތި އުޅެން ޖެހިފައި ވިޔތަސް އެމަނިކުފާނުގެ ދުރުމީގެ ފޯކަސް އޮތީ ވަރަށް ދުރަށެވެ. އެއީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބައްޓަންވާނެ ގޮތުގެ އާ މާސްޓާ ޕްލޭނެއް އެކުލަވާލާ ތަންފީޒު ކުރަން ފެށުމެވެ. މިނިސްޓަރު ވިދާޅުވީ، އެ ޕްލޭންގެ އެންމެ ބޮޑު މޮޓޯއަކީ އާންމު ދިވެހި މީހާއަކީ ރިސޯޓާއި ހޮޓަލާއި ސަފާރީގެ ވެރިޔާއަށް ހެދުމެވެ. ގާނޫނުތަކުގައި އެ ވާހަކަ އޮތަސް އެކަންކަން ތަންފީޒު ނުވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އާ ޓޫރިޒަމް ޕްލޭންގައި ޓޫރިޒަމްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަށް ވަރަށް ބޮޑު އިސްކަމެއް ދީފައި އޮންނާނެ ކަމަށެެވެ. އަދި އެއީ، ތަންފީޒު ކުރެވޭނެ ކަންކަމުގެ ގޮތުގައި ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީގެ މި ޓޫރިޒަމް ފޯކަސް މި އޮތީ މިވަގުތަށް ވުރެ މާ ދުރަށް. އަޅުގަނޑުމެންގެ މާސްޓާޕްލޭން އޮތީ ކުރަހަން ތައްޔާރުވެފައި. އެ މާސްޓާ ޕްލޭންގައި ރާއްޖޭގެ ޓޫރިޒަމް މުޅިން އެހެން ލެވަލްއަކަށް ގެންދާނަން. އެ ލެވަލްގައި އެންމެ ބޮޑު ފޯކަސްއެއް މި އޮތީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ވެރީންނަކީ ދިވެހިންނަށް ހެދުން. ރަށްރަށުގައި ހަދާ ހޮޓާތަކުގެ އޯނަރުންނަކީ، ސަފާރީތަކުގެ އޯނަރުންނަކީ ހަގީގީ މާނައިގައި ދިވެހީންނަށް ހެދުން. އެ އަމާޒު އަޅުގަނޑުމެންގެ މި އޮތީ." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ޓޫރިޒަމް ސިނާއަތުން ވަޒީފާ ލިބޭ މަތީ މަގާމުތަކަށް ދިވެހީން ގެނައުމަކީ ވެސް އެމަނިކުފާނުގެ މިނިސްޓަރުކަމުގައި ހިންގަވާނެ ބޮޑު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށް ޓަކައި ޓޫރިޒަމް ސިނާއަތަށް ގިނަ ބަޔަކު ޓްރޭން ކުރުމުގައި މައުސޫމްގެ އޮތީ ތަފާތު ވިސްނުމެކެވެ. އެއީ މިހާރު ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ތައުލީމު އުގެނުމުގެ ފުރުސަތު ހޯދައިދީ ވަޒީފާ އަދާކުރަމުން ޓޫރިޒަމް ދާއިރާގެ މަތީ ފާސްތަކެއް ނެގޭނެ ގޮތްތަކެއް މަގުފަހިކޮށްދިނުމެވެ.

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް "ސަން" އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަލަށް ޓޫރިޒަމް ދާއިރާއިން ކިޔަވާ ކުއްޖަކަށް ވުރެ ސްކިލްގެ ގޮތުން މާ މޮޅުވާނެ، މިހާރު އެ ދާއިރާގައި އުޅޭ ކުއްޖާ. ހަމަ ގައިމު ކިޔަވާފައި މަތީ ފާސްހުންނަ ކުއްޖާއަށް ވުރެ ވަޒީފާއަށް ނަގަން އެއްކަލަ ޓޫރިޒަމްގައި ފާސްނެތިވެސް ގިނަ ދުވަސްވީ ކުއްޖާ މާ ރަނގަޅުވާނެ ނަގަން. އެކަމަކު މައްސަލައަކީ އެޗްއާރު ޕޮލިސީތައް ހުންނަ ގޮތުން އެ މީހުންނަށް ކުރިއަށް ނުދެވެނީ ފާހެއް ނެތީމާ. އަޅުގަނޑުގެ އަމާޒަކީ އެ ބެރިއާ، ސްކިލްހުރި ކުދިންނަށް ނައްތާލުން،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ރަށްރަށާ ކައިރީ ހުންނަ ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމަށް މީހުންނަށް ހިތްވަރު ދިނުމަކީ ވެސް އަމާޒެއް ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ. އަދި ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމަށް ފަހު ހުސްވަގުތުގައި އާއިލާ ކައިރިއަށް ރަށަށް ދެވޭނެ ފަދަ ގޮތަކަށް ކަންކަން ރާވައި އިންތިޒާމް ކުރުމަކީ ވެސް ތަންފީޒު ކުރައްވާނެ ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ރިސޯޓް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުތަކަކީ އެމަނިކުފާނު އަޅާނުލާ ދޫކޮށްލާނެ ކަންކަމެއް ނޫނެވެ.

"ޓޫރިޒަމް ސިނާއަތަކީ ސެލްފް ރެގިއުލޭޓް ކުރަން ޖެހޭ ސިނާއަތެއް އަސްލު އޭގެ ޒާތުގައި. ނަމަވެސް، ބައެއް ފަހަރު ބައެއް ކަންކަން އެމަގުން ނުގޮސް އެބަދޭ. މިސާލަކަށް މުވައްޒަފުންގެ ހައްގުތަކާ ގުޅޭ ކަންކަން. އެހެން ވީމާ އަޅުގަނޑުމެން ރެގިއުލޭޝަން މި ހަދަން ޖެހެނީ. އަޅުގަނޑު ޔަގީން ކުރާނަން މުވައްޒަފުންގެ ހައްގުތައް ކަށަވަރުވާކަން. އެއީ ދޫކޮށްލާނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އުންމީދު، އަމާޒަށް ވުރެ މާ ދުރަށް!

ކޮވިޑާ އެކު ރާއްޖެއަށް އަންނާނެ ކަމަށް މިއަހަރު ލަފާކޮށްފައި ވަނީ 120،000 ޓޫރިސްޓުންނެވެ. މިހާރު މަހެއްގެ މައްޗަށް އެވްރެޖްކޮށް އަންނަނީ 7،000 އެއްހާ ޓޫރިސްޓުންނެވެ. އެއާ އެކު ރާއްޖޭގެ އެއްލައްކައިގެ އަމާޒަށް ވާސިލް ވެވޭނެތޯ އެއީ ބައެއް މީހުން އުފައްދާ ސުވާލެކެވެ.

އެހެން ނަމަވެސް، ޓޫރިޒަމް މިނިސްޓަރު މައުސޫމް ހުންނެވީ، އެ އަމާޒަށް ވުރެވެސް ގިނައިން ޓޫރިސްޓުން ގެނެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގައި ބުކިންސްތައް އިތުރުވާތަން، މިހާރުވެސް ޓްރެންޑުން އެބަ ދައްކާ ކަމަށެވެ. އަދި ރާއްޖެއަށް މިފަހުން ޓޫރިސްޓުން އައިއިރު، އެއްވެސް ޓޫރިސްޓަކު ހާލުބޮޑުވެ، ސީރިއަސް ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ، ޓޫރިސްޓުންނަށް ލިބިފައި އޮތް އިތުބާރެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި ގެސްޓްހައުސްތައް ހުޅުވެން ފެށުމުން ވެސް އެ އަދަދު އިތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"ދިވެހިރާއްޖެ ހުޅުވައިގެން މި މީހުން އެބަ ގެންދޭ މި ކަންތައް [ކޮވިޑްވެސް ކޮންޓްރޯލް] ކުރަމުން އެ ވާހަކަތައް ދުނިޔޭގެ ހެޑްލައިންތަކަށް އެބަ އާދޭ. ބޯޑަރު ހުޅުވައިގެން ދެ މަސްމިވީ، އެކަމަކު ފަތުރުވެރިއަކު ހާލު ބޮޑެއް ނުވޭ. ގާތްގަނޑަކަށް 15،000 އައިި އިރުގެ އިންޑިކޭޝަން މިބުނީ. އެހެން ވީމާ ފަތުރުވެރިންނަށް އުންމީދު ލިބޭނެ މި ނަމްބަރުތަކުން. އެހެންވީމާ އަޅުގަނޑުގެ އަމާޒަކީ މިއަށް ވުރެވެސް ރަނގަޅު އަދަދެއް ހޯދޭނެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް "ސަން" އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައުސޫމް ވިދާޅުވި ގޮތުގައި މިދަނޑިވަޅުގައި ނަމްބަރަށް ވުރެވެސް މުހިންމީ ގިނައިން ހޭދަކުރާނެ ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ. އެކަން ކުރެވިއްޖެ ނަމަ، ޓޫރިޒަމުން ރާއްޖެއަށް ލިބޭ ފައިދާ އިތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ޓޫރިޒަމް ސިނާއަތުގެ އިސް މަސްއޫލުވެރިންވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުން ދާތީ އުންމީދު ބޮޑު ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސީދާ ހަނިމާދު އާއި އައްޑުއަށް ފްލައިޓްތައް ބާއްވައިގެން ވެސް އެރައިވަލްތައް އިތުރު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެންމެ ފަހު ބަހަކަށް ވެސް މިނިސްޓަރު ވިދާޅުވީ ދަތި ދުވަސްތަކަކަށް ފަހު، އުޖާލާ އަލި ދުވަސްތަކެއްގެ ކުރިމަގު ދިވެހީންނަށް ފެންނަން ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ވަނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން މި ދަތި އުނދަގޫ ވަގުތުގައި އުފުލި ތަކުލީފާއި ވީ ގުރުބާނީގެ އަގު ވަޒަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސިނާއަތުގެ ވެރިން ވެސް މުވައްޒަފުންގެ ގުރުބާނީގެ އަގު ވަޒަން ކުރުމަކީ ވެސް މިނިސްޓަރުގެ އެދުމެކެވެ.

"ޖުމްލަކޮށް ހުރިހާ އެންމެން ވެސް ދަތި ދުވަސްތަކެއް މި ތަހައްމަލް ކުރީ. ނަމަވެސް 2021 ވަނަ އަހަރު މި ފެންނަނީ އުޖާލާކޮށް. އުޖާލާ ދުވަސްތަކެއްގެ ކުރިމަގު އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑު ދަންނަވާނީ ދެތިން މަހެއްގައި އަދިވެސް ކެއްކޮށްލާށޭ! އުންމީދެއް ނުގެއްލޭ. އޮތީ އުޖާލާ ދުވަސްތަކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް