ބާބޭޑޯސްގެ އެންމެ އިސް ވެރިޔާގެ މަގާމުން ރާނީ ދުރު ކުރަނީ

1966ގައި ރާނީ އެލިޒަބެތާއި ޕްރިންސް ފިލިޕް ބާބޭޑޯސްއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން -- ފޮޓޯ: ގެޓީ

ބްރިޖްޓައުން (ސެޕްޓެމްބަރު 17): ބާބޭޑޯސްގެ އެންމެ އިސް ވެރިޔާގެ މަގާމުން އިނގިރޭސި ރާނީ އެލިޒަބެތު ދުރުކޮށް، އެ ގައުމު ޖުމްހޫރިއްޔާއަކަށް ބަދަލު ކުރަން ބޭނުންވާ ކަމަށް ބާބޭޑޯސްގެ ސަރުކާރުން ބުނެފި އެވެ.

އިނގިރޭސި އިސްތިއުމާރުގެ ދަށުން 1966ގައި މިނިވަންވި ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ މޮޓްލީ ވިދާޅުވި ގޮތުގައި އެގައުމު އިސްތިއުމާރުގެ ދަށުގައި އޮތް ދުވަސްތައް މިހާރު ދޫކޮށްލަން ވެއްޖެ އެވެ.

"އަޅުގަނޑުމެން އިސްތިއުމާރުގެ ދަށުގައި އޮތް ދުވަސްތައް މުޅިން ދޫކޮށްލަންވީ ވަގުތު ޖެހިއްޖެ. ބާބޭޑޯސްގެ ރައްޔިތުން ބޭނުން ވަނީ ބާބޭޑޯސްއަށް ނިސްބަތްވެވަޑައިގަންނަވާ އިސް ވެރިޔެއް. އެހެންކަމުން އަޅުގަނޑުމެންގެ މިނިވަންކަމަށް 55 އަހަރު ފުރުން ފާހަގަ ކުރަންވާ އިރަށް މި ގައުމުން ފުރިހަމަ ސިޔާދަތީ ބާރު ހޯދުމަށްޓަކައި ޖުމްހޫރިއްޔާއަކަށް ވާނެ،" ބާބޭޑޯސްގެ ގަވަރުނަރު ޖެނެރަލް ސޭންޑްރާ މޭސަން ދެއްވި ތަގުރީރެއްގައި ވިދާޅުވި އެވެ.

މޭސަން ދެއްވި ތަގުރީރު ލިޔުއްވީ ބޮޑުވަޒީރު މޮޓްލީ އެވެ.

ބާބޭޑޯސް މިނިވަންވި ދުވަހަށް 55 އަހަރު ފުރޭނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.

އިނގިރޭސި އިސްތިއުމާރުގެ ދަށުގައި މީގެ ކުރިން އޮތް ކެރިބިއަންގެ އެހެން ބައެއް ގައުމުތަކުންވެސް ވަނީ ޖުމްހޫރިއްޔާއަކަށް ބަދަލުވެފަ އެވެ. އެގޮތުން ގުޔާނާއަށް މިނިވަންކަން ލިބުނުތާ ހަތަރު އަހަރު ފަހުން 1970ގައި ޖުމްހޫރިއްޔާއަކަށް ބަދަލުވި އެވެ. އަދި ޓްރިނިޑަޑް އެންޑް ޓޮބޭގޯ އާއި ޑޮމިނިކާ އިން 1976 އާއި 1978ގައި ޖުމްހޫރީ ވެރިކަމެއް ގާއިމު ކުރި އެވެ.

comment ކޮމެންޓް