ޕްރިންސިޕަލުންނާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން އެކުލަވާލި އާ އުސޫލުގެ ބައެއް މާއްދާތައް އަލުން މުރާޖާކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ "ސަން" އަށް ވިދާޅުވީ އާ އުސޫލުގެ ދެތިން މާއްދާއަކާމެދު ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.
އެގޮތުން ކޮންމެ ޕްރިންސިޕަލަކަށްވެސް ދެން އެއް ސްކޫލެއްގައި ތިބެވޭނީ ދެ ޓެނާއެއްގެ ދަށުން ޖުމްލަ އަށް އަހަރު ވަންދެން އޮތުމާއި ޕްރިންސިޕަލުން މަސައްކަތް ކުރާނެތަން އެޑިއުކޭޝަން މިނިސްޓްރީގެ ހާއްސަ ކޮމެޓީއަކުން ހަމަޖައްސަން އޮތް މާއްދާއާމެދު ޕްރިންސިޕަލުންގެ ހިޔާލު ވަނީ ތަފާތުވެފައެވެ.
އާ އުސޫލަށް އަމަލުކުރަން އެއް އަހަރުގެ މުއްދަތެއް އޮތީ ކަނޑައަޅައިފައެވެ.
އަހުމަދު އަލީ ވިދާޅުވީ އާ މާއްދާތައް މުރާޖާކުރުމުގައި ޕްރިންސިޕަލުންގެ ހިޔާލު ހޯދާނެކަމަށެވެ. އަދި އާ އުސޫލަށް އަމަލުކުރުމަށް ހަދަން ޖެހޭ ގަވައިދުތައް ހެދުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބައެއް ޕްރިންސިޕަލުން ވަނީ އާ އުސޫލާ ގުޅިގެން އެ ދާއިރާ ދޫކޮށްލުމުގެ ވިސްނުން ހުރިކަމަށް ވިދާޅުވެފައެވެ. ނަމަވެސް "ސަން" އާ ވާހަކަ ދެއްވި މަދު ޕްރިންސިޕަލުން ވަނީ އާ އުސޫލަށް ތާއިދުކުރާކަންވެސް ވަނީ ހާމަކޮށްފައެވެ.
އާ އުސޫލަ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނީ އެ އުސޫލުގެ ސަބަބުން ތައުލީމަށް ކުރާނީ ފައިދާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ތަފާތުކުރުމެއް ނެތި ސްކޫލްތަކުގައި ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިވުމުގެ ފުރުސަތު ފަހިވެގެންދާނެކަން ވަނީ ފާހަގަކޮށްފަ އެވެ.
އެއާއެކު ސިސްޓަމްގައި ތިބި ހިންގުންތެރި، ގާބިލް ޕްރިންސިޕަލުންގެ ހިދުމަތް ގިނަ ސްކޫލްތަކަށް ލިބި، އެ ސްކޫލްތައްވެސް އިތުރަށް ތަރައްގީވުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް މިނިސްޓްރީން ދެކެ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ އެ އެ އުސޫލާއެކު އެއް ރަށެއްގައި ނުވަތަ ސަރަހައްދެއްގައި ކިޔަވައިގެން އައިސް ސްކޫލް ހިންގުމުގެ ދާއިރާއިން ޕްރިންސިޕަލެއްގެ ގޮތުގައި ރަށަށް ނުވަތަ އަތޮޅަށް ހިދުމަތްކުރުމުގެ ފުރުސަތު ނުލިބިތިބި ފަރާތްތަކަށް އެފަދަ ފުރުސަތު ދެން ފަހިވެގެން ދާނެ ކަމަށެވެ.