ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުރި އަލީ ހާޝިމް (ސްމިތު) ރޭޕްކުރުމަށް ހިތްވަރުލިބޭ ފަދަ އިބާރާތަކުން ޓްވީޓެއް ކުރި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ޓުވިޓާގައި ސްމިތު ދެއްކި ވާހަކައަކަށް ރައްދު ދިން އަންހެނަކާ ދިމާލަށް ސިމިތު ބުނެފައި ވަނީ "[ނަން] ރޭޕް ކުރީމަ ކަޑަވަނީ ދޯ" އެވެ.
ޖުލައި މަހުގެ 12 ވަނަ ދުވަހު ކުރި އެ ޓުވީޓު ޑިލީޓުކޮށްފައި ވާއިރު، އެ ޓުވީޓާ ގުޅިގެން ސްމިތާ ދެކޮޅަށް ފުރައްސާރައިގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ޖުލައި 12 ވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ޖެންޑާ އެންޑް ފެމިލީ ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް އެއްވެސް މީހަކު ގެންގޮސްފައި ނުވާކަމަށެވެ.
"މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ޕީޖީ އަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ދަނީ ކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.
ސްމިތުގެ ޓުވީޓާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔާފައިވެއެވެ. އަދި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ފެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.
ނުރުހުން ފާޅުކޮށް މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެއްވައި، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރިން ވިދާޅުވީ ސްމިތު ދެއްކި ވާހަކައަކީ ވަރަށް ލަދުވެތި އަދި ދަށުދަރަޖައިގެ ވާހަކައެއް ކަމަށެވެ. އަދި އެއްވެސް މީހަކަށް ނިސްބަތްކޮށް އެފަދަ ވާހަކައެއް ދެއްކިގެން ނުވާނެ ކަމަށެވެ.
ފާޑުކިޔުންތަކަށް ރައްދުދީ ސްމިތު ފަހުން ކުރި ޓުވީޓެއްގައި ބުނީ ކުރުކޮށް އަވަސް އަރުވާލައިގެން ލިޔުމުން މާނަ އޮޅޭގޮތަށް ލިޔެވުނީ ކަމަށެވެ. އަދި އޭނާގެ ޓުވީޓުގައި ބުނެފައި އެވަނީ ރޭޕް ކުރުން "ކަޑަ" ވާހަކަ ކަމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ސްމިތަކީ މީގެ ކުރިން ބޮޑެތި ކުށްތަކެއްގައި ތުހުމަތު ކުރެވި ހައްޔަރުވެސް ކޮށްފައިވާ މީހެކެވެ.
އެގޮތުން ސްމިތުގެ މައްޗަށް މީގެ ކުރިން އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރުދެއްކި ކަމުގެ ތުހުމަތުވެސް ކުރެވުނެވެ. އަދ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމަށްވެސް އޭނާއަށް ތުހުމަތު ކުރެވުނެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުވެސް ކުރި އެވެ. އެކަމަކު ފަހުން ދޫކޮށްލީ އެވެ.
މީގެ އިތުރުން އޫނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރެއިން އޭނާ ހައްޔަރު ކުރި އެވެ. އެކަމަކު، އޭނާ ފަހުން ދޫކޮށްލި އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. އޭރު އިދިކޮޅުން ބުނަމުން ދިޔައީ އޭނާ ހައްޔަރު ކުރީ ސިޔާސީ ގޮތުން ކަމަށެވެ.