އެޕަލްގެ ބޮޑު އިވެންޓް މިރޭ، އާ އައިފޯނު ނުފެންނާނެ

މިރޭގެ އެޕަލް އިވެންޓުގައި އާ އައިޕެޑް އެއާ އާއި އެޕަލް ވޮޗް ފެނިގެންދާނެ ކަމަށް ބެލެވޭ ---

އެޕަލް ކުންފުނީގެ އާ ޕްރޮޑަކްޓް ދައްކާލުމަށް ކޮންމެ ސެޕްޓެމްބަރު މަހެއްގައި ބާއްވަމުން އަންނަ ބޮޑު އިވެންޓް މިރޭ ކުރިއަށް ގެންދިޔުމަށް އެކުންފުނީން ތައްޔާރުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޓެކް ކުންްފުނީން ކޮންމެ އަހަރަކު ބާއްވާ ބޮޑެތި އިވެންޓުތައް މިއަހަރު ދަނީ ގިނަ ބައެއް ބައިވެރި ނުކޮށް ވާޗުއަލްކޮށް ކުރިއަށް ގެންދަމުންނެވެ. އެޕަލް އިން ވެސް މިއަހަރުގެ އިވެންޓު ކުރިއަށްދާނީ ވާޗުއަލްކޮށެވެ.

"ޓައިމް ފްލައިސް"ގެ ނަމުގައި ރާއްޖެ ގަޑިން މިރޭ 22:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓު އެހެން އަހަރުތަކަށްވުރެ ވަރަށްބޮޑުތަން ތަފާތުވާނެއެވެ. އެގޮތުން އެޕަލް އިވެންޓުގެ އެންމެ އިންތިޒާރު ކުރާ ނަމްބަރު އާ އައިފޯނު ދައްކާލުން މިރޭ ކުރިއަށް ނުގެންދާނެ ކަމަށް ދަނީ މައުލޫމާތު ލިބެމުންނެވެ. އެހެންކަމުން އާ ގިނަ ޕްރޮޑަކްޓްތަކެއް އެޕަލް އިން އިއުލާނުކުރި ނަމަވެސް އާ އައިފޯނުތައް މިރޭ ފެނިގެނެއް ނުދާނެ އެވެ.

އެޕަލް އިން މިއަހަރުގެ ޖުލައި މަހުގައި ބުނިގޮތުގައި އާ އައިފޯނުތައް އާންމުންނަށް ލިބުން "ދުވަސްކޮޅެއް" ލަސްވާނެ އެވެ. އެހެންނަކަމުން މި މަހުގެ ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅުގައި އާ އައިފޯނުތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

އައިފޯން ނުދެއްކި ނަމަވެސް މިރޭގެ އިވެންޓުގައި ތަފާތު ގިނަ ޕްރޮޑަކްޓްތަކެއް ދައްކާލުމަށް ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި އައިޕެޑް އެއާ ސީރީޒްގެ ފަހު ޕްރޮޑަކްޓާއި އެޕަލް ކުންފުނީގެ ސްމާޓްވޮޗް ސީރީޒްގެ އެންމެ ފަހުގެ އުފެއްދުން "އެޕަލް ވޮޗް 6" ވެސް މިރޭގެ އިވެންޓުގައި ފެނިގެން ދާނެ ކަމަށް ބުނެ އެވެ.

މިރޭގެ އިވެންޓުގައި އައިއޯއެސް 14އާ ގުޅޭ އިތުރު އާ މައުލޫމާތު އާންމުކުރުންވެސް އެކަށީގެންވެ އެވެ. އަދި އެކުންފުނީގެ ސަބްސްކްރިޕްޝަން ސާވިސް ކަމަށްވާ "އެޕަލް މިއުޒިކް" އާއި "އެޕަލް ޓީވް ޕްލަސް" ހިމެނޭ ގޮތަށް ދެ ސާވިސް އެއްކޮށް ލިބޭނެ މުޅީން އާ ސާވިސްއެއް ކަމަށްވާ "އެޕަލް ވަން" މިރޭ ލޯންޗުކުރަން އުޅޭ ކަމަށްވެސް ވާހަކަ ދެކެވެ އެވެ.

comment ކޮމެންޓް