އާ އުސޫލުގެ ސަބަބުން ޕްރިންސިޕަލުންގެ ހައްގު ގެއްލިގެން ނުދާނެ: ސަރުކާރު

މާލޭގައި އެންމެ ފަހުން ހުޅުވި އިއްޒުއްދީން ސްކޫލުގެ ފުރަތަމަ ދުވަހު ބޭއްވި އެސެމްބްލީގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއް ސްކޫލެއްގައި ވިދިވިދިގެން ޕްރިންސިޕަލަކަށް ހުރެވޭ ޖުމްލަ މުއްދަތަކީ އަށް އަހަރު ގޮތުގައި ހަދައި ޕްރިންސިޕަލުންގެ ވަޒީފާ އާ ބެހޭ އުސޫލަށް ގެނައި އިސްލާހުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގެއް ނުގެއްލޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ އުސޫލުގައި ބުނީ ޕްރިންސިޕަލުންގެ ވަޒީފާ އާ ބެހޭ އުސޫލެއް ކަނޑައެޅީ ސަރުކާރު ސްކޫލުތަކުގެ ހިންގުން ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ ގާބިލު، އެކަށީގެންވާ ޕްރިންސިޕަލުން އައްޔަނު ކުރުމަށާއި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދައި، އާ ހިޔާލުތަކާ ވިސްނުންތަކަށް ބިނާކޮށް ސްކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުން ކަމަށެވެ.

އެގޮތަށް އުސޫލަށް ބަދަލުކުރުމުގެ އިތުރު ސަބަބުތައް ހުރި ކަމަށާއި އޭގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގު ނުގެއްލޭނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ އެގޮތަށް އުސޫލަށް ބަދަލު ގެނައުމާ ގުޅިގެން ޕްރިންސިޕަލު އެއް ސްކޫލެއްގައި ހުންނާނީ ދެ އަހަރުގެ ޓާމުގެ ގޮތުގައި ކަމަށެވެ. މިހާރު ތިބި ޕްރިންސިޕަލުންގެ މަގާމު ދެމި އޮންނާނެ ކަމަށާއި ފުރަތަމަ ހަތަރު އަހަރުގެ ޓާމް ފެށިގެންދާނީ އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލު ކަނޑައަޅާ 4 އަހަރުގެ ޓެނިއުއާ ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓްރީއިން ބުނީ ފުރަތަމަ ހަތަރު އަހަރު ހަމަވުމުން އެހުރި ސްކޫލެއްގައި ހުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެހެން ސްކޫލަކަށް ބަދަލުވާން ބޭނުންވާ ކަމުގައިވާނަމަ އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް އަށް އަހަރު ވުމުން އެ ސްކޫލަކުން ޕްރިންސިޕަލް ބަދަލުވާން ޖެހޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އެގޮތަށް ކަންތައް ކުރުމުން ފައިދާތަކެއް ކުރާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ. އެގޮތުން ލިބިފައިވާ ތަޖުރިބާ އާއި އިލްމު އެހެން މާހައުލެއްގައި ބޭނުންކުރުމުގެ ފުރުސަތު ޕްރިންސިޕަލަށް އެ އުސޫލުގެ ސަބަބުން ލިބިގެންދާނެ އެވެ. އޭގެއިތުރުން މިހާރު މަސައްކަތްކުރާ ތަނުގައި ތަޖުރިބާ ކުރެވެން ނެތް އާ ކަންކަން ތަޖުރިބާކޮށް ނަތީޖާ ނެރުމަށް ޕްރިންސިޕަލުންނަށް ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.

comment ކޮމެންޓް