ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކުރި އަލީ ވަހީދަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓިކޮރަޕްޝަންގެ ކޮމިޝަނުން ބުނެފިއެވެ.
ކޮވިޑާ ގުޅިގެން ޓޫރިޒަމް މިނިސްޓަރީން ކުރި ހަރަދުތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ކޮށް، އޮޑިޓް އޮފީހުން ވަނީ މީގެ ކުރިން ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގެ މައްސަލަ އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އޭސީސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އޮޑިޓް ރިޕޯޓާ ގުޅިގެން އަށް މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރަމުން ދަނިކޮށް، އަމިއްލަ ފަރާތަކުން އިތުރު މައްސަލަތަކެއް ހުށަހަޅެމުން އެ މައްސަލަތައްވެސް ބަަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޓޫރިޒަމްގެ އޮޑިޓްގައި ހުރި ކަންކަން އަޅުގަނޑުމެން ބަލަން ފެށީ. އޭގެ ތެރެއިން އަށް މައްސަލައެއް އަޅުގަނޑުމެން ތަހުގީގު ކުރަން ފަށާފައި ވަނީ. އެ ތަހުގީގު ކުރަމުން ދަނިކޮށް، އެ ކަންކަމާ ގުޅުވައިގެން އިތުރު ކަންތައްތަތަކެއް ފާހަގަކޮށް 7 ސެޕްޓެމްބަރުގައި އަމިއްްލަ ފަރާތްތަކުން ވަނީ މައްސަލަތަކެއް ހުށަހަޅާފައި،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވަނީ އަލީ ވަހީދަށާއި މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުތަކެއްކޮށް ކަމަށެވެ.
އެ މައްސަލަތަކާ ގުޅޭ ގޮތުން ތަހުގީގު ކުރިއަށް ދާތީ މިކަމާ ގޫޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ހަރަދު ކުރި 26 މިލިއަންގެ ތެރެއިން 99 ޕަސަންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ހަރަދުތަކެއް ކަމަށް ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
އަލީ ވަހީދު މަގާމުން ވަކިކޮށްފައިވަނީ މިނިސްޓްރީގެ މުވައްޒަފުންތަކެއް އޭނާއަށް ޖިންސީ ގޯނާއާއި ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށްފައިވާތީއެވެ. ފުލުހުން އެ މައްސަލަ ބަލަމުން އަންނަ އިރު، އަލީ ވަހީދު ވަނީ ތުހުމަތުތައް ދޮގުކުރައްވާފައެވެ.