''ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް'' ނިންމާލަނީ

ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންގެ ޕްރޮމޯ މަންޒަރެއް

މިހާރު ސޯޝަލް މީޑިއާގެ އެންމެ ނުފޫޒުގަދަ އެއް އާއިލާ ކަމަށްވާ ކާޑޭޝިއަން-ޖެނާގެ އާއިލާގެ މެމްބަރުންގެ ދިރިއުޅުން ދައްކައިދޭ ރިއަލިޓީ ޓީވީ ޝޯ "ކީޕިން އަޕް ވިތު ދަ ކަޑޭޝިއަންސް" ނިންމާލުމަށް ތައްޔާރުވެއްޖެ އެވެ.

ކިމް ކާޑޭޝިއަން ދާދި ފަހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި އަންނަ އަހަރު އަޅުވާ އެ ޝޯގެ 21 ވަނަ ސީޒަން އަކީ ޝޯގެ ފަހު ސީޒަން ކަމަށެވެ.

"ވަރަށް ވިސްނުމަށްފަހު އަޅުގަނޑާއި އާއިލާގެ އެންމެން ނިންމާފައިވަނީ ޝޯއަށް އަލްވަދާއު ކިޔުމަށް،" ކިމް އާންމުކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

އޯޖޭ ސިމްޕްސަންގެ ކޭސްގައި ވަކީލަކަށް އުޅުނު ރޮބާޓް ކާޑޭޝިއަން އާ ގުޅިގެން އެ އާއިލާއަށް ރިއޭލިޓީ ޝޯއެއް ލިބިގެން ދިޔައީ 2007 ވަނަ އަހަރުގައެވެ. އޭރު ކާޑޭޝިއަން އާއިލާއަކީ މާ މަޝްހޫރު ބައެއް ނޫން އިރު، މާ ގިނަ ބަޔަކަށް އެ އާއިލާއެއް ނުވެސް އެނގެއެވެ.

ޝޯ ފެށުމުގެ ކުރިން، ހޮލީވުޑްގެ ތަރިއެއް ކަމަށްވާ ޕެރިސް ހިލްޓަން އާއެކު އުޅޭ އެކުވެރިއެއްގެ ގޮތުގައި ކިމް އެނގުނު ނަމަވެސް މިހާރު އެންމެނަށް ކިމް ކާޑޭޝިއަން އަކީ ކާކު ކަން އެނގެއެވެ.

ޖުމްލަ 14 އަހަރު ދެއްކި ކީޕިން އަޕް ވިތު ކާޑޭޝިއަންގެ ތެރެއިން މޮޅެތި މާކެޓިން ޓޫލް ހޯދައި މުޅި އާއިލާ ވަނީ މިހާރު އެންމެނަށް އެނގޭ ބަޔަކަށް ވެފައެވެ.

ސޯޝަލް މީޑީއާތަކުގައި އަދި ހާއްސަކޮށް އިންސްޓަގްރާމްގައި އެންމެ ނުފޫޒު ގަދަ ބަޔަކީ އެ އާއިލާއެވެ. އިންޓަނެޓް އިންފްލުއެންސަރުންނަށް މަގުތައް ހުޅުވައި ލައިކްތައް ފައިސާއަށް ބަދަލު ކުރާނެ ގޮތްތައް މަގުބޫލު އެއްޗަކަށް ހެދީ އެ އާއިލާއިންނެވެ.

ޝޯއިން ލިބުނު މަގުބޫލުކަން ބޭނުންކޮށް އާއިލާގެ އެކި މެމްބަރުން ވަނީ ތަފާތު ބްރޭންޑުތައް އުފައްދާފައެވެ. އެގޮތުން އެންމެ މަގުބޫލުވަނީ ކިމްއާއި ކައިލީގެ ކޮސްމެޓިކް ބްރޭންޑެވެ. ދެމީހުންގެ ދެ ބްރޭންޑުން ހޯދާފައިވާ މަގުބޫލުކަމުން ވަނީ ދެމީހުންވެސް ބިލިއަނަރުންނަށް ވެފައެވެ.

comment ކޮމެންޓް