ވަކީލުން ހޯމްވޯކް ހައްދަވައިގެން ކޯޓަށް ވަޑައިގަތުމަށް ފަނޑިޔާރު ސުއޫދު އެދިވަޑައިގެންފި

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ސ. މީދޫ ހަސަންކާރިގޭ ހުސްނުއްސުއޫދު އައްޔަނުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރަނގަޅަށް ތައްޔާރުނުވެ ވަކީލުން ކޯޓަށް ވަޑައިގަންވާތީ، ހޯމްވޯކް ހައްދަވައިގެން ވަޑައިގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެދިވަޑައިގެންފި އެވެ.

ނިމިދިޔަ ހަފްތާ ބޭއްވި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައިވެސް އަދި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައިވެސް ފަނޑިޔާރު ސުއޫދު ވަނީ އެ އެދިވަޑައިގަތުން ތަކުރާރުކޮށް އެދިވަޑައިގެންފި އެވެ.

ދައުލަތުން އަމިއްލަ މީހެއްގެ މައްޗަށް އިސްތިއުނާފުކޮށްފައިވާ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ސުއޫދު ދައުލަތުގެ ވަކީލުންނާ ސުވާލުކުރެއްވީ ސުޕްރީމް ކޯޓަށް ހެކި ވަޒަން ކުރެވިދާނެތޯ އަދި ސުޕްރީމް ކޯޓަށް ހެކި ވަޒަން ކުރުމަށް ގާނޫނީ ބާރު ލިބެނީ ކޮންގޮތަކުން ތޯ އެވެ.

"ސުޕްރީމް ކޯޓުން ހެކި އަލުން ވަޒަން ކުރެވިދާނެތޯ. ދަށު ކޯޓުން ހެކި ވަޒަންކޮށް ނިންމާފައި އޮތް މައްސަލައެއްގައި ތިވިދާޅުވަނީ ސުޕްރީމު ކޯޓުގައި ތި އެދިވަޑައިގަންނަވަނީ ހެކި ވަޒަން ކޮށްދޭށޭ އަލުން. ހެކި ވަޒަން ކޮށްފައި އޮތީ ރަނގަޅަކަށް ނޫނޭ." ފަނޑިޔާރު ސުއޫދު ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވި އެވެ.

ނަމަވެސް އެ ސުވާލަށް ދައުލަތުގެ ވަކީލުންނަށް ޖަވާބެއް ނުދެވުނެވެ. ތަކުރާރުކޮށް އެ ސުވާލު ކުރެއްވުމުންވެސް ދައުލަތަށް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭންގުނެވެ.

ސުއޫދު ވިދާޅުވީ ކޯޓުތަކާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާގައި މައްސަލައެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށާއި އެހެން އެކަން އޮއްވައި ސުޕްރީމް ކޯޓުގައި ހެކި ވަޒަން ކޮށްދޭން ދައުލަތުން އެދިވަޑައިގެންފައިވާ ކަމަށެވެ. ސުޕްރީމް ކޯޓަށް ހެކި ވަޒަން ކުރަން ބާރު ލިބެނީ ކޮންތާކުންތޯ ސުއޫދު ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށްވެސް ހަމަ ހިތަށް އެރިހާ ކަމެއް ނުކުރެވޭނެ ފަނޑިޔާރުކަމުގެ ގޮނޑީގައި ތިއްބަސް. އަޅުގަނޑުމެންނަށްވެސް ކުރެވޭނެ ކަންކަން ގާނޫނުއަސާސީއާއި ގާނޫނާއި އުސޫލުތަކުގައިވޭ." ސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި އޮންލައިންކޮށް ބޭއްވި ޝަރީއަތުގެ މަޖިލީހެއްގެ ތެރެއިން --

ސުއޫދު ވިދާޅުވީ އެ ސުވާލަށް ދޭނެ ޖަވާބެއް އެނގިވަޑައި ނުގަންނަވާ ނަމަ ހޯމްވޯކް ހައްދަވައިގެން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަން ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ސުޕްރީމް ކޯޓުން ކުރިން ނިންމަވާފައި ހުރި ނިންމުންތައް ބައްލަވާ ދިރާސާ ކުރައްވާފައި ސުޕްރީމް ކޯޓަށް ވަކީލެއްގެ ގޮތުން ވަޑައިގަންނަވާނީ. ސުޕްރީމް ކޯޓުން ނިންމާފަ ހުންނާނެ މިދިޔަ ތިން މަސް ދުވަސް ތެރޭގައި ދަށު ކޯޓުންނާއި ހައިކޯޓުން ހެކި ވަޒަން ކޮށްފައި ހުރި މައްސަލަތަކުގައި އަލުން ހެކި ވަޒަން ކުރެވޭނީ ކޮން ހާލަތެއްގައިކަން." ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ އެ ގަޒިއްޔާތައް ހޯމްވޯކް ހައްދަވައިގެން ކޯޓަށް ވަޑައިގަތުމުން ވަރަށް ބޮޑުތަން ފަސޭހަވެ ލުއިވެގެން ދާނެ ކަމަށެވެ.

ނިމިދިޔަ ހަފްތާ ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައިވެސް ސުއޫދު ވަނީ ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއާ ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާއަކާ ބެހޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.

ސުއޫދުގެ ސުވާލަށް ޖަވާބު ދެއްވަމުން ރިޒާ ވިދާޅުވީ އެ ވިދާޅުވި ގަޒިއްޔާއެއް ދިރާސާ ކުރައްވާފައި ނެތީމަ އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. ސުއޫދު ވަނީ ރިޒާއާ އެކި ގަޒިއްޔާތަކާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ. އެހެންނަމަވެސް ރިޒާއަށް އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެވުނެވެ.

"ސުޕްރީމް ކޯޓަށް ވަޑައިގަންނަވާއިރު ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްޔާތަކަށް ފަރިތަވެފައި ހުރެގެން ނޫނީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުން ރަނގަޅެއް ނޫން." އެކަމާ ގުޅިގެން ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކަށް ފަރިތަ ނުވެ އަދި ގާނޫނުގައި ބުނާ އެއްޗެއް ނޭންގި ކޯޓަށް ވަކާލާތު ކުރައްވަން ވަޑައިގަތުން ރަނގަޅު ނޫން ކަމަށް ސުއޫދު ފާހަގަ ކުރައްވަ އެވެ.

comment ކޮމެންޓް