ހުސެއިން މުހައްމަދުގެ މައްޗަށް ކުރާ ކަށުނަމާދު މިރޭ

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ) -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ)ގެ މައްޗަށް ކުރާ ކަށުނަމާދު މިރޭ މަޣުރިބު ނަމާދަށް ފަހު އޮންނާނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ހުސެއިން މުހައްމަދު އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. އަވާހަރަވި އިރު އޭނާގެ އުމުރުފުޅުން 71 އަހަރެވެ.

ކަށުނަމާދުގެ މައުލޫމާތު އާންމު ކުރާ ކަށުނަމާދު.އެމްވީގައިވާ ގޮތުން އޭނާގެ މައްޗަށް ކުރާ ކަށުނަމާދު މިރޭ މަޣުރިބު ނަމާދަށް ފަހު 18:45ގައި އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

ހުސެއިން މުހައްމަދަކީ މެދުނުކެނޑި ތިން ދައުރު މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެފަހުން ހުންނެވީ ނިމިދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ކަމުގަ އެވެ. އަދި އޭގެ ކުރިން 17 ވަނަ މަޖިލީހުގައިވެސް މަތިވެރި ދާއިރާ، އަދި 16 ވަނަ މަޖިލީހުގައި އއ. އަތޮޅުގެ މެމްބަރުކަން ކުރެއްވި އެވެ.

ހުސެއިން މުހައްމަދު ވަނީ، މީޑިއާގެ ދާއިރާ އާއި ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. އޭނާ ވަނީ އާފަަތިސް ނޫހާއި ޕަބްލިކް ސާވިސް މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި އެ މިނިސްޓްރީގެ ޑިރެކްޓަރުކަން އަދި އީޑީސީގެ އެކި މަގާމުތައްވެސް އަދާކުރެއްވި އެވެ.

comment ކޮމެންޓް