އެމެރިކާ މީހުން ހަތިޔާރާ އެކު މަގުތަަކަށް ނުކުންނަން ގޮވާލި ފޭސްބުކް ޕޭޖެއްގެ މައްސަލަ ހޫނުވެއްޖެ

ފޭސްބުކުގެ ސީއީއޯ މާކް ޒަކަބާގް -- ފޮޓޯ: ފޭސްބުކް

ވޮޝިންޓަން (އޮގަސްޓު 30): އެމެރިކާގެ ކެނޯޝާ ސިޓީގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި މީހުންނާ ދެކޮޅަށް ހަތިޔާރު ހިފައިގެން ނުކުތުމަށް ގޮވާލި ފޭސްބުކް ޕޭޖެއް އެތައް ފަހަރަކު ރިޕޯޓު ކުރި ނަމަވެސް، އެ ކުންފުނިން އެ ޕޭޖު ނުނެގި މައްސަލާގައި ފޭސްބުކަށް ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

ގާޑިއަން ނޫހުގައިވާ ގޮތުން 'ކެނޯޝާ ގާޑް' ކިޔާ އެ ފޭސްބުކް ޕޭޖު ހަދާފައި ވަނީ މިދިޔަ ޖޫން މަހު އެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ކެނޯޝާގައި ފުލުހުން ބަޑި ޖެހުމުގެ ސަބަބުން ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖެކަބް ބްލޭކް ޒަހަމްވުމާ ހެދި ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން، އެ ޕޭޖުން 'ފޭސްބުކް އިވެންޓެއް' ހެދި އެވެ. އޭގައި ވަނީ "އެ މުޒާހަރާތަކުގައި ބައިވެރިވާ މީހުންގެ ފަރާތުން ކެނޯޝާ ރައްކާތެރިކުރުމަށް ޓަކައި ހަތިޔާރު ހިފައިގެން ނުކުތުމަށް ގައުމު ދެކެ ލޯބިވާ މީހުންނަށް" ގޮވާލާފަ އެވެ.

ބަޒްފީޑު ނޫހުގައިވާ ގޮތުން ފޭސްބުކް ބޭނުން ކުރާ މީހުން އެ އިވެންޓު 455 ފަހަރު ރިޕޯޓު ކުރި ނަމަވެސް އެ ކުންފުނިން އެ ޕޭޖާ ދެކޮޅަށް ފިޔަވަޅެއް ނާޅަ އެވެ. އަދި އެ ޕޭޖު އެންމެ ފަހުން ނެގީ މިދިޔަ އަންގާރަ ދުވަހު ކެނޯޝާގައި ބޭއްވި މުޒާހަރާއެއްގައި ބަޑި ޖެހުމުގެ ސަބަބުން ދެ މީހަކު މަރުވި ފަހުންނެވެ. އެ މައްސަލައިގައި، މުޒާހަރާ ތެރޭ ބަޑިއެއް ހިފައިގެން އުޅުނު 17 އަހަރުގެ ކައިލް ރިޓެންހައުސްގެ މައްޗަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފަ އެވެ.

ފޭސްބުކުން ފަހުން ވަނީ އެ ޕޭޖާއި އިވެންޓު ވެސް އެ ކުންފުނީގެ ގަވާއިދުތަކާ ހިލާފުވާ ކަމަށާއި އެ ޕޭޖު މާ ކުރިން ވެސް ރިމޫވް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.

ފޭސްބުކުގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވި ގޮތުގައި އެ ޕޭޖު ރިޕޯޓު ކުރި ނަމަވެސް ޕޭޖު ފުރަތަމަ ރިމޫވް ނުކުރެވުނީ އެފަދަ ޝަކުވާތައް ބަލަން ތިބޭ ކޮންޓްރެކްޓަރުންނަށް އެ މައްސަލަ ފާހަގަ ނުކުރެވުމުންނެވެ. އަދި "ނުރައްކާތެރި ޖަމްއިއްޔާތަކާ" ގުޅުން ހުރި ޝަކުވާތައް ބަލާ ހާއްސަ ޓީމަށް ރިޕޯޓުތައް ފެނުމާ އެކު ޕޭޖާއި އިވެންޓު ވެސް ނެގި ކަމަށް ޒަކަބާގް ވިދާޅުވި އެވެ.

ފޭސްބުކުން ކެނޯޝާ ގާޑްގެ އިވެންޓު ނެގި އިރު އެއަށް ވަނީ އެތައް ހާސް މީހުންގެ ސަމާލުކަން ލިބިފައިކަން ފާހަގަކޮށް ގިނަ ބަޔަކު އެ ކުންފުންޏަށް ފާޑު ކިޔާފައިވެ އެވެ. އަދި ބަޒްފީޑު ނޫހުގައިވާ ގޮތުން ފޭސްބުކުގެ މުވައްޒަފުން ވެސް ވަނީ އެ މައްސަލާގައި އެ ކުންފުނިން ފިޔަވަޅު އެޅިގޮތް ލަސްކަން ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބްލޭކް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު އޭނާގެ ގަޔަށް ބަޑި ޖެހި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެެވެ. އަދި މިހާރު ހޮސްޕިޓަލުގައި އޮތް ބްލޭކްގެ އާއިލާއިން ވަނީ އޭނާގެ އުނަގަނޑުން ތިރި ވާގިނެތިފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް