ނެއްލައިދޫ ބަނދަރު މަސައްކަތުގެ 32 ޕަސެންޓް ނިމިއްޖެ

ނެއްލައިދީ ބަނދަރު މަޝްރޫއު ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ

ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 32 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީ އިން ބުނީ ނެއްލައިދޫ ބަނދަރުގެ މަޝްރޫއުގެ ތެރެއިން އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ ވަނީ އިއްޔެ އެ ރަށަށް ގެންގޮސްފައި ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅުތެރެ ފުންކުރުމާއި ކުރިން ފުން ކޮށްފައިވާ 10،294 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރާނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ.

އޭގެއިތުރުން 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ އިތުރުން 2،102 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހަދައި ބަނދަރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރާނެ އެވެ.

ނެއްލައިދޫ ބަނދަރު މަޝްރޫއަށް 47.6 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019ގަ އެވެ.

comment ކޮމެންޓް