ޓެކްސް އެޕީލް ޓްރައިބިއުނަލަށް މުނައްވަރު އައްޔަން ކުރަން ރުހުން ދީފި

ޓެކްސް އެޕީލް ޓްރައިބިއުނަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެމްބަރު ކަމަށް އައްޔަން ކުރުމަށް އއ. މަތިވެރި، ވެސްޓްބީޗް، މުހައްމަދު މުނައްވަރު އަލީ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާއިން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަނުކުރެއްވުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވީ މުނައްވަރުގެ އިތުރުން ގ. ނޫމަރާވިލާ، ޝީރީން ނާހިދާ ލަތީފުގެ ނަމެވެ. އެެއީ އެ މަގާމަށް ކުރިމަތިލެއްވި ހަމަ އެކަނި ދެ ބޭފުޅުންނެވެ.

އެ ދެބޭފުޅުންނަށްވެސް ރުހުން ދިނުމަށް ޖުޑީޝަރީ ކޮމިޓީން އޮތީ ފާސްކޮށްފައެވެ.

ކޮމިޓީގެ ރިޕޯޓަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވޯޓަށް އެހި އިރު، ކޮމިޓީން ރުހުން ދިން ތަރުތީބުން ފުރަތަމަ އިއްވީ މުހައްމަދު މުނައްވަރު އަލީގެ ނަމެވެ. އޭނާއަށް ރުހުން ދިނުމަށް ފެންނަކަމާށް 65 މެމްބަރަކު ވޯޓު ދިނެވެ. އެހެންކަމުން އެ މަގާމަށް އޭނާއަށް ރުހުން ދޭން މަޖިލީހުން ފާސްކުރީއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރައިބިއުނަލްއަށް މެމްބަރުން އައްޔަނުކުރަނީ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން މަދުވެގެން ދެ މެމްބަރުންނަކީ ރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތްކޮށް، މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މެމްބަރުން ކަމުގައިވާން ޖެހެއެވެ.

comment ކޮމެންޓް