ޔޮޓް ޓުއާސްއަށް 351 މިލިއަން ރުފިޔާ ދޭން ކުރި ހުކުމް އެލައިޑުން އިސްތިއުނާފުކޮށްފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އެލައިޑުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ސިވިލް ކޯޓުން ޖުލައި 19ގައި ކުރި ހުކުމުގައި ބުނީ ހއ. އަލިދޫ ރިސޯޓް، އެލައިޑް އިންޝުއަރެންސުގައި 2014ގައި އިންޝުއާކޮށްފައި ވަނިކޮށް އެ އަހަރު މޫސުން ގޯސްވެ، އެ ރިސޯޓްގެ މޫދު ކޮޓަރިތަކަކަށް ބޮޑެތި ގެއްލުންތަކެއްވި ކަމަށެވެ. އަދި އެއީ އެ ރިސޯޓުން ނަގާފައިފައިވާ ފަޔާ ޕޮލިސީގެ ދަށުން އެލައިޑް އިންޝުއަރެންސުގެ މައްޗަށް ކްލައިމް ކުރެވޭނެ ކަމެއް ކަމަށާއި އެއީ ބަދަލު ދޭން ޖެހޭނެ ކަމެއް ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ނެރުއްވި ހުކުމުގައި ބުނެފައި ވަނީ އެލައިޑުން ދައްކަން ޖެހޭ ފައިސާ ހުކުމް ކުރާ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރަން ޖެހޭނެ ކަމަށެވެ.

އެ ހުކުމާ އެއްގޮތަށް އެއް މަސް ދުވަހުގެ ތެރޭގައި އެލައިޑުން ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 3.8 މިލިއަން ޑޮލަރު ދޭން ޖެހޭ ނަމަވެސް، އެ ފައިސާ ދީފައި ނުވާ ކަމަށް ބުނެ ހުކުމް ތަންފީޒު ކޮށްދޭން ފިޔަވަޅު އަޅައިދިނުމަށް އެދި ޔޮޓް ޓުއާސްއިން މިއަދު ވަނީ ސިވިލް ކޯޓަށް ސިޓީ ހުށަހަޅައިފައެވެ.

ނަމަވެސް، މިއަދު އެލައިޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސިވިލް ކޯޓުގެ ހުކުމް ނެރުނީ ރަނގަޅަށް ނޫން ކަމަށް ދެކޭތީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކަކީ ޔޮޓް ޓުއާސްއިން ނަގާފައިވާ އިންޝުއަރެންސް ޕޮލިސީގެ ދަށުން ބަދަލު ލިބޭ ޒާތުގެ ގެއްލުންތަކެއް ނޫން ކަމަށްވެސް އެލައިޑުން ބުންޏެވެ.

"ޔޮޓް ޓުއާސް މޯލްޑިވްސްއިން ހިންގަމުންދާ ހއ. އަލިދޫ ރިސޯޓަށް ލިބުނު ކަމަށް އެކުންފުނިން ބުނާ ގެއްލުންތަކަކީ އެކުންފުނިން އެލައިޑް އިންޝުއަރަންސް ކުންފުނިން ނަގާފައިވާ އިންޝުއަރަންސް ޕޮލިސީއިން ބަދަލު ލިބޭ ޒާތުގެ ގެއްލުންތަކެއް ނޫންކަން މިކުންފުނިން ބެލިބެލުމުން އެނގުނެވެ. އަދި އެ ގެއްލުންތަކަކީ އިމާރާތް ކުރުމުގެ ފެންވަރު ދަށް ވުމުންނާއި، ރަނގަޅަށް މެއިންޓެއިން ނުކުރުމުގެ ސަބަބުންނާއި ތަބީއީ ގޮތުން ލިބިފައިވާ އެކިއެކި ގެއްލުންތަކެކެވެ،" އެލައިޑުުގެ ބަޔާނުގައިވެއެވެ.

ޔޮޓް ޓުއާސްއިން ކުރިން އަލިދޫގެ މައްސަލާގައި ދައުވާ ކުރުމުން ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ. ނަމަވެސް ޔޮޓް ޓުއާސްއިން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން، އެ ކޯޓުން ސިވިލް ކޯޓަށް އެންގީ އެ މައްސަލަ ބެލުމަށެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުން ނިންމި ގޮތް ރަނގަޅު ކަމަށެވެ.

comment ކޮމެންޓް