ޒިމްބާބުވޭގެ އިދިކޮޅު ޕާލަމެންޓު މެމްބަރަކު ހައްޔަރުކޮށްފި

ޒިމްބާބުވޭގެ އިދިކޮޅު ލީޑަރެއް ކަމަށްވާ ޖޮބް ސިކާލާ ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ހަރާރޭ (އޮގަސްޓު 23): ޒިމްބާބުވޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ މޫވްމެންޓް ފޯ ޑިމޮކްރެޓިކް ޗޭންޖް-އެލަޔަންސް (އެމްޑީސީ-އޭ)ގެ ވައިސް ޗެއާމަން އަދި ޕާލަމެންޓު މެމްބަރެއް ކަމަށްވާ ޖޮބް ސިކާލާ ހައްޔަރުކޮށްފި އެވެ.

ސިކާލާ އަކީ މިދިޔަ ޖުލައި 31ގައި ޒިމްބާބުވޭގައި ބާއްވަން އިންތިޒާމު ކުރި ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ދިމާކޮށް ފުލުހުން ހައްޔަރު ކުރަން މަސައްކަތް ކުރި އެކްޓިވިސްޓުންގެ ތެރެއިން އެކަކެވެ. އޭގެ ސަބަބުން އިދިކޮޅު ބައެއް މެމްބަރުންނާ އެކު ސިކާލާ ފިއްލެވި އެވެ.

އެމްޑީސީ-އޭއިން ބުނި ގޮތުގައި ސިކާލާގެ މައްޗަށް ވަނީ ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ދައުވާކޮށްފަ އެވެ.

ޒިމްބާބުވޭގެ އިދިކޮޅު ފަރާތްތަކުން ޖުލައި 31ގައި ބާއްވަން އުޅުނު މުޒާހަރާ ސަރުކާރުން މަނާ ކުރީ ކޮރޯނާވައިރަހާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ. އަދި އެ މުޒާހަރާ ކުރުން ހުއްޓުުވުމަށް ޖުލައި 20ގައި ހައްޔަރު ކުރި އިދިކޮޅު ޕާޓީއެއްގެ ލީޑަރު ޖެކަބް ގަރިވުމޭ އަދިވެސް ހުންނެވީ ޖަލުގަ އެވެ.

ގަރިވުމޭ ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ތިން ފަހަރަކު އެދިލައްވާފަ އެވެ. ނަމަވެސް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފި ނަމަ އަނެއްކާވެސް މުޒާހަރާއެއް އިންތިޒާމުކޮށްފާނެ ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފަ އެވެ.

އެ މުޒާހަރާ ބޭއްވީ ޒިމްބާބުވޭގައި ތަކެތީގެ އަގު އުފުލި، ސަރުކާރާ ދެކޮޅަށް ކޮރަޕްޝަނުގެ ތުހުމަތުތައް ފެންމަތިވުމާ ގުޅިގެންނެވެ.

އެ މުޒާހަރާ ބޭއްވި ދުވަހު ފުލުހުންނާއި ސިފައިން ދިޔައީ ވެރިރަށް ހަރާރޭގައި ހަރަކާތްތެރިވަމުންނެވެ. އަދި މަދު ބަޔަކު ބައިވެރިވި އެ މުޒާހަރާއިން ބައެއް މީހުން ހައްޔަރު ކުރި އެވެ. އެ މީހުންގެ މައްޗަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނުމުގެ ދައުވާ ކުރުމަށް ފަހު ވަނީ ދޫކޮށްލާފަ އެވެ.

comment ކޮމެންޓް