ޔޫއްޕެގެ "ހުވާކޮށްފާ ބުނަން" ޝޫޓިން ކުރިއަށް

ޑްރާމާގެ ތަރިން--

ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދަމުން އަންނަ ޑްރާމާ ސީރީޒް "ހުވާކޮށްފާ ބުނަން"ގެ ޝޫޓިން އާއި ޑަބިން ކުރިއަށްދާ ކަމަށް އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނެފި އެވެ.

ކުޅަދާނަ އެކްޓަރު/ޑައިރެކްޓަރު ޔޫއްޕެ ސަން އަށް މައުލޫމާތު ދެމުން ބުނީ މި ޑްރާމާއަކީ 26 އެޕިސޯޑުގެ މައްޗަށް އުފައްދާ ސީރީޒެއް ކަމަށާއި މި ސީރީޒަކީ ހުރިހާ ރަހަތަކެއް ހެޔޮވަރަށް އެކުލެވިގެންވާ ސީރީޒެއް ކަމަށެވެ. ލޯތްބާއި އިޖުތިމާއީ މައްސަލަތައް ހުވާކޮށްފައި ބުނަން އިން ފެނިގެންދާއިރު ޔޫއްޕެ ބުނީ މިހާރުގެ މުޖުތަމައުއާ މި ސީރީޒް ވަރަށް ގުޅޭނެ ކަމަށެވެ.

ހުޅުމާލޭގައި ޝޫޓިން ކުރިއަށްދާ މި ސީރީޒް ސެޕްޓެމްބަރު މަހު ދައްކަން ފެށޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ޔޫއްޕެ ސަން އަށް ވަނީ ބުނެފަ އެވެ. އޭނާ ބުނީ ކޮވިޑްގެ ކަންތަކާ ހެދި އުންމީދު ކުރާ ވަރަށް ޝޫޓިންގެ ސްޕީޑު ކުރިއަށް ނުދިޔަ ނަމަވެސް އުންމީދަކީ ޝޫޓިން ކުރިއަށް ދާ ވަރަކުން އަވަސް މުސްތަގްބަލެއްގައި މި ޑްރާމާ ބެލުންތެރިންނަށް ދައްކާލުން ކަމަށެވެ.

"ހުވާކޮށްފާ ބުނަން"ގެ ތަރި މުސްތަފާ---

ޔޫއްޕެ ޑައިރެކްޓުކުރާ މި ސީރީޒުގައި ހަރަކާތްތެރިވާ މައިގަނޑު ތަރިންގެ ތެރޭގައި އަހުމަދު ސައީދު، އަހުމަދު އީސާ (އާނަންދު)، މުހައްމަދު މުސްތަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝީޔާގެ އިތުރުން ނާޝިދާ (ނާއްކޮ) ހިމެނެ އެވެ.

"ފިލްމުގެ ތަރިންގެ މަސައްކަތް ވަރަށް ރަނގަޅު. ހުރިހާ އެންމެންގެ އެއްބާރުލުންވެސް ލިބޭ. ކޮވިޑް ދުވަސްކޮޅުވީމަ އުނދަގޫވޭ ބައެއް ފަހަރު ޝޫޓްކުރަން. ގޭތަކަށް ވަނުމަށް ދަތިވޭ. އެކަމަކު ކޮންމެވެސް ގޮތަކުން ހަމަޖައްސާލަން. އަސަރުގަދަ ވާހަކައެއް މިއީ،" ޔޫއްޕެ ބުންޏެވެ.

ޑްރާމާގެ ތަރިންކަމަށްވާ ފުބޫ އާއި ދޮން އައްޔަ--

ޔޫއްޕެ ބުނީ ހުރިހާ ތަރިންގެ އެކްޓިންނާ މެދުވެސް ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ޑްރާމާގައިި ތީމް ލަވައެއް ހިމެނޭ ކަމަށްވެސް އޭނާ ބުންޏެވެ. ހުވާކޮށްފާ ބުނަން ކެމެރާ ކުރަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

comment ކޮމެންޓް