ޔޫއެންޕީގެ ލީޑަރުކަމުން ރަނިލް އިސްތިއުފާ ދެއްވާނީ ކައުންސިލް އިންތިހާބަށް ފަހު

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ މަރުގެ އަދަބު ދިނުމާ ދެކޮޅު ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ (އޮގަސްޓް 16): ސްރީލަންކާގެ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ކަމުން ރަނިލް ވިކްރަމަސިންހަ އިސްތިއުފާ ދެއްވާނީ އަންނަ އަހަރު އެގައުމުގައި ބާއްވާ ޕްރޮވިންޝަން ކައުންސިލް އިންތިހާބަށް ފަހު ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޔޫއެންޕީގެ ޖެނެރަލް ސެކްރެޓަރީ އަކިލަ ވިރާޖު ކަރިޔަވަސަމް ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވި ޕާޓީގެ ބައްދަލުވުމެއްގައި ރަނިލް ވަނީ އޭނާ ޔޫއޭންޕީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަގާމު ޒުވާނުންނާ ހަވާލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ލަންކާގެ ސަރުކާރުން ބުނާ ގޮތުގައި އެގައުމުގެ ޕްރޮވިންޝަލް ކައުންސިލް އިންތިހާބު ބާއްވާނީ އަންނަަ އަހަރުގެ ފެބްރުއަރީއާއި މާޗު މަހާ ދޭތެރޭގަ އެވެ.

ރަނިލް ޔޫއެންޕީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވާނެކަން މިދިޔަ ހަފްތާގެ ހޯމަ ދުވަހު އަކިލަ ފުރަތަމަ އިއުލާން ކުރެއްވީ، ލަންކާގެ ޕާލިމެންޓު އިންތިހާބުން އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ލިބުނު ފަހުންނެވެ. އެގޮތުން އެ އިންތިހާބުގައި ރަނިލްއަށް އޭނާގެ ޕާލިމެންޓު ގޮނޑި ގެއްލި، ޔޫއެންޕީއަށް އެންމެ އިންތިހާބީ ގޮނޑިއެއްވެސް ނުލިބުނެވެ.

ލަންކާގައި މިމަހުގެ ފަހެއްގައި ބޭއްވި ޕާލިމެންޓު އިންތިހާބުން އެންމެ ގިނަ ގޮނޑިތައް ހޯދީ ރައީސް ގޯޓާބަޔައާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިންނެވެ. އެއީ ޖުމްލަ 145 ގޮނޑި އެވެ.

ރަނިލް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ލަންކާގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އެއީ 1993 އިން 1994 އަށް އަދި 2001 އިން 2004 އަަށް އަދި 2015 އިން މިދިޔަ އަހަރާ ޖެހެންދެނެވެ.

comment ކޮމެންޓް