މުސްލިމް ބްރަދަހުޑްގެ ލީޑަރެއް މިސްރުގެ ޖަލެއްގައި އަވަހާރަވެއްޖެ

މުސްލިމް ބްރަދަހުޑްގެ ލީޑަރެއް ކަމަށްވާ އައްސާމް އަލް އެރިއަން ވަނީ ޖަލުގައި އަވަަހާރަވެފަ -- ފޮޓޯ: އޭއެފްޕީ

ގާހިރާ (އޮގަސްޓު 15): މިސްރުގެ ވެރިރަށް ގާހިރާގެ ތޯރާ ޖަލުގައި ހައްޔަރުކޮށްފައި ހުންނެވި މުސްލިމް ބްރަދަހުޑްގެ ލީޑަރަކު އަަވަހާރަވެއްޖެ އެވެ.

އުމުރުން 66 އަހަރުގެ އައްސާމް އަލް އެރިއަން އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ޖަލުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްގައިވެ އެވެ.

މުސްލިމް ބްރަދަހުޑްގެ ވަކީލެއް ކަމަށްވާ އަބްދުލް މުނީމް އަބްދުލް މަގްސޫދު ވިދާޅުވި ގޮތުގައި އަލް އެރިއަން އަވަހާރަވިކަން ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ޖަމާއަތަށް އަންގާފަ އެވެ. އަދި އޭނާ އަވަހާރަވީ ގުދުރަތީ ސަބަބުތަކާ ހެދި ކަމަށް އެ ފަރާތްތަކުން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

މަގްސޫދު ވިދާޅުވި ގޮތުގައި އަލް އެރިއަން އަވަހާރަވީ، ކޮރޯނާވައިރަސް ބަލިމަޑުކަމާ ހެދި މިސްރުގެ ޖަލުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭނާއާ އާއިލާގެ މެމްބަރުންނާއި ވަކީލާވެސް ބައްދަލު ނުވާތާ ހަ މަސް ވީ ފަހުންނެވެ.

މީގެ ކުރިން އަލް އެރިއަން ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ އޭނާއަށް ޖަލުން ހެޕަޓައިޓިސް ސީ ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާއަށް ފަރުވާ ދޭން އޭނާ ނެޝަނަލް ލިވާ އިންސްޓިޓިއުޓަށް ބަދަލު ކުރަން އެދުމުން ނެޝަނަލް ސެކިއުރިޓީ އޭޖެންސީން އެކަމަށް ހުއްދަ ނުދިން ކަމަށް ވިދާޅުވެފަ އެވެ.

މުސްލިމް ބްރަދަހުޑްގެ ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަލް އެރިއަން ވަނީ 2011 ވަނަ އަހަރުގެ ޕާލިމެންޓް އިންތިހާބުގައި ގޮނޑިއެއް ކާމިޔާބު ކުރައްވާފަ އެވެ. އަދި އޭގެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު އެ ޕާޓީގެ ކެންޑިޑޭޓު މުހައްމަދު މޫރުސީ ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް އެ ވެރިކަމަށް އެއް އަހަރުވިތަނާ އަސްކަރީ ބަޣާވާތާކުން އެ ވެރިކަން ވައްޓާލި އެވެ. އަދި އޭރުގެ އަސްކަރިއްޔާގެ ވެރިޔާ އަބްދުލް ފައްތާހު އަލް ސީސީ ރައީސް ކަމަށް ވަޑައިގެންނެވި އެވެ.

އޭގެ ފަހުން މިސްރުން ވަނީ މުރުސީ އާއި މުސްލިމް ބްރަދަހުޑަށް ނިސްބަތްވާ އެތައް ސަތޭކަ މީހުން ހައްޔަރުކޮށްފަ އެވެ. އަދި އެކި މައްސަލަތަކުގައި މުރުސީގެ މައްޗަށް ޖަލު ހުކުމާއި މަރުގެ ހުކުމްވެސް ކޮށްފައި ވަނިކޮށް، މިދިޔަ އަހަރުގެ ޖޫން މަހު އޭނާ ކޯޓުގެ ޝަރީއަތެއްގައި ހުންނަވަނިކޮށް އޭނާ ވަނީ އަވަހާރަވެފަ އެވެ.

comment ކޮމެންޓް