މަގާމުން ވަކި ކުރުމުގެ ވޯޓު ނަގަން އުޅެނިކޮށް މެޖިސްޓްރޭޓް މައުސޫމް އިސްތިއުފާ ދެއްވައިފި

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް: އޭނާ މިއަދު ވަނީ އިސްތިއުފާ ދެއްވާފައި ---

ރިޝްވަތު ނެގުމާއި ޖިންސީ ގޯނާގެ މައްސަލަތަކެއް ސާބިތުވެ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގުމަށް ތައްޔާރުވެފައި ވަނިކޮށް އޭނާ އަމިއްލައަށް އިސްތިއުފާ ދެއްވައިފި އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ވޯޓު ގަޑީގައި އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

އެހެން ނަމަވެސް ވޯޓުގެ ކުރިން އޭނާ އިސްތިއުފާ ދެއްވާފައިވާކަން ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް އަންގާފައިވާ ކަމަށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. އެހެން ކަމުން އެ މައްސަލައާ ގުޅޭ ގޮތުން ދެން ވޯޓެއް ނާހާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމްއާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ޖޭއެސްސީއިން ބުނީ، ހދ.ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާއެއް ނިންމުމުގައި އިސް މެޖިސްޓްރޭޓް މައުސޫމް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށް ސާބިތުވާ ކަމަށެވެ.

ޖޭއެސްސީ އިން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ޖުޑިޝިއަރީ ކޮމެޓީން އިން ވަނީ ފާސްކޮށްފަ އެވެ.

އެފަދަ އެހެން މައްސަލަތަކެއް ވެސް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެން ވަޒީފާއިން ވަކި ކޮށް ދިނުމަށް ޖޭއެސްސީން ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، މައުސޫމު ވަކިކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ.

އިސްމެޖިސްޓްރޭޓް މައުސޫމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޝްވަތުގެ އެހެން މުއާމަލާތްތައްވެސް ކޮށްފައިވާކަން ސާބިތުވާކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. އަދި މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އޭނާގެ ބޭންކް އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒް ގޮތުގައި ނުވަތަ ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަަށް ވެސް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާމެދު އިސް މެޖިސްޓްރޭޓް މައުސޫމް މުހާތަބުކޮށްފައިވާ ކަމަށާއި އަދި އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

comment ކޮމެންޓް