ހެލްތުގެ ކުރީގެ އިސްވެރިންގެ ފާޑުކިޔުމަށް މިނިސްޓްރީގެ ރައްދެއް!

އޭޕްރީލް 6، 2020: ހެލްތު މިނިސްޓަރު އަބްދުﷲ އަމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެލްތު މިނިސްޓްރީގެ އިސް މަގާމުތަކެއްގައި މީގެ ކުރިން ތިއްބެވި ބޭފުޅުންތަކެއް، މިހާރު ހެލްތު މިނިސްޓްރީ ހިންގަމުންދާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ހިތްހަމަނުޖެހުން ފާޅުކުރައްވައި ފާޑުވިދާޅުވުމުން އެކަމަށް ރައްދުދީ މިއަދު ހެލްތު މިނިސްޓްރީއިން ބަޔާނެއް ނެރެފިއެވެ.

ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ކުރިއަށްގެންދާ ގޮތް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. މައްސަލަ ދިރާސާ ކުރުމަށްޓަކައި ބައެއް ޑޮކްޓަރުންނާއި އެޗްޕީއޭ އަދި އެޗްއީއޯސީގެ ފަރާތްތަކާއި، ވޭތުވެދިޔަ 50 އަހަރު ޕަބްލިކް ހެލްތު ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވި ބޭފުޅުންނާއި ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅުންނާ ބައްދަލުކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި ކަމާ ގުޅުންހުރި ޖަމިއްޔާތަކާއި ހެލްތު ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިތުރުން އެ ނޫންވެސް ފަރާތްތަކާ ބައްދަލުކުރަންވެސް ވަނީ ނިންމާފަ އެވެ.

އެގޮތުން އިއްޔެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް ޑރ. ހުސެއިން މާހިރު، ޑރ. އިސްހާގު ޝަފީގު، ޑރ. ޝާފިއީ އަބްދުލްމުނިމް، ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އަދި ހަފީޒާ އަލީ ވަނީ ގެނެސްފައެވެ. އެ ބޭފުޅުންނަކީ މީގެ ކުރިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދި ޕާމަނަންޓް ސެކެޓްރީކަން ފަދަ އެކި އިސް މަގާމުތައް ފުރުއްވާފައި ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުން ވަނީ މިހާރު ހެލްތު މިނިސްޓްރީ ހިންގަމުންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އާންމު ސިއްހަތުގެ ނިޒާމު ދަނީ މަޑުމަޑުން ފެއިލްވަމުން: ކުރީގެ މުވައްޒަފުން

މިނިސްޓްރީގައި ފަންނީ މީހުންގެ ލަފައާއެކު މަޝްވަރާގެ މަގުން ކަންތައްތައް ނުކުރާ ކަމަށް ކުރީގެ އިސްވެރިން ވިދާޅުވެފައިވެއެވެ. މިއަދު ނެރުނު ބަޔާނެއްގައި އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއިން ބުނީ ސިއްހީ ދާއިރާއަކީ ވަރަށް ފަންނީ މަސައްކަތްތަކެއް ކުރެވޭ ދާއިރާއަކަށްވާއިރު، އަދިވެސް ސިއްހީ ދާއިރާގައި އެންމެ މަތީގައި ހަރަކާތްތެރިވަމުން ގެންދަވަނީ އެ ދާއިރާގެ ހާއްސަ ގިންތިތަކުން ތައުލީމާއި ތަމްރީނު ލިބިފައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ފަންނީ ކަންކަމާ ގުޅޭ ނިންމުންތަކަކީ ފަންނީ މީހުންނާއި އެކަމާ ގުޅޭ ކޮމެޓީތަކާއި އެކަމާ ގުޅޭ އެންމެހާ މައުލޫމާތަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ކަމަށެވެ. އަދި އެ ނިންމުންތައް ނިންމަނީ ސިޔާސީ މީހުންގެވެސް ބައިވެރިވުމާއެކު ކަމަށް ބުނެފައިވެއެވެ.

"މި މަސައްކަތްތައް ކުރަނީ ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެ މަތިން، ދާއިރާގެ އެކި ކަންކަމަށް ސިޔާސީ ބޭފުޅުން މަސްއޫލުވެތިއްބަވައިގެން އެ ބޭފުޅުންގެ ބައިވެރިވުމާއެކު އެކިއެކި ފަރާތްތަކާއެކު ވިލަރެސްކޮށް ކަނޑައެޅިފައިވާ އިންތިޒާމުތަކެއްގެ ދަށުން، އެހެނިހެން ދާއިރާތަކުގެ ބައިވެރިވުމާއެކުގައެވެ،" ހެލްތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީއިން ބުނީ، އެގްޒެކްޓިވް ލެވެލްގެ ބޭފުޅުންގެ ބައްދަލުވުންތައް ގަވާއިދުން ކުރިއަށް ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީއަށް އައްޔަން ކޮށްފައިވާ ބޭފުޅުންނާއި ސިވިލް ސާވިސް މުއައްޒަފުންނާއި އެކު ކަމަށެވެ. އަދި މިނިސްޓްރީގެ ޑިވިޝަންތައް ހިންގުމުގެ އެންމެ އިސްރޯލެއް އަދާކުރަނީ ސިޔާސީ ބޭފުޅުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ސިއްހީ ދާއިރާގެ މީހުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައި ނުދޭ ކަމަށްވެސް ކުރީގެ އިސްވެރިން ވިދާޅުވެފައިވެއެވެ. ނަަމަވެސް، މިނިސްޓްރީއިން ބުނީ، ސިއްހީ ދާއިރާގެ މީހުންނަށް ތައުލީމާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުގެ އިދާރާތަކާއި އެހެނިހެން ފަރާތްތަކާއެކު ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓްރީގެ ބޭނުމަށް ތަކެތި ހޯދުމުގައި އެއްވެސް ގޮތަކަށް ދެފުށް ފެންނަ ގޮތަކަށް އަމަލު ނުކުރާ ކަމަށް ކޮމެޓީގައި ކުރީގެ އިސް މުވައްޒަފުން ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން މިނިސްޓްރީއިން ބުނީ، ފެންވަރު ރަނގަޅުކޮށް ހިދުމަތް ދިނުމަށް ހޯދާތަކެތި ހޯދަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ބިޑިން ޕޮރޮސެސް ތެރެއިން ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން މިހާރު އާންމު ސިއްހަތުގެ ނިޒާމު މަސައްކަތް ކުރަމުންދާ ގޮތަށްވެސް ހެލްތުގެ ކުރީގެ އިސްވެރިން ކޮމެޓީގައި ފާޑުވިދާޅުވިއެވެ. އެ ބޭފުޅުން ވިދާޅުވީ، ކޮވިޑް ނޫން އެހެން ބަލިތަކަށް ފަރުވާ ދިނުމުގައި ފަރުވާކުޑަވެފައިވާ ކަމަށެވެ. އަދި މީހުން ޓެސްޓު ކުރުމާއި ކަރަންޓީނު ކުރުމުގައި ލަސްތަކެއް އުޅޭތީ އާންމުންގެ ޝަކުވާ ބޮޑުކަންވެސް ފާހަގަކުރެއްވިއެވެ. އާންމު ސިއްހަތުގެ ނިޒާމު މަޑުމަޑުން ފެއިލްވަމުންދާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

މިނިސްޓްރީގެ ބަޔާނުގައި ވަނީ ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރެވެމުންދާ ގޮތް ކިޔައިދީފައެވެ. މިނިސްޓްރީއިން ބުނީ އެއީ ވަރަށް ގިނަ ކަންކަމަށް ރިއާއަތްކޮށް، ލަފައާ މަޝްވަރާގެ މަތިން ކުރެވޭ މަަސައްކަތެއް ކަމަށެވެ.

"ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލަނީ ބައިނަލްއަގުވާމީ މިންގަޑުތަކަށް ބިނާކޮށް އާ ހޯދުންތަކާ ދިރާސާތަކާ އެއްގޮތަށް އަދާހަމަކޮށްގެންނެވެ. ކޮވިޑް-19ގެ ވަބާއަށް އިޖާބަދިނުމަށް ކުރެވޭ މަސައްކަތްތައްވެސް ބިނާވެފައިވަނީ ހެއްކާއި، ފަންނީލަފާއާއި އެކިއެކި ގައުމުތަކުގެ ތަޖުރިބާތަކަށް އަދި ދިވެހިރާއްޖޭގެ ހާލަތްތަކަށް ރިއާޔަތްކޮށެވެ. ކޮވިޑް19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ނިންމާފައިވާ ނިންމުންތަކަކީ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ސިއްހީ ދާއިރާގެ ފަންނީ މާހިރުންނާއި އަދި ތަޖުރިބާކާރުންގެ ލަފާގެ މަތިންނެވެ. މިމަސައްކަތްތައް ކުރިއަށް ގެންދަނީ އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާތަކާއި ދަރުމައަށް މަސައްކަތްކުރާ ފަރާތްތައް ގުޅިގެން ކުރެވޭ ގައުމީ މަސައްކަތެއްގެ ގޮތުގައެވެ،" ހެލްތުގެ ބަޔާނުގައިވެއެވެ.

މިނިސްޓްރީގެ ކުރީގެ އިސް ބޭފުޅުން ވިދާޅުވެފައި ވަނީ މިހާރު މަސައްކަތްތައް ކުރިއަށްދަނީ ސިއްހީ ދާއިރާގެ މާސްޓާ ޕްލޭނާ އެއްގޮަތަށް ނޫން ކަމަށެވެ. މިނިސްޓްރީއިން މިއަދު ބުނީ، ސިއްހީ ދާއިރާ ތަރައްގީ ކުރަމުން ގެންދަނީ ސިއްހީ ދާއިރާގެ ދުރު ރާސްތާ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ސިޔާސަތުތަކުގެ ދަށުން ކަމަށެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވައުދު ފުޅާ އެއްގޮތަށް ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތައްތަރައްގީ ކުރުމާއި، ކުރިން ނުދެވޭ ސްޕެޝަލިޓީ ހިދުމަތްތައް ހޮސްޕިޓަލްތަކުގައި ދޭން ފެށިފައިވާ ކަމަށް ބުންޏެވެ.

އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ކުރިއަށް ވުރެ ބޮޑަށް ފުޅާކުރެވި ވަސީލަތްތައް ގާއިމް ކުރެވެމުންދާ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ. އެގޮތުން އަތޮޅު ހޮސްޕިޓަލް ތަކުން ތަފާތު ސްޕެޝަލިޓީގެ ހިދުމަތްތައް ތައާރަފު ކުރެވި މާލެއަށް ރިފަކުރަން ކުރިއަށް ވުރެ ބޮޑަށް މަދުކުރެވިފައިވާ ކަމަށް ބުންޏެވެ.

އަދި ލާމަރުކަޒީ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާ ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ. އަތޮޅުތެރޭގައި ކޮވިޑް19ގެ ވަބާއަށް އިޖާބަދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ކޮވިޑް19އަށް ޓެސްޓްކުރެވޭ ލެބޯރަޓަރީގެ ހިދުމަތްތަކާއި އައިސޮލޭޝަން އަދި އައިސީޔޫގެ ހިދުމަތް އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ހިދުމަތްދޭނެ މީހުން ތަމްރީނު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީއިން ބުނީ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ހިޔާލާއި ލަފައަށް އަބަދުވެސް ތަރުހީބުދޭ ކަމަށެވެ. ނަމަވެސް، ކުރީގެ އިސްވެރިން ކޮމެޓީއަށް މައުލޫމާތު ދެއްވީ އެ ބޭފުޅުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން އެއްވެސް ވަރަކަށް މިނިސްޓްރީއާ މަޝްވަރާނުކޮށްކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި އެ ބޭފުޅުން ކޮމެޓީއަށް ދެއްވާފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްތޯ ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ސިއްހީ ނިޒާމުގެ މުހިންމު މަގާމުތަކެއް ހުސްކޮށް ހުރުމުން ކަންބޮޑުވުން ފާޅުކޮށްފި

comment ކޮމެންޓް