ސިއްހީ ނިޒާމުގައި ހުރި ގިނަ އަދަދެއްގެ މުހިންމު މަގާމުތަކަކަށް އަދިވެސް ބޭފުޅުން ހަމަޖައްސާފައި ނެތުމުން އެ ނިޒާމު ހިނގަން ޖެހޭ ގޮތަށް ނުހިނގާ ކަމުގެ ކަންބޮޑުވުން ހެލްތު މިނިސްޓްރީގެ ކުރީގެ މުވައްޒަފުންތަކެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ފާޅުކުރައްވައިފިއެވެ.
ކޮވިޑް19އާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކަންކަން ކުރިއަށްގެންދާ ގޮތް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ވަނީ ނިންމައިފައެވެ. އެކަން ދިރާސާ ކުރަން ހެލްތު މިނިސްޓްރީގައި މީގެ ކުރިން އެކި މަގާމުތައް ފުރުއްވި ބޭއްފުޅުންތަކެއް މިއަދު ވަނީ އިޖުތިމާއީ ކޮމިޓީއަށް ގެނެސްފައެވެ.
އިޖުތިމާއީ ކޮމިޓީިއަށް މިއަދު ގެނެސްފައި ވަނީ ޑރ. ހުސެއިން މާހިރު، ޑރ. މުހައްމަދު ޝާފީ އަބްދުލްމުނިމް، ޑރ. އިސްގާހު ޝަފީގު، ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އަދި ހަފިޒާ އަލީ އެވެ.
އެ ބޭފުޅުންގެ ފަރާތުން މައިގަނޑު ގޮތެއްގައި ކަންބޮޑުވުންތައް ހިއްސާކުރެއްވީ ހަފީޒާއެވެ. ހަފީޒާ އެންމެ ފުރަތަމަވެސް ފާހަގަކުރެއްވީ މުހިންމު ގިނަ މަގާމުތަކެއް އަދިވެސް ހުސްކޮށް އޮތް ކަމެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމަކީ މީގެ ކުރިން ހެލްތު މިނިސްޓްރީގައި އޮތް މަގާމެއް ކަމަށް ހަފީޒާ ވިދާޅުވިއެވެ. އެއީ ޓެކްނިކަލް ކަންކަމުގައި ލަފާ ދެއްވަން ހުންނަވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަގާމުގައި ތިއްބަވަނީ ސްޕެޝަލައިޑް ޑޮކްޓަރުން ކަމަށާއި އެއީ އެހެން ގައުމުތަކުގެ ހެލްތު މިނިސްޓްރީގައިވެސް ހުންނަ މަގާމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ، ހެލްތު މިިނިސްޓްރީގެ އެ މަގާމަށް ބޭފުޅަކު ހަމަނުޖައްސާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސެސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ، ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑީންކަމުގައި މިހާރު ހުންނެވި ޑރ. ޝީޒާ އަލީއެވެ. ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސެސްގެ މަގާމުން ޝީޒާ ވަކިވެވަޑައިގަތީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.
"އެ މަގާމު ހުސްކޮށް އޮންނަތާ ދުވަސްތަކެއް ވެއްޖެ. މަގާމަށް އަންނާނެ މީހަކުވެސް ނުވަނީ ސިވިލް ސާވިސްގެ މަގާމަކަށްވެފައި މުސާރަވެސް ދަށްވީމަ. އެ މަގާމުގެ މަސްއޫލިއްޔަތު ބޮޑުކަމުން މަގާމު އަދާ ކުރަން އަންނާނެ މީހަކުވެސް ނެތީމަ އަބަދުވެސް މިނިސްޓްރީގެ ކޮންމެވެސް ޓެކްނިކަލް މީހަކާ އެ ފަންކްޝަން ހަވާލުކޮށްގެން ކުރިއަށްގެންދާތާ ދުވަސްތަކެއް ވެއްޖެ،" ހަފީޒާ ވިދާޅުވިއެވެ.
އޭގެ އިތުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް އޮތީ ހުސްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެތަނުގެ ބޭފުޅަކު އެތަން ހިންގަވާތީ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޭޝަނަލް ބްލަޑް ސާވިސަސްގެ ޑިރެކްޓަރުގެ މަގާމަށްވެސް ބޭފުޅަކު ހަމަޖައްސާފައި ނުވާކަން ހަފީޒާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ލޭ އެޅުމާއި، ތެލެސީމިއާއި، ލެއާ ގުޅުންހުރި އެހެން މައްސަލަތައް ބަލާ ހެމަޓޮލޮޖިސްޓަކުވެސް ހަމަޖައްސާފައި ނުހުންނަކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަަންސްއަކީ އުފައްދަން ގާނޫނު ލާޒިމު ކުރާ މަގާމެއް ކަމަށާއި، ނަމަވެސް އަދިވެސް އެ މަގާމު އުފައްދާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަގާމު މިހާރު ސިވިލް ސާވިސްގެ މަގާމަކަށް ހަދައި ބޭފުޅަކު ހޯދަން އިއުލާނުކޮށްފައިވާ ކަމަށް ހަފީޒާ ވިދާޅުވިއެވެ. ނަމަވެސް، ސިވިލް ސާވިސްގެ މަގާމަކަށް އެ މަގާމު ހަދައިގެން ކޮމިޝަނަރުގެ މިނިވަންކަން ގެއްލޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
މި ހުރިހާ މަގާމުތަކަކީވެސް އެއާ ނުލައި އެންމެ ފުރިހަމައަށް ސިއްހީ ހިދުމަތް ނުދެވޭނެ މަގާމުތަކެއް ކަމަށް ހަފީޒާ ވިދާޅުވިއެވެ.
"މި މަގާމުތަކާ ނުލައި ސިއްހީ ހިދުމަތެއް ފޯރެއް ނުކޮށްދެވޭނެ. ރަނގަޅު ފެންވަރެއްގައި ސިއްހީ ހިދުމަތް ފޫކޮށްދެންޏާ މި މަގާމުތައް އެބަ ޖެހޭ އޭގެ އަސްލު ގޮތުުގައި ހަރަކާތްތެރިވާން،" ހަފީޒާ ވިދާޅުވިއެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ ކޮވިޑް-19އާ ގުޅޭ ކަންކަން އިންތިޒާމު ކުރުމުގައި ސަރުކާރުން އަމަލު ކުރާ ގޮތާ މެދުވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެ ބޭފުޅުން ވިދާޅުވީ، އާންމު ސިއްހަތުގެ ނިޒާމު ފެއިލްވަމުންދާ ކަމަށެވެ.