މެލޭޝިއާގެ ކުރީގެ ފިނޭންސް މިނިސްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްފި

މެލޭޝިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ލިމް ގުއަން އެންގްގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ދައުވާކޮށްފަ -- ފޮޓޯ: އޭޕީ

ކުއަލަލަމްޕޫރު (އޮގަސްޓު 7): މެލޭޝިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ލިމް ގުއަން އެންގްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި އެވެ.

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ހުރި ސްޕެޝަލް ކޮރަޕްޝަން ކޯޓުން ލިމްގެ މައްޗަށް ދައުވާ ކުރީ 2011 ވަނަ އަހަރު އޭނާ ޕެނަންގްގެ ޗީފް މިނިސްޓަރު ކަމުގައި ހުންނެވި އިރު ރިޝްވަތު ހޯއްދަވަން މަސައްކަތް ކުރެއްވުމުގެ ތުހުމަތުގަ އެވެ. އެގޮތުން ޕެނަންގުގައި މަގުތަކާއި ޓަނަލްތައް ހެދުމަށް އެގައުމުގެ ކުންފުންޏަކާ ސަރުކާރުން ހަވާލު ކުރި 1.5 ބިލިއަން ޑޮލަރުގެ މަޝްރޫއަކުން ލިބޭ ފައިދާގެ 10 ޕަސެންޓު ލިމްއަށް ދިނުމަށް އޭނާ އެދުނު ކަމަށް ދައުވާގައިވެ އެވެ.

ޕެނަންގުގެ ޗީފް މިނިސްޓަރުގެ ގޮތުގައި ލިމް ހުންނެވީ 2008އިން 2018އާ ހަމަޔަށެވެ. އަދި 2018އިން ފެށިގެން މިއަހަރުގެ ފެބްރުއަރީ މަހާ ޖެހެންދެން އޭނާ ހުންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގަ އެވެ.

ލިމް ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާ، އެއީ އޭނާ އިދިކޮޅު މެމްބަރެއްގެ ގޮތުގައި ޕާލިމެންޓުގައި ކުރައްވާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކުރި ދައުވާއެއް ކަމަށް ވިދާޅުވެފަ އެވެ.

ލިމްގެ މައްޗަށް ކުރި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ ގިނަވެގެން 20 އަހަރަށް ޖަލަށް ލެވިދާނެ އެވެ. އަދި މެލޭޝިއާގެ އެންޓި ކޮރަޕްޝަން އޭޖެންސީން ވަނީ ލިމްގެ މައްޗަށް އަދި އިތުރު ދެ ދައުވާއެއް ކުރާނެ ކަމަށް ބުނެފަ އެވެ.

ލިމް އަކީ 2018 ވަނަ އަހަރު މެލޭޝިއާގެ ވެރިކަމަށް އިންތިހާބުވި އެލަޔަންސް އޮފް ހޯޕްގައި ހިމެނޭ ޑިމޮކްރެޓިކް އެކަޝަން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އެވެ. އެ އެލަޔަންސުން ވެރިކަމަށް އައީ މަޖިލިސް އިންތިހާބުގައި ބަރިސަން ނޭޝަނަލް ކޯލިޝަން ބޮޑު ތަފާތަކުން ބަލިކޮށްގެން ކަމަށްވީ ނަމަވެސް މިދިޔަ ފެބްރުއަރީ މަހު އެ ސަރުކާރު ވަނީ ރޫޅިފަ އެވެ. އަދި އޭރުގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވެރިކަމުން އިސްތިއުފާ ދެއްވުމުން، ބަރިސަން ނެޝަނަލްގެ މެމްބަރުންތަކެއްގެ ތާއިދާ އެކު ބޮޑުވަޒީރު ކަމަށް އިސްވީ މަހާތިރުގެ ޕާޓީގެ ލީޑަރު މުހިއްޔުއްދީން ޔާސީން އެވެ. އޭގެ ފަހުން މަހާތިރު ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް