ފަރުވާ ނިމި ރާއްޖެ އައުމަށް ޓެސްޓް ކުރުމުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވެއްޖެ

އިންޑިއާގެ ކިމްސް ހޮސްޕިޓަލް

ފަރުވާ ނިމި ރާއްޖެ އައުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވުމުން ދެ މީހަކު އިންޑިއާގައި މަޑުކުރަން ޖެހިފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވީ، އެ ކުންފުނީގެ ހަރަދުގައި އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް ރާއްޖެ އައުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓް ޕޮޒިޓިވްވުމުން ދެ މީހުން އެ ގައުމުގައި ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.

"އެންމެ ފަހުން ކިމްސްއަށް ދިޔަ ބެޗުގެ ދެ ބޭފުޅުން އެއް ޕޭޝަންޓާއި އެއް ބައި ސްޓޭންޓް މިއަދު ވަނީ ޕޮޒިޓިވްވެފައި. އެއީ ދެން ވަރަށް ހިތާމެރިކަމެއް،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޕޭޝަންޓަކާއި އެހެން ޕޭޝަންޓެއްގެ އެހީތެރިއެއްގެ ގޮތުގައި އިންޑިއާށް ގޮސް ހުރި ދެ މީހުން ކަން އިބްރާހިމް ރަޝީދު ފާހަގަކުރެއްވި އެވެ.

ޕްރޮޓޮކޯލް އޮންނަ ގޮތުން އިންޑިއާށް ދެވެނީ ކޮވިޑަށް ޓެސްޓް ކޮށް ނަތީޖާ ނެގެޓިވްވާ ފަރާތްތަކަށް ކަން އިބްރާހިމް ރަޝީދު ފާހަގަކުރެއްވި އެވެ. އަދި އެ ގައުމަށް ގޮސް ކޮވިޑަށް ޓެސްޓް ކުރަން ޖެހޭއިރު އެނބުރި ރާއްޖެ އައުމުގެ ކުރިން ވެސް ކޮވިޑަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ޕޮޒިޓިވް ދެ މީހުނަށް ރާއްޖެ އާދެވޭނީ ބަލިން ރަނގަޅުވުމުން ކަމަށް އާސަންދައިން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު އިންޑިއާއަށް ދިޔަ ދެވަނަ ބެޗުން ހަތަރު މީހުން ކޮވިޑަށް ޕޮޒިޓިވްވިކަން ފާހަގަކޮށް މުހައްމަދު ވިދާޅުވީ އޭގެ ތެރެއިން އެކަކީ ޕޭޝަންޓެއް ކަމަށާއި އަނެއް ތިން މީހުންނަކީ އެހީތެރިންގެ ގޮތުގައި އިންޑިއާއަށް ދިޔަ ތިން މީހުން ކަމަށެވެ. އޭގެ ތެރެއިން ޕޭޝަންޓާއި އެކު ތިން މީހަކު ކޮވިޑުން ރަނގަޅު ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް