ޕްރައިވެސީ މައްސަލައިގައި ޓްވިޓާއަށް ބޮޑު ޖޫރިމަނާއެއް

ދާދިފަހުން ޓްވިޓާގެ މަޝްހޫރު އެކައުންޓުތަކަށް ދިމާވި މައްސަލައާ ގުޅިގެން ޕްރައިވެސީ ކަންތައްތަކާ ގުޅިގެން އެކުންފުންޏަށް 250 މިލިއަން ޑޮލަރުގެ ބޮޑު ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ އެވެ.

ޓްވިޓާގެ ޕްރައިވެސީ މައްސަލައާ ގުޅިގެން ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ)އިން ދަނީ އެ ޕްލެޓްފޯމާ ދެކޮޅަށް ހާއްސަ ތަހުގީގެއް ކުރަމުންނެވެ.

އެފްޓީސީއިން ބުނެފައިވަނީ ދާދިފަހުން އާންމުވި ޕްރައިވެސީ މައްސަލައިގެ އިތުރުން 2011ގެ ފެންމަތިވި މައްސަލަތަކެއްވެސް ދަނީ ބަލަމުން ކަމަށެވެ. އެފްޓީސީއިން ބުނެފައިވަނީ އެ މައްސަލަތަކަކީ ޓްވިޓާއިން އެ އަހަރު އާންމުކުރި ކޮންސެންޓް ޑިކްރީ އާ ހިލާފުވާ މައްސަލަތަކެއް ކަމަށެވެ. އަދި އެހެންކަމުން އެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށް އެފްޓީސީއިން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ޓްވިޓާއިން ބުނެފައިވަނީ އެ މައްސަލަތަކަށް އަދި ވަކި ގޮތެއް އެފްޓީސީއިން ނިންމާފައި ނުވާ ކަމަށެވެ. އަދި ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދުވެސް ފައިނަލް ވެފައި ނުވާ ކަމަށްވެސް ޓްވިޓާއިން ބުނެ އެވެ. އެކުންފުނިން ބުނަނީ 150 މިލިއަނާއި 250 މިލިއަނާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ބޮޑަށް ބެލެވެނީ 250 މިލިއަން ޑޮލަރުގެ ޖޫރިމަނާއެެއް ދައްކަން ޖެހުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށް ޓްވިޓާއިން ބުނެފައިވެ އެވެ.

comment ކޮމެންޓް