އައިއެސްއިން އަފްގާންގެ ޖަލަކަށް ހަމަލާދީ 1000އެއްހާ ކުށްވެރިން މިނިވަންކޮށްފި

އައިއެސްއިން އަފްގާންގެ ޖަލަކަށް ދިން ހަމަލާ --

އަފްގާނިސްތާނުގެ ނަންގަހާރު ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ޖަލާލު އާބާދުގައި ހުންނަ ޖަލަކަށް ޓެރަރިސްޓު ޖަމާއަތް، އައިއެސްއިން ހަމަލާ ދީ 1000އެއްހާ ކުށްވެރިން މިނިވަންކޮށްފި އެވެ.

އެ ހާދިސާގައި ޖަލުން ވަނީީ 19 މީހުން މަރުވެސްވެފަ އެވެ.

އެ ހަމަލާގައި ޖަލަށް ވަންނަ ސަރަހައްދުގައި ވަނީ ކާރު ބޮމެއްވެސް ގޮއްވާލައިފަ އެވެ. އަދި ރައްދުގައި ދިން ހަމަލާތަކުގައި ހަނގުރާމަވެރިންގެ އަށް މީހުން ވަނީ މަރާލައިފަ އެވެ.

އަފްގާނިސްތާނުގެ ޖަލުތަކަށް ހަމަލާ ދިނުމަކީ އާންމު ކަމެކެެވެ. ނަމަވެސް މިއީ އައިއެސްއިން ޖަލަަކަށް އަމާޒުކޮށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާ އެެވެ. އެ ހަމާލާގައި ބައިވެރިނުވާކަމަށް ތަލިބާނުން ވަނީ ބުނެފަ އެވެ.

އެ ހަމަލާ ދިންއިރު 1793 ގައިދީން ޖަލުގައި ތިއްބެވެ. އަދި ފިލި ބައެއް މީހުން އަނބުރާ ޖަލަށް ގެނެސްފައިވާއިރު އަދިވެސް 300 އެއްހާ ގައިދީން އަތުލައެއް ނުގަނެވެ އެވެ.

ޖަލަށް ވަރުގަދަ ހަމަލާތަކެއް ދިންއިރު އަފްގާނިސްތާނުގެ އައިއެސްގެ އިސް ކޮމާންޑަރެއް މަރާލައިފައިވާ ކަމަށް އެގައުމުގެ އިންޓެލިޖެންސް އޭޖެންސީން ވަނީ ހާމަކޮށްފަ އެވެ. މަރާލި ކޮމާންޑަރު އަސަދުއްﷲ އޮރަކަޒާއީ މަރާލައިފައިވަނީ ޖަލާލު އާބާދުއާ ކައިރި ސަރަަހައްދަކުންނެވެ.

އެ ސަރަހައްދުން އައިއެސް ފައްސާލެވިފައިވާ ކަމަށް އަފްގާނިސްތާނުގެ ސަރުކާރުން ބުންޏަސް އެ ހިސާބަކީ އަދިވެސް އައިއެސްގެ ވަރުގަދަ މޫތައް އޮންނަ ސަރަހައްދެކެެވެ.

އެ ސަރަހައްދުގައި ލޭ އޮހޮރުވުން ބޮޑު ހަމަލާތަކެއް މިއަހަރު ވަނީ ދީފަ އެވެ. ހާއްސަކޮށް މީހެއްގެ ޖަނާޒާ ކުރިއަށް ދަނިކޮށް ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 32 އާންމުންގެ މީހުން މަރުވި ހާދިސާ ހިމެނެ އެވެ. --ބީބީސީ

comment ކޮމެންޓް